މިއަންނަ ރޯދަމަހު ދީނީ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް އެމްޑީޕީން ޚާއްޞަ ކަލަންޑަރެއް އެކުލަވައިލުމަށް އެޕާޓީގެ ޗެއަރޕާސަން އެދިވަޑައިގެންފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި މޫސަ ވާހަކަ ފުޅު ދައްކަވަނީ ..
އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި މޫސަ ވާހަކަ ފުޅު ދައްކަވަނީ ..

މިއަންނަ ރޯދަމަހު ދީނީ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް އެމްޑީޕީން ޚާއްޞަ ކަލަންޑަރެއް އެކުލަވައިލައި އެ ކަލަންޑަރާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގައި އެޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އެދިވަޑައިގެންފިއެވެ.
އިއްޔެ މެންދުރުފަހު އެމްޑީޕީގެ މައި ސެކްރެޓޭރިއަޓް ގައި އެ ޕާޓީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ޗެއަރޕާސަން ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީއަކީ ދީނީ ގޮތުން ބަލި ކަށި ޕާޓީއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދިއުމަކީ ޙަގީގަތެއް ނޫންކަމަށާއި، އެމްޑީޕީ ވެރިކަމަށް އައިފަހުން ދީނީ ކަންތައްތައް އިތުރަށް ހަރުދަނާވެގެން ހިނގައްޖެ ކަމަށް ދިވެހިރައްޔިތުން ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.
އަދި މޫސަ ވިދާޅުވީ ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށް ވުމާއެކު، އެ މަހުގައި އެމްޑީޕީން ވީހާވެސް ބޮޑަށް ދިވެހިރައްޔިތުން އަޅުކަމުގައި މަޝްޢޫލުކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަވައިދެއްވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރޯދަ މަހަަށް ޚާއްސަކޮށްގެން މި ޕްރޮގްރާމްތައް ހިންގުމަށް ދީނީ ކަލަންޑަރެއް އެކުލަވާލައި އެ ކަލަންޑަރާއި އެއްގޮތަށް ވީހާވެސް ގިނަ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، މުޖުތަމަޢުގައި އަށަގެންފައިވާ ނޭއްގާނީ ކަންތައްތަކާއި ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މާލެ ސިޓީ އާއި އައްޑޫ ސިޓީ، އަދި އަތޮޅުތަކުގައި ހިންގަވައިދެއްވުމަށް އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގައި މޫސަ އެދިވަޑައިގެންނެވިއެވެ. އަދިޢީދު ވެސް ދިވެހި، ޘަޤާފީ ކުޅިވަރުތައް ހިމަނައިގެން ވީހާވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ބޭނުންފުޅުވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން މަދުވެގެން ހަފްތާއަކު އެއް ފަހަރު އެމްޑީޕީގެ ރަސްމީ ވެބްސައިޓްގައި ދީނީ އާރޓިކަލެއް ހިމަނައި ދެއްވައި މަހަކު އެއް ފަހަރު ދީނީ މަޖައްލާއެއް ނެރެދެއްވުމަށް ޗެއަރޕާސަން އެދިވަޑައިގެންނެވިއެވެ.
އިއްޔެގެ ބައްދަލުވުމުގައި އެމްޑީޕީގެ އަމީންއާންމު ޙަސަން ޝާހު އާއި، އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އަލްޙާފިޒް އަޙުމަދު ޒަކީ އާއި އެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.