އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާ އެއްފެންވަރަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުވުމަށް ނިންމައިފި

cabinet

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާ އެއްފެންވަރަކަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރެއްވުމަށް ކުރެއްވެންހުރި ދިރާސާތައް ކުރައްވައި، އެމަސައްކަތްތައް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

ޞިއްޙީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށްޓަކައި އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތްތަކެއް ހުށަހެޅުއްވުމަށް ވަޒީރުން ހިމެނިވަޑައިގަންނަވާ ސްޓިއަރިންގ ކޮމިޓީއެއްވެސް އިއްޔެގެ ޖަލްސާއިން ނެންގެވިއެވެ.

މާލޭގައި މިހާރު ފެތުރެމުންދާ ޑެންގީ ހުމުގެ ރޯގާ ކޮންޓްރޯލް ކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. އަދި މާލެއާއި ރަށްރަށުގައި ފެން ހިފެހެއްޓި، މަދިރި އާލާވާ ގޮތަށް ހުރި ތަންތަނާ ގުޅޭގޮތުން ޢަމަލުކުރާނެ އުޞޫލެއް އެކުލަވައިލެއްވުމަށްވެސް ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، [އޮފީސް ފޮރ ކައުންޓަރިންގ ޓެރަރިޒަމް] މިނަމުގައި އާ އޮފީހެއް އުފެއްދެވުމަށްވެސް ނިންމެވިއެވެ. މިއޮފީހަކީ ރާއްޖެއަށް ދިމާވާ ޓެރަރިޒަމްގެ އެންމެހާ ނުރައްކަލުން ސަލާމަތްވުމަށާއި، ރައްކާތެރި ކުރުމަށާއި، ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލު ކުރުމަށާއި، އަދި އެކަމާ ގުޅިގެން ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާ އޮފީހެކެވެ. މިއޮފީސް ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބެއްލެވުމުގެ ދަށުންނެވެ.