ޑެންގީއާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް އެމްޑީޕީގެ އިސް ޓީމެއް ގާފަރަށް ވަޑައިގެންފި

އިބްރާހީމް ރާމިޒް

މާރިޔާ ދީދީ، ޑެންގީ އިން ރައްކާތެރިވުމާބެހޭ ލީފްލެޓެއް ގާފަރު ރައްޔިތަކާ ހަވާލުކުރައްވަނީ .. ފޮޓޯ: މަންދީ/ހެންވޭރު ދެކުނު
މާރިޔާ ދީދީ، ޑެންގީ އިން ރައްކާތެރިވުމާބެހޭ ލީފްލެޓެއް ގާފަރު ރައްޔިތަކާ ހަވާލުކުރައްވަނީ .. ފޮޓޯ: މަންދީ/ހެންވޭރު ދެކުނު

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ހަލުވިކަމާއެކު ފެތުރެމުންދިޔަ ޑެންގީ ހުމާމެދު އާންމުން ހޭލުންތެރިކުރުވުމަށް އެމްޑީޕީގެ އިސް ޓީމެއް ކ. ގާފަރަށް ޒިޔާރަތްކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ގާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުން ހޭލުންތެރިކުރުމަށް ދިޔަ އެމްޑީޕީގެ ވަފްދުގައި މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި ކުރިން މާލެ އަތޮޅުގެ މެންބަރުކަން ކުރެއްވި މާރިޔާ އަޙުމަދު ދީދީ ވެސް ވަޑައިގެންނެވިއެވެ. އަދި މި ޓީމުން ގާފަރު ރައްޔިތުން، ނުރައްކާތެރި ޑެންގީ ހުމާ މެދު ހޭލުންތެރިކުރުވުމުގެ ގޮތުން ދޮރުން ދޮރަށް ހިނގައި، ކަމާއި ބެހޭ ގޮތުން ތައްޔާރު ކުރެވިފައިވާ ޚާއްސަ ލީފްލެޓެއް ވަނީ ބަހާފައެވެ.
ގާފަރު ރައްޔިތުންނާއި، އެރަށު ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކު ކުރިޔަށް ގެންދިޔަ މި ޙަރަކާތުގައި މާރިޔާ ދީދީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި، އެ ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މެންބަރު ފާތިމަތު ޝަހީދާގެ އިތުރުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 3 މެންބަރުން ކަމަށްވާ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ރައީސް (މާލިމީ) އިބްރާހީމް އަޙުމަދު އާއި، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ރައީސް ޙުސައިން ޝަހީމް އަދި މަޑުއްވަރީ ދާއިރާގެ އެމްޑީޕީ ރައީސް ޙަސަން އަހުމަދު (ހަސަންޓޭ) ވެސް ބައިވެރިވެލެއްވިއެވެ.
އެމްޑީޕީން ގާފަރަށް މިކުރި ދަތުރާ ބެހޭ ގޮތުން އެރަށު ކައުންސިލް ގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ހަމައެކަނި މެންބަރު އަދި ގާފަރު އެމްޑީޕީ ބުރުލު ގޮފީގެ ރައީސް އަލީ ނަސީރު ވިދާޅުވީ އެ ދަތުރަކީ ވަރަށް މުހިންމު ދަތުރެއް ކަމަށާއި، ޚާއްސަކޮށް އެ ދަތުރުގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި ކުރިން މާލެ އަތޮޅު މެންބަރުކަން ކުރެއްވި މާރިޔާ ދިދީ ފަދަ ގާފަރު ރައްޔިތުންނާ ގާތް ބޭފުޅަކު ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި، އެރަށު ރައްޔިތުންނަށް މިފަދަ އަގުހުރި މަޢުލޫމާތުތަކެއް ދެއްވިކަމީ ގާފަރުގެ ގިނަ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް ކަމުގައެވެ.
މި ދަތުރުގެ ހުރިހާ ޚަރަދެއް ބެލެހެއްޓެވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ އެވެ.