ހެންވޭރު ނަވާގަން ޢަލީ މޫސާދީދީ، ރާއްޖޭގެ ޤާނޫނުއަސާސީގެ ތާރީޚުގެ މައްޗަށް ލިޔުއްވި ފޮތަކާއި، އޭނާ ހެއްދެވި ތިން ޅެން ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ނެރުއްވައިދެއްވައިފި

president-moosa-didi-book

ހެންވޭރު ނަވާގަން ޢަލީ މޫސާދީދީ، ރާއްޖޭގެ ޤާނޫނުއަސާސީގެ ތާރީޚުގެ މައްޗަށް ލިއުއްވި ފޮތް “ޤާނޫނާއި އާދަކާދަ”އާއި، އޭނާ ހައްދަވާފައިވާ ތިން ޅެންފޮތް ކަމުގައިވާ “އުފުރާލި”، “އޮއްސާލި”، އަދި “އޮޅުވާލި”، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ނެރުއްވައިދެއްވައިފިއެވެ.

މި ހަތަރު ފޮތް ނެރެދެއްވުމަށްޓަކައި، އިއްޔެ މެންދުރުފަހު ޤައުމީ ކުތުބުޚާނާގައި ބޭއްވެވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢަލީ މޫސާދީދީގެ ފޮތްތަކާއި، ޅެންތަކާއި، އަދި ދައްކަވާ ވާހަކަފުޅުތައް، ވަރަށް ކުޑައިރުއްސުރެ އަޑުއައްސަވާ ކަމަށް ވިދާޅުވިއެވެ. އަދި ފޮތް ލިޔުއްވުމުގެ މަސައްކަތުގެ ތެރެއަށް ރައީސު ލްޖުމްހޫރިއްޔާއަށް ވެދެވަޑައިގަތުމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްވަރަކާއި ބާރަކީ، ޢަލީ މޫސާދީދީ ކުރައްވަމުން ގެންދެވި މަސައްކަތް ކަމުގައި ވިދާޅުވެ، ޢަލީ މޫސާދީދީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ޢަލީ މޫސާދީދީ ލިއުއްވާފައިވާ ފޮތް “ޤާނޫނާއި އާދަކާދަ”، މި ފޮތުގެ މައްޗަށް ބައްލަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ދުސްތޫރީ ޙަޔާތާއި، ރާއްޖޭގައި ޤާނޫނުގެ ޙުކޫމަތު ހިނގަމުން އައިސްފައިވާ ގޮތުގެ ތާރީޚްގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގައި އެންމެފަހުން ބޭނުންކުރެވުނު “ނޫ ޤާނޫނުއަސާސީ” އެކުލަވާލެއްވުމުގެ މަސައްކަތް ކުރެއްވިއިރު، ސިޔާސީ ޕާޓީގެ ވާހަކައާއި، ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ވާހަކަ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ދެއްކެވި ދެ ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ ޢަލީ މޫސާދީދީކަމާއި، އަނެއްބޭފުޅަކީ، މަންދު މުޙަންމަދު ވަޙީދުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، އެދުވަސްވަރަކީ، ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީ ކަމުގައިވާ “މުތަޤައްދިމް ޕާޓީ” އުވުމަށްފަހު، އަލުން އަނބުރާ އިންތިޒާމްވެގެން، ރޭވިގެން ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ނިޒާމަކަށް ދިވެހިން އެނބުރެން ބޭނުންވާކަން ފާހަގަވާންފެށި ދުވަސްވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ދުސްތޫރީ ޙަޔާތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީން ފެށިގެން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއާ ހަމައަށް ހެދިފައިހުރި ހުރިހާ ޤާނޫނުއަސާސީ އެއްގައިވެސް ބަޔާންވެގެންވަނީ އެއްވާހަކަތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއަދު މިއޮތް އަސާސީ ޙައްޤުތަކާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ އަދި ޒިންމާތަކުގެ ބާބެކޭ، ނޫ ޤާނޫނުއަސާސީގައި އޮތް ބާބެކޭ، ނުވަތަ 1932ވަނަ އަހަރު ޝަމްސުއްދީން ރަދުންގެ ފުރަތަމަ ޤާނޫނުއަސާސީގައި ހުރިވާހަކަތަކަކީ ހަމަ އެކައްޗެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް، ރައްޔިތުންގެ ޙައްޤުތައް ނުލިބިއޮތީ، އެޙައްޤުތައް ޤާނޫނެއްގައި ލިޔެވިފައި ނެތުމުން ނޫން ކަމަށާއި، އަޅުގަނޑުމެންނަށް ޙައްޤުލިބެނީކީ ގަނޑެއްގައި ލިޔެފައި އޮވެގެން، ނުވަތަ ޤާނޫނެއްގައި އޮތީމާ ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އައުމަށް މެދުވެރިވި ސަބަބުތަކާއި، ޙާދިސާތަކުގެ މައްޗަށާއި، ރާއްޖޭގެ ތާރީޚަށް ތަފްޞީލުކޮށް ބައްލަވާލައްވަމުން، ރާއްޖެއަކީ ވަރަށް ދޮށީ ޤައުމެއް ކަމަށް ވިދާޅުވިއެވެ.