ސަރުކާރު ހިންގާ ޕާޓީއަށް ވޯޓުދީގެން މެނުވީ ރާއްޖެ ތަރައްގީވެ ނުދާނެކަން އަދިވެސް ގަބޫލުކުރާކަށް ނުވޭބާ !!

ފުނަމާ

mdp-muzaahara

ސަރުކާރު ބަދަލުވެއްޖެއެވެ. ރައްޔިތުން ސަރުކާރު ހިންގުމާ ހަވާލުކުރީ މަލްޓިޕާޓީ ޑިމޮކްރަސީގެ ދަށުން އެންމެ ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެންމެ އެދޭ ކަންކަން ކޮށްދިނުމަށް ވަޢުދުތައް ހިފައިގެން ނުކުތީ އެމްޑީޕީ ކަމުގައި ބަލައި އެޕާޓީގެ ކެންޑިޓޭޓް އާއި އެވެ. ސަރުކާރުން ސަރުކާރު ހިންގުމުގެ ސިޔާސަތު ބައްޓަންކޮށް މަސައްކަތް ފަށައިގަނެ ފިރުކި ނުގަނެވެނީސް ކުރިމަތިވީ ގާނޫނުހަދާ މަޖުލީހުގެ އިންތިޚާބާއިއެވެ. ސަރުކާރުން އެއިންތިޚާބު ސަރުކާރު ހިންގާ ޕާޓީއަށް ކާމިޔާބު ކުރެވިގެން މެނުވީ ސަރުކާރު ހިންގާ ޕާޓީގެ މެނިފެސްޓޯ ތަންފީޒު ނުކުރެވޭނެ ކަމުގައި ބުނެ އެއިންތިޚާބަށް ކެމްޕޭނު ކުރަމުން ދިޔައިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ސަރުކާރުގެ ވައުދުތައް ފުއްދުމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތުގައި ކަންކަން ކުރެވޭނީ އިދިކޮޅު ފަރާތްތަކަށް މަޖުލީހުގެ މެޖޯރިޓީ ދީގެން ކަމުގައެވެ. ސަރުކާރު ޒިންމާދާރު ކުރެވޭނީ އެމީހުންގެ މެޖޯރިޓީ މަޖުލީހުގައި އޮވެގެން ކަމުގައެވެ. ހަމައެހެންމެ ފާޅުކަން ބޮޑު ގޮތެއްގައި މިސަރުކާރު ވަށްޓާ ލެވޭނީ އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބިގެން ކަމުގައި ޕޯޑިއަމް ތަކުގެ ބޭރުގައި ބުނަމުން ގެންދިޔަކަން ވެސް މިއަކީ ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. އިންތިޚާބު ނިމިގެންދިޔައީ ސަރުކާރަށް މެޖޯރިޓީ ނުލިބިއެވެ. ހަމައެހެންމެ އިދިކޮޅު އެއްވެސް ޕާޓީއަކަށްވެސް ރައްޔިތުން މެޖޯރިޓީއެއް ނުދިނެވެ. އެހެންނަމަވެސް ވަކި ގެންގުޅޭ އެއްބަސްވުމެއް ނޭނގޭ ދެޕާޓީއަކާއި އެމީހުންނާއި ގުޅިފައިވާ އަމިއްލަ ބައެއް މެންބަރުންގެ އެހީތެރި ކަމާއެކު އިދިކޮޅު ޑީއާރުޕީން މަޖުލީހުގެ މެޖޯރިޓީ ހޯދިނަމަވެސް މުޅިމަޖިލީހުގެ މެޖޯރިޓީ އެވަރުންވެސް އެޕާޓީއަކަށް ނުލިބުނެވެ. އަދި ފަސޭހަ ގޮތަކަށް ސަރުކާރު ވަށްޓާލުމަށް ބޭނުންވާ މިންވަރާ ކައިރިއަކަށްވެސް ނުދެވުނެވެ. ނަމަވެސް ލިބުނު ބާރުގެ ބޭނުންކޮށްގެން ވަޒީރުން ވަކިކުރުމާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސް އެޅުމަށް ކުރެވެންއޮތް ކޮންމެ މަސައްކަތެއް އެފަރާތުން ގެންދިޔައީ ކުރަމުންނެވެ.
ގާނޫނުއަސާސީ ގައި ރާއްޖެ ހިންގާންޖެހޭނީ ލާމަރުކަޒީ އުސޫލުން ކަމުގައިލިޔެވި މިކަމަށް ބޭނުންވާ ގާނޫނުތައް ހެދިގެން ލޯކަލް ކައުންސިލް އިންތިޚާބު މިބޭއްވުނީ މިސަރުކާރުގެ އުމުރުން ދެއަހަރު ފުރުނު ފަހުންނެވެ. މިއިންތިޚާބުގެ އޮއިވަރުވެސް ކުރީ ދެއިންތިޚާބަކަށްވުރެ ދެރައެއް ނޫނެވެ. އިދިކޮޅު ފަރާތްތަކުން ނުކުމެ ރައްޔިތުން ގާތު އަނެއްކާވެސް ސަރުކާރު ޒިންމާދާރު ކުރެވޭނީ އެމީހުންނަށް މިއިންތިޚާބުވެސް ކާމިޔާބު ކޮށްދީގެން ކަމުގައި ބުނަމުން އަދި ހަމައެހެންމެ ކައުންސިލް އިންތިޚާބު ކާމިޔާބު ވުމުން އެމީހުންނަށް ތާއީދުކުރާ ފަރާތްތަކުން އެދޭފަދައިން މިސަރުކާރު ނިމުމަކަށް ގެންނާނޭ ކަމުގެ ވައުދުތައް ގެންދިޔައީ ވަމުންނެވެ. ސަރުކާރު ހިންގާ ޕާޓީއިން ބުނަމުން ގެންދިޔައީ ރައްޔިތުންގެ ކުރިއެރުމަށް ކަންކަން އެންމެ ފަހިކޮށް ގެންދެވޭނީ ސަރުކާރު ހިންގާ ޕާޓީއަށް ކާމިޔާބު ކުރެވިގެން ކަމުގައެވެ. ފާހަގަ ކޮށްލަންޖެހޭ މުހިންމު ކަމަކީ ރައީސް ނަޝީދު މިއިންތިޚާބާ ގުޅިގެން ވިދާޅުވަމުން ގެންދެވި ވާހަކަ ފުޅުގެ ތަފާތުކަމެކެވެ. އެމަނިކުފާނުން ފެށުނީއްސުރެ ވިދާޅުވަމުން ގެންދެވީ ކަމުގެ މުހިންމު ކަމާއެކު ކަމަށް ގާބިލް ތައުލީމީ މީހުން މިކަމުގައި ކުރިމަތިލައި ކާމިޔާބު ކުރުމަށެވެ. ރައްޔިތުން މިއަދު ޝުކުރުވެރި ނުވިނަމަވެސް ، ކަމުގެ މާހިރުންކަމުގައިވާ ޑރ. ޝުކުރީއާއި . ސަލްމާ އަދި އޮނަރަބަލް ޑީންވެސް ދައްކަވަމުން ގެންދެވީ ތަކުރާރުކޮށް މިވާހަކައެވެ. ކައުންސިލް އިންތިޚާ ބަކީ ކޮބައިކަމާ އިންތިޚާބުވާ ކައުންސިލަރުންގެ ޒިންމާތަކަކީ ކިހާވަރެއްގެ ބުރަ ކަމެއްކަން މިބޭފުޅުން ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމަށް ނުހަނުގިނަ މަސައްކަތްތަކެއް ރެޔާދުވާލު ކުރެއްވިކަން ފާހަގަ ކޮށްލަމެވެ. ޑީންގެ ބަސްފުޅުންނަމަ ދުނިޔެއަށް ތުއްތު ކުއްޖަކު މާބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވެ ބޮޑުވެ މުސްކުޅިވެ ކަށްވަޅަށް ދާންދެން އޭނާގެ ހުރިހާކަމެއް ބެލެހެއްޓުމަކީ ކައުންސިލަރުންގެ ޒިންމާ ކަމުގައި ވިދާޅުވަމުން މިބޮޑު މަަސްއޫލިއްޔަތާ ކުރިމަތިލާ ބަޔަކީ ފިސާރި ކަމަށްގާބިލް މީހުން ކަމުގައި ވުމަށާއި އަދި ރައްޔިތުން މިކަމުގައި ވިސްނެވުމަށް އިލްތިމާސް ކުރައްވަމުން ގެންދެވިވެސް މެއެވެ. އެހެނަސް ކައުންސިލް އިންތިޚާބު ކުރިމަތި ވުމާއެކު ދެނަކާދެނެއް ނުބަލައި ކުރިމަތިލީ މީހުން ނުކުމެ ކިއުދަމާލައި ޖުމްލަކޮށް ކުދި އާބާދީތަކުގެ ވަޒަންވެރީންގެ ތެރޭގައި ގިނައީ އިދިކޮޅު ފަރާތްތަކުގެ ބަސްހިނގާ މީހުން ކަމުގައި ވާތީވެ ކައުންސިލް އިންތިޚާބު ނިމިގެން ދިޔައިރު ކުދި އާބާދީ ތަކުގެ މެޖޯރިޓީ އިދިކޮޅުފަރާތްތަކުން ކަށަވަރުކޮށްފިއެވެ. ރައްޔިތުން ވޯޓުދިނީ ވަކަރުލާތޯ، ނުލާތޯ، ބެލުމަށްވުރެ ނުލުރުކާ، ދޮންރުކާ ބަލައިގެންނެވެ. އިސްކުރީ ތިމާމެންގެ ކުރިމަގަށްވުރެ ޕާޓީގެ ރޫހެވެ. ހުވާކޮށްގެން އޮފީސްތަކަށް ވަދެތިބި ކައުންސިލަރުންގެ ގިނަމީހުންނަކީ ހިތާމަކުރާން ޖެހުނަސް ކައުންސިލްގެ ޒިންމާތައް އުފުލުމުގެ ގާބިލްކަން ލިބިފައި ތިބި މީހުން ކަމަށް ނުވުމާ އަދި ރާއްޖޭގެ ގާނޫނުއަސާސީގައި މިއީ ޔުނިޓަރީ ދައުލަތެއް ކަމުގައި ބުނެފައި ވީނަމަވެސް ފެޑަރަލް އުސޫލުން ކަންހިންގާން ފެށުމުން ކާމިޔާބުވެގެން ދިޔައީ ސަރުކާރާ އިދިކޮޅަށް ގަރާރު ނެރުން އެކަންޏެވެ. ކައުންސިލް ތަކަށް ބަޖެޓުގައި ކަނޑައެޅި ދުއިސައްތަ މިލިއަން ރުފިޔާގެ ތެރެއިން ސަތޭކަ ފަންސަވީސް މިލިއަންރުފިޔާ އަހަރު ދެބައި ނުވަނީސް ކައުންސިލްތަކާއި ހަވާލު ކުރި ނަމަވެސް ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން ޔުޓިލިޓީސް ތަކުން ދެމުންދިޔަ ކަރަންޓުގެ ޚިދުމަތް ބައެއް ރަށްރަށުގެ ކައުންސިލުން ހުއްޓުވާލުމާ އަދި ދެކޮޅު ނުޖެހުނަސް އެޚިދުމަތް ޔުޓިލިޓީސް ތަކާއި ހަވާލު ނުކުރުމުގެ ސަބަބުން ރައްޔިތުން ކަނުއަނދިރީގައި ހަނާވަމުން ދަނީއެވެ. ކައުންސިލްތަކާއި ހަވާލުކުރި އާންމު ސިއްހަތާ ބެހޭ ކަންކަން މެނޭޖުނުކުރެވި ތަނެއް ދޮރެއް ނޭނގުމުން ސިއްހީ ދާއިރާގައި ތިބި މީހުންކޮޅު އެތިބީ ކަރުތާފެނުގައެވެ. މުޅިރާއްޖޭގައި ބަލިމަޑުކަމެވެ. މިއަދު އަނެއްކާ މިގޮވާ ނަގަނީ ސަރުކާރުން ކަންކަން ނުކުރާވާހަކައެވެ. ސިއްހީ ދާއިރާ ފެއިލްވެފައިވާ ކަމުގައެވެ. އެކަމަކު ސަރުކާރުން އަންގާ އެންގުންތަކަށް ބޯލަނބައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަނީ ކިތައް ކައުންސިލަރުން ހެއްޔެވެ؟ ޕާޓީގެ އެތެރޭގެ މައްސަލަ ތައްފިޔަވައި އެމީހުން އިސްކަންދޭ ކަމެއް އެބައޮތް ހެއްޔެވެ؟ ރައްޔިތުން މިނިންމި ނިންމުން ތަކުން ފައިދާ ކުރަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ގެއްލުން މިލިބެނީ ކޮންބަޔަކަށް ހެއްޔެވެ؟ އިދިކޮޅު ފަރާތްތަކުން ވަމުން ގެންދިޔަ ވައުދުތައް ފުއްދުނުހެއްޔެވެ؟ ނޫނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ފުރުސަތު ދެވިއްޖެ ހެއްޔެވެ؟
އެހެންކަމުން ސަރުކާރު ހިންގާ ޕާޓީއަށް ވޯޓުދީގެން މެނުވީ ރާއްޖެ ތަރައްގީވެ ނުދާނެކަން އަދިވެސް ގަބޫލުކުރާކަށް ނުވޭބާވައޭ ހިތަށް އަރައެވެ.