އިންޑިއާގެ ކުރީގެ ނައިބު ރައީސް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ރައީސާއަށް ތަޢުޒިޔާ ވިދާޅުވެއްޖެ

17 މެއި 2010

އިންޑިއާގެ ކުރީގެ ނައިބު ރައީސް ބައެރޯން ސިންހް ޝެކާވަތު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިއާގެ ރައީސާ ޕްރަތިބާ ޕާޓިލަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، އިންޑިއާގެ ރައީސާއަށާއި، އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ނައިބު ރައީސް ބައެރޯން ސިންހް ޝެކާވަތުގެ ޢާއިލާގެ މެންބަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބައެރޯން ސިންހްގެ ކުލަގަދަ އަދި ދިގު ސިޔާސީ ޙަޔާތްޕުޅުގައި، އިންޑިއާއަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނުގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމުގައި ވިދާޅުވެފައިވެއެވެ.