މެންބަރުންގެ ޚިޔާލު: ފެއިލްވީ ކޮންބައެއް ހެއްޔެވެ؟

ފުނަމާ

ދިވެހިރާއްޖޭގެ ރައްޔިތުން އަތުގުޅާލާ ނުކުމެ ކުރީގެ ޚުދުމުޚުތާރު ވެރިކަން ބަދަލުކޮށް ނިންމާލީ ގާނޫނުއަސާސީ އަށްވެސް ބަދަލު ގެނެސްގެންނެވެ. ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމަށް ބޭނުންވާގޮތަށް ކަންކަން ކުރެވޭނެ އުސޫލުތައް ބަޔާންކޮށް ގާނޫނުއަސާސީ އިން މުޅިވެރިކަމުގެ ނިޒާމަށް މިވަނީ ބަދަލު ގެނެސްފައެވެ. މަލްޓިޕާޓީ ޑިމޮކްރަސީއަކަށް އޮމާންކޮށް ގައުމު ފުރޮޅާލައި ވެރިކަމުގެ ބާރުތައް ހައްދުފަހަނަ އަޅާގޮތަށް އޮތް އޮތުންވެސް ބަދަލުކުރީމުއެވެ. މިވެރިކަން ފެށިގެން އައީ ރައްޔިތުންގެ އެތަކެއް އުންމީދުތަކާއެކުގައެވެ. ނަމަވެސް މިއަދު މިފެންނަނީ ރައްޔިތުން އުންމީދުކުރަމުން ގެންދިޔަ ބަދަލުތައް ހެއްޔެވެ؟ އަޅުގަނޑުމެން ހާސިލްކުރާން އުޅުނީ ކޮންކަމެއް ހެއްޔެވެ؟ ބޭނުންވީ ކޮން ބަދަލުތަކެއް ހެއްޔެވެ؟
މިއަދު އަޅުގަނޑުމެންގެ ތެރޭގައި އެންމެ ގިނައިން އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް ބުނެއުޅޭ އެއްބަހަކީ ފެއިލްވެފައެވެ. ފެއިލްވީ ކޮންކަމެއް ހެއްޔެވެ؟ ފެއިލްވިނަމަ ފެއިލްވީ ކީއްވެގެން ހެއްޔެވެ؟ ހަގީގަތުގައިވެސް މިގައުމުގައި ރަނގަޅު އެއްކަމެއްވެސް ނެތީހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު އެކިމީހުން ދެނީ އެކިގޮތަށެވެ. ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވިދާޅުވަނީ ކަންކަން މިދަނީ ރަނގަޅު ކުރަމުން ކަމުގައެވެ. އެހެނަސް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ހައްދަވައިގެން ހަމައެއްކަމެއްވެސްް މިސަރުކާރުން ރަނގަޅަށް ނުކުރާ ކަމުގައެވެ. ދެފަރާތުންވެސް ހުއްޖަތް ދައްކައެވެ. އެނގޭ ކަމަކީ ހަމަ ކުއްލިއަކަށް އެއްވެސް ކަމެއް ރަނގަޅު ނުވާނެ ކަމެވެ. ހިތްއެދޭ ކޮންމެ ކަމެއް ހަމައެއެދޭގޮތަށް ހާސިލްކުރެވުމަކީވެސް ބައެއްފަހަރު ނުވާނެ ކަމެއް ކަމެވެ. އެކަމަކު އެދޭ އެއްވެސް ކަމެއް ހާސިލް ނުކުރެވުމަކީ މާޔޫސްވެ ގޮތްހުސްވެ އުންމީދުތައް ގެއްލިގެން ދާނެކަމެއް ކަމެވެ. ހާލަތާ ގުޅިގެން ނުކުރެވުމާ، ރޭވުންތެރިކަމެއް ނެތިގެން ނަތީޖާ ނުނެރެވުމަކީ ދެކަމެކެވެ.
ސަރުކާރެއް މިއަންނަނީ 5 އަހަރުގެ ދައުރަކަށެވެ. އެކަކަށް މިހާރު އޮތްގޮތުން ވެރިކަމުގައި އެންމެ ގިނަވެގެން ހުރެވޭނީ ދެދައުރުގައެވެ. އެހެން ކަމުން ކޮންމެ މީހަކުވެސް ވެރިކަމަށް އައިސް ފުރަތަމަ ދައުރުގައި ދެވަނަދައުރުގައި ރައްޔިތުން ތިމާއަށް ވެރިކަން ދޭނެގޮތަށް ކަންކަން ކުރެވޭތޯ ބަލާނެކަމީ އޮޅުމެއްނެތި އެނގޭނެ ކަމެކެވެ. ރައްޔިތުންނަށް ވީވައުދުތަކުގެ ބޮޑުމިންވަރެއް ހާސިލް ނުކުރެވިއްޖެނަމަ ދެވަނަ ދައުރަކަށް އެމީހަކު ވެރިކަމުގައި ނުބަހައްޓާނެކަން ވެރިމީހާއަށް އެނގޭނެއެވެ. ހަމައެހެންމެ އިދިކޮޅު ފަރާތްތަކުގެ ބޭނުމަކަށްވާނީ ވީއެންމެ އަވަހަށް ވެރިކަމަށް އައުމެވެ. ސަރުކާރު ފެއިލްވެގެން ނޫނީ އިދިކޮޅު ފަރާތްތަކަށް ވެރިކަން ނުލިބޭނެކަމީ އޮޅުމެއްނެތި އެނގޭނެ ކަމެކެވެ. އެހެން ކަމުން ސަރުކާރު ފެއިލް ކޮއްލުމަށް ކުރެވެންއޮތް ކޮންމެ މަސައްކަތެއް އިދިކޮޅު ފަރާތްތަކުން ކުރާނެއެވެ. އެހެނަސް މީގެ ސަބަބުން ގެއްލުން ލިބިގެންދާނީ ޝައްކެއްނެތި ރައްޔިތުންނަށެވެ. މަސްހުނިވެ އޮޅޭނީ ގައުމުގެ ކުރިމަގެވެ.
މިއަދު ރާއްޖޭގައި މިއޮތީ ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެކެވެ. ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެހީތެރިވެދޭން މިވަނީ ސިވިލް ސާވިސް ކޮމިޝަންއެއް އުފައްދާފައެވެ. ގާނޫނުހަދާ ބާރުވަނީ ވަކިކުރެވިފައެވެ. ޝަރުއީދާއިރާ މިވަނީ މުސްތަޤިއްލު ކުރެވިފައެވެ. ނަމަވެސް ސުވާލަކީ މިދެންނެވި ތިންބާރު އެއްބާރާ އަނެއްބާރާ މުޑިއަރަނީ ކިހާވަރަކަށް ބާވައެވެ. ގާނޫނުއަސާސީގައި އެބުނާ ރިޔާސީ ނިޒާމާ ފުށުއަރާ ހިސާބަކީ ކޮބައިހެއްޔެވެ؟ ސިވިލްސާވިސް ކޮމިޝަނުން އެމުއައްސަސާގެ ދަށުގައި އެތިބަ މުއައްޒަފުން ލައްވައި ސަރުކާރުގެ ސިޔާސަތު ހިންގުމަށް ބާރުއަޅަނީ ކިހާވަރަކަށް ހެއްޔެވެ؟ އެގްޒެކްޓިވް ބާރުގެ ތެރެއަށް ގާނޫނުހަދާ މަޖިލީހުން ވަދެގަނެ އެންމެފަހުން ސިވިލް ސާވިސް ވެސް އެވަނީ ހައިޖެކް ކޮއްފައި ކަމުގައި ބަޔަކު އެބަބުނެއެވެ.
މިސަރުކާރު ފެށުނީއްސުރެ އެންމެ ބާރަށް ސަރުކާރުން ވިދަޅުވަމުން ގެންދަވަނީ ސިވިލްސާވިސްގެ އެހީތެރިކަން އެންމެ ފުރިހަމަގޮތުގައި ސަރުކާރަށް ލިބެމުން ނުދާވާހަކައެވެ. ސިވިލްސާވިސް ކޮމިޝަންއާއި ވެރިކަން ހިންގާ ބާރަކީ ދެސަރުކާރެއް ކަމުގައި ހީވާމިންވަރަށާއި އަދި މިތަނުން ބާރުގަދައީ ކޮންބައެއްކަން ނޭނގޭ މިންވަރަށް މިދެފަރާތުގެ ކޯޅުން ބޮޑުވެ ޝަރީއަތާ ކުރިމަތިލާފައިވެސް އެބަހުއްޓެވެ. އެންމެ ފަހުން މިއަދު މިފެންނަނީ ސަރުކާރުގެ ބައެއް މުއައްސަސާ ތަކުގައި ދިފާއީ ބާރުން ގޮނޑިއަޅައިގެން ތިބޭ މަންޒަރެވެ. ކީއްވެގެން ހެއްޔެވެ؟ ބިދޭސީންގެ މައްސަލަ މުޅިރާއްޖެއަށް ބޮޑުވެފައިވާ މިންވަރަކީ ދުލުން ބުނެލެވޭވަރުގެ ކަމެއް ނޫނެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ބިދޭސީން ތިބިއިރު އޭގެ ދެބައިކުޅަ އެއްބަޔާ އެއްވަރެއްގެ މީހުންނަކީ ރާއްޖޭގެ ގަވާއިދުތައް މުގުރާފައި އެތެރެވެތިބި މީހުންނެވެ. މަސްތުވާ ތަކެތީގެ ވަބާއާއި ރާއްޖެއިން މުޅީން ފިލުވަލެވިފައިވާ ބަލިތައް އިންޕޯޓުކޮށްގެން އެމީހުން މިނިވަންކަމާއެކު އެތިބެނީ ކަމާބެހޭ މުއައްސަސާތަކުގެ ކޮންދިމާލެއްގައި ހުރިބާގަނޑު ތަކަކުންކަން ބުނެދޭން އެނގުނު އެކަކުވެސް ނެތެވެ. ޒިންމާ ނަގާންޖެހެނީ ސަރުކާރަށެވެ. ސަރުކާރު ފެއިލުވެއްޖެ ކަމުގައި ބުނެ ގޮވައި ނަގަނީއެވެ. މިއަދު ރާއްޖޭގައި މިއޮތީ ލާމަރުކަޒީ އުސޫލުން ހިންގުން ތައާރަފު ކުރެވިފައެވެ. ކައުންސިލްތައް އެމީހުންގެ ގޮނޑިއާއި ހަވާލުވިތާ ފުރިހަމަ ހަތަރުމަސް ވެއްޖެއެވެ. އަދިހަމަ ރައްޔިތުންނަށް ކޮށްދެވުނު އެއްކަމެއްވެސް ނެތޭ ބުނާމީހުންވެސް މަދެއް ނޫނެވެ. ކޮންމެ އަހަރެއްގައި ވަކި މޫސުމަކަށް ރާއްޖޭގައި ފެތުރެމުންދާ މޫސުމީ ރޯގާތައް ފެތުރެމުންދިޔައިރު މިކަމާ ކުރިއާލައި ތައްޔާރުވީ ކިތައް ކައުންސިލުން ހެއްޔެވެ؟ ޢާންމު ސިއްހަތާ ބެހޭ ކަންކަން ހިންގުމާ ހަވާލުވެތިބީ ކައުންސިލް ތަކުންނެވެ. ސަރުކާރުގެ ބަހެއް ސިއްހީ މީހުންގެ ލަފައެއް އަޑުއަހާކަށް ކައުންސިލްތައް ބޭނުމެއް ނޫނެވެ. ސަރުކާރުން އުފައްދާފައިވާ އެއްވެސް މުއައްސަސާއަކަށް ޖަވާބުދާރީ ނުވާނެ ކަމުގައިބުނެ ގަރާރުތައްވެސް އެވަނީ ފާސްކޮށްފައެވެ. އެހެންކަމުން ރައްޔިތުންގެ ކަންކަން ހިންގުމާއި އެތަކެއް ވައުދުތައް ވެގެން ހަވާލުވެއޮތް ސަރުކާރަށް ފުލުހުންނާއި ސިފައިން ނެރެގެން ނަމަވެސް ރައްޔިތުންނަށް ޚިދުމަތްދޭން މަޖުބޫރު ނުވެޔޭ ދެންނެވޭކަށް ނެތެވެ. ސިވިލް ސާވިސް ކޮމިޝަން އާއި ކައުންސިލްތައް ހަގީގަތުގައިވެސް މިވަނީ ފެއިލްވެފައެވެ.