އެމްޑީޕީގެ ޗެއަރޕާސަން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި އިއްޔެ ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުޥާދު ތައުފީޤް އާއި އިއްޔެ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ މެންދުރުފަހު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގެ ބޭނުމަކީ ސިޔާސީ ޕާޓީތައް މިފަހުން އުފެދިގެން އައި އިރު އެކަމަށް އެންމެ ބޮޑަށް މަސައްކަތްކޮށް، ރާއްޖެއަށް ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމެއް ތައާރަފްކުރި ބަޔަކީ އެމްޑީޕީ ކަމަށްވުމާއެކު، އެ ޕާޓީން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދޭނޭ ކަން ހާމަކޮށް، އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުމުގައި ހުރި ބައެއް ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވުން ކަމަށް ޗެއަރޕާސަން ވިދާޅުވިއެވެ.
އެ ގޮތުން މެންބަރޝިޕް ކަންތައް މިހާރަށް ވުރެވެސް ހަލުވި ސްޕީޑެއްގައި ގެންދެވޭނޭ ފަދަ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުގައި ގާއިމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމްޑީޕީގެ ޗެއަރޕާސަން ވާހަކަފުޅުދެއްކެވިއެވެ. އަދި ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުންނާއި ދަތުރުފަތުރުގެ ކަންތައް ހުންނަ ގޮތުން މެންބަރޝިޕް އިތުރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން މޫސަގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ހިންގުން ހަރުދަނާކުރުމަށް މިދިޔަ ހަފްތާ ބަންދުގައި އަތޮޅުތަކަށް ޗެއަރޕާސަން ފެއްޓެވި ދަތުރުފުޅާއި ބެހޭ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ އެމްޑީޕީގެ ޗެއަރޕާސަން ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިލެކްޝަންސް މކޮމިޝަނުގެ ރައީސް ފުޥާދު ތައުފީޤް ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ޕާޓީތަކުގެ ބިލު މަޖިލީހަށް ހުށަހެޅި ފަހުން ދޮޅު އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އެ މަސައްކަތް މަޖިލީހުގައި ކުރިޔަށް ގޮސްފައި ނުވާކަމަށާއި، ނަމަވެސް އެ ބިލާމެދު ގޮތެއް ނިންމުން ދެން މާ ލަސްނުވާނޭ ކަމަށް މަޖިލީހުގެ އިދާރާއިން ބުނާކަމަށް ފުޥާދު ތަޢުފީޤް ވިދާޅުވިއެވެ. އަދި މެންބަރޝިޕް ކަންތަކުގައި “ޓެކްނިކަލީ އެއްވެސް ހުރަހެއް، ތާއްޓެއް” އުޅޭނަމަ އެކަންތައް ރަގަޅުކޮށްދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން ނައިބު (އިދާރީ) އާއި، އެޕާޓީގެ އަމީން އާންމު އަދި އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.