ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ހެންވޭރު ދެކުނު ރައްޔިތުންނަށް ދިނުމަށް އެ ދާއިރާގެ އެމްޑީޕީ އޮފީހުން ޚާއްސަ ޓީމެއް އެކުލަވާލައިފި

އިބްރާހީމް ރާމިޒް

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ރައީސް ހުސައިން ޝަހީމް (ކ) ... ފޮޓޯ: އެމްޑީޕީ
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ރައީސް ހުސައިން ޝަހީމް (ކ) ... ފޮޓޯ: އެމްޑީޕީ

ސަރުކާރުން ރައްޔިތުންނަށް މުޅިން އަލަށް ފޯރުކޮށްދޭޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ހެންވޭރު ދެކުނު ރައްޔިތުންނަށް ދިނުމަށް އެ ދާއިރާގެ އެމްޑީޕީ އޮފީހުން ޚާއްސަ ޓީމެއް އެކުލަވާލައިފިއެވެ.
މިކަމާ ބެހޭ ގޮތުން އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން އެ ދާއިރާގެ އެމްޑީޕީ ރައީސް ޙުސައިން ޝަހީމް ވިދާޅުވީ 22 މެންބަރުންގެ މި ކޮމިޓީއަކީ ދިވެހި ސަރުކާރުން ރައްޔިތުންނަށް މުޅިން އަލަށް ފޯރުކޮށްދެމުންދާ ސަބްސިޑީ އާއި، މަދަނަ ފަދަ ތަފާތު ޚިދުމަތްތަކާ ބެހޭ މައުލޫމާތު އެދާއިރާގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، ނަގާފައިވާ ޓީމެއް ކަމަށެވެ. އެ ގޮތުން މި ޓީމުން އެންމެ އިސްކަމެއް ދީގެން ކުރަން ހަމަޖެހިފައިވާ ކަމަކީ ސަރުކާރުގެ ޓެކްސް ބިލްތަކާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި، މި ޓީމުގެ ބޭފުޅުން މިހާރު ރައީސް އޮފީހުގެ ސިޔާސަތު ރާވާ ހިންގާ ބައެއް ފަރާތްތަކާ ބައްދަލުކޮށް، ޓެކްސް ބިލްތަކާ ބެހޭ މައުލޫމާތު މިހާރު ހޯދާފައިވާ ކަމަށާއި، މީގެ އިތުރުން ސްޓެލްކޯގެ ޓީމަކާއި، އެންސްޕާގެ ޓިމަކާ ވެސް މި ޓީމުން ބައްދަލުކޮށް އެ ފަރާތްތަކުން ދެމުން ގެންދާ ޚިދުމަތްތަކާއި ބެހޭ ފުރިހަމަ މަޢުލޫމާތު ހޯދާފައިވާ ކަމަށް ޙުސައިން ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހެންވޭރު ދެކުނުގެ މި ޓީމަށް ވަރަަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަން ވެސް ޙުސައިން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
ހުސައިން އިތުރަށް ވިދާޅުވީ މި ޓީމުގެ ބޭފުޅުން މިހާރު ވޮލަންޓިއަރކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޑެންގީ އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ޓާސްކްފޯހުގެ ހެލްޕް ޑެސްކުގައި ކަމުން، މި ޓީމުގެ އެހެން މަސައްކަތްތައް މިހާރު މަޑުޖެހިފައިވީ ނަމަވެސް ޑެންގީ ހުން ކޮންޓްރޯލްވުމާއެކު އަލުން މިޓީމުގެ މަސައްކަތް ފަށައިގަނެ އެދާއިރާގައި ދޮރުން ދޮރަށް މި ކެމްޕެއިން ކުރިޔަށް ގެންދާނޭ ކަމަށެވެ.
މިއީ ސަރުކާރުން އާންމު ރައްޔިތުންނަށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމްޑީޕީގެ ދާއިރާ އަކުން ނެގި މިފަދަ ފުރަތަމަ ކޮމިޓީ އެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދަނީ އެ ދާއިރާގެ އެމްޑީޕީ ރައީސް ޙުސައިން ޝަހީމްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.