މުސްލިމުންނަކީ ފަޤީރު އަދި ނާތަހުޒީބު ބައެއްގެ ގޮތުގައި ބައެއް މީހުން ދުށްނަމަވެސް އެއީ ހަޤީގަތެއް ނޫން ކަމުގައި ރައީސް ވިދާޅުވެއްޖެ

19 މެއި 2010

hep-weif

މުސްލިމުންނަކީ ނާތަހުޒީބު އަދި ފަޤީރު ބައެއްގެ ގޮތުގައި ބައެއް މީހުން ދުށްނަމަވެސް އެއީ ހަޤީގަތެއް ނޫން ކަމަށާއި ޙަޤީގަތުގައި އިސްލާމީ ޤައުމުތައްދަނީ ތަރައްޤީއާއި ތަމައްދުނުގައި ކުރި ހޯދަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި މިހާރު ހިނގަމުންދާ 6 ވަނަ ވޯރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަމުގެ ހެކިތައް ދުނިޔޭގެ އެކިކަންކޮޅުތަކުން ފެންނާން އެބަހުރިކަމަށާއި، ޔޫރަޕާއި އުތުރު އެމެރިކާގައިވާ ހުޅުވާލެވިފައިވާ އިޤްތިޞާދުގެ ފައިދާ އެޤައުމުތަކަށް ހިޖުރަކޮށްފައިވާ މުސްލިމުން ވަރަށް ރަނގަޅަށް ހޯދަމުންދާ ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސް ވިދާޅުވީ ރާއްޖޭގެ އެކްސްޕޯޓް އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ ކަނޑުމަހާއި ފަތުރުވެރިކަމުގެ މައްޗަށް ކަމުގައެވެ. އަދި ރާއްޖެއަކީ ކަނޑުމަހާއި ފަތުރުވެރިކަމުގެ އިތުރުންވެސް، އިޤްތިޞާދީ ބޮޑެތި ފުރުސަތުތަކެއް ހުރި ޤައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މުދަލާއި ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ފޯރުވައިދެވޭނެ ވަސީލަތަކީ ހުޅުވާލެވިފައިވާ އިޤްތިޞާދެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެގޮތުން ސަރުކާރުން މިހާރުވަނީ އަމިއްލަ ވިޔަފާރިއަށާއި، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހިންގާ ވިޔަފާރިއަށް ރާއްޖޭގެ އިޤްތިޞާދު ހުޅުއްވާލައްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ފަދައިން ދިވެހިންނަކީ އަބަދުވެސް ވަރަށް މަސައްކަތްތެރި ބައެއް ކަމަށާއި، މުސްލިމުންގެ މި ހިތްވަރާއި ފަންނުވެރިކަން ކުރިއެރުވުމަށް އިތުރަށް ބާރުއަޅައި އެކަން ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ މުސްލިމް ޤައުމުތަކުގެ މެދުގައި އިޤްތިޞާދާއި ވިޔަފާރިއާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.މިބައްދަލުވުމުގައި ދުނިޔޭގެ ޤައުމުތަކުގެ ބައެއް އިސްވެރިންނާއި ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާއި ބޮޑެތި ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.