ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަޞްދީޤު ކުރައްވައިފި

18 މެއި 2010

ވޭތުވެދިޔަ އޭޕްރިލް މަހުގެ 28 ވީ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، އިއްޔެ ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލު، ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިޢު ކުރައްވައިފިއެވެ.
މި ޤާނޫނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ އިދާރާތަކާއި މަޤާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމަށާއި، މި އިދާރާތަކާއި ކައުންސިލްތަކާއި މަޤާމުތަކުގެ ސިފަތަކާއި، އިޚްތިޞާޞް ކަނޑައަޅައި މިކަމާބެހޭ އެންމެހައި އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކުރުމެވެ. އަދި އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޘަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކުރުމެވެ
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ބެހިފައިވާގޮތާއި، އަތޮޅުތަކުގެ އިދާރީ ދާއިރާތަކުގެ މަރުކަޒީ ރަށް ކަނޑައަޅާނެ ގޮތާއި، އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި، އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތަކާއި އަދި އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުޠުތައް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ތަސްދީޤްކުރެއްވި ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ ބިލު، ރައީސް ވަނީ ތަސްދީޤް ނުކުރައްވައި އަނބުރާ ފޮނުއްވާފައެވެ.