17 މެއި 2010
އެމްޑީޕީ ދޫކުރައްވާ އެހެން ޕާޓީއަކަށް ސޮއިކުރައްވާނީ ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވާ އެހެންޕާޓީއަކަށް ސޮއިކުރެއްވުމުންކަމަށާއި، އަދި ދެންވެސް ވަޑައިގަންނަވާނީ ރައީސް ނަޝީދު ވަޑައިގަންނަވާ ޕާޓީއަކަށް ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
ވާދަވެރި އިންތިޚާބަކަށްފަހު ތިމަރަފުށީގެ ގޮނޑި ކާމިޔާބުކުރެއްވި މުސްޠަފާ، އޭނާ ޕީއޭއަށް ސޮއިކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ވިދާޅުވީ އިދިކޮޅު ޕާޓީތަކުގައި ތިބި މީހުންނަކީ ކުރީގެ ސަރުކާރުގެ އިސްވެރިން ކަމަށާއި، ކުރީގެސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާ އޭނާ ދުވަހަކުވެސް އެއްގަލަކަށް ނާރާނެ ކަމަށެވެ.
ރާއްޖޭގެ މަޝްހޫރު ދުވަހު ނޫހެއް ކަމަށްވާ މިއަދު ނޫހަށް މައުލޫމާތުދެއްވަމުން މުސްޠަފާ ވިދާޅުވީ އެމްޑީޕީން ވަކިވެ، އަބްދުﷲ ޔާމީންގެ ޕާޓީ އަށް ސޮއިކުރެއްވި ކަމަށް ބައެއް މީޑިއާތަކުންނާއި ބައެއް އާންމު ރައްޔިތުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ތިމަރަފުށީ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލެއްވީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް ކަމަށާއި، އޭނާ އެމްޑީޕީން ވަކިވާނީ ވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިވުމުންކަމުގައި، މަޖިލީހުގެ ތަޅަމުގައި ވަރަށް ސާބިތުކަމާއެކު ވާހަކަ ދައްކަވާ، މުސްޠަފާ ވިދާޅުވިއެވެ.
އޭނާއަކީ ދުވާލަކު ޕާޓީއަކަށް ސޮއިކުރައްވާނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވަމުން، މުސްޠަފާ އިތުރަށް ވިދާޅުވީ އެންމެންނަކީ ނަފްސު ވިއްކާނެ ބައެއް ނޫންކަމަށާއި، އަދި އޭނާގެ ނަފްސަކީ އެހާ އަގުދަށް އެއްޗެއް ނޫންކަމަށެވެ. އަދި މިކަހަލަ ދޮގު ވާހަކަތައް ދައްކާފަރާތްތަކުން އެފަދަ ވާހަކަތައް ދައްކަމުންދަނީ އަނެކާގެ އަބުރުނަގާލަންކަމަށާއި، އަދި މީޑިއާގެ މިނިވަންކަމަކީ މީހުންގެ އަބުރު ކަތިލުންކަމަށްވެސް މުސްޠަފާ ވިދާޅުވިއެވެ.
މީގެއިތުރުން އެއްވެސް ސިފައެއްގައި ޕީއޭގެ ފަރާތުން މުސްޠަފާގެ އަރިހުގައި އެޕާޓީއާއި ގުޅުމަށް އެދިފައިވެސް ނުވާކަމަށާއި، އެފަދަވާހަކަތަކެއް މިހާތަނަށް ދެކެވިފައިވެސް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.