ފިލްމް އިންޑަސްޓްރީގެ މަސައްކަތަށް ވެވަޑައިގެންނެވި މިންވަރަކުން އެއްބާރުލެއްވުން ދެއްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ފިލްމް އިންޑަސްޓްރީގެ މަސައްކަތަށް ވެވަޑައިގެންނެވި މިންވަރަކުން ސަރުކާރުން ވާގިދެއްވައި، އަޅުއްވައިލައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން އަލަށް ތަޢާރުފްކުރި މޯލްޑިވްސް ފިލްމް އެވޯޑް ދިނުމުގެ ޙަފްލާގައި، ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވެވި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފިލްމް އިންޑަސްޓްރީ މިހާރު ކުރިއަށްދާ ގޮތަށް ބާރަށް ގޮސް ތަރައްޤީވެ ދިޔުމަކީ، ސަރުކާރުގެވެސް ވަރަށްބޮޑު އަމާޒެއް ކަމަށާއި، އުންމީދެއް ކަމުގައި ވިދާޅުވިއެވެ. އަދި ރޭ އެވޯޑް ލިބުނު ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.

ރޭގެ ޙަފްލާގައި، މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 2011 ޙާޞިލު ކުރެއްވި އަލްފާޟިލް ރޯނުގޭ ޙަސަން މަނިކަށް، އެ އެވޯޑް ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. އެންމެމޮޅު ފީޗަރ ފިލްމަކަށް ހޮވިފައިވަނީ ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ ފިލްމް [ހެޕީ ބަރތްޑޭ] އެވެ. އެންމެމޮޅު ކުރު ފިލްމަކަށް ހޮވިފައިވަނީ [ފަޤީރުކޮއި] އެވެ. އެންމެމޮޅު ބަޠަލަކީ ފިލްމް ހެޕީ ބަރތްޑޭ އިން ޔޫސުފް ޝަފީޢެވެ. އެންމެމޮޅު ބަޠަލާއަކަށް ހޮވިފައިވަނީ ފިލްމް ޔޫސުފުން ނިޢުމާ މުޙަންމަދެވެ. އެންމެމޮޅު ޑައިރެކްޓަރަކަށް ހޮވިފައިވަނީ ފިލްމް ހެޕީ ބަރތްޑޭއިން މުއުމިން ފުއާދެވެ.