މެންބަރުންގެ ޚިޔާލު: ރާއްޖެ ސަލާމަތް ކުރެވޭނީ؟

ފުނަމާ

muzaahara-ammaday

ވެރިކަމެއް ބަދަލުވުމުން އެވެރިކަމަކަށް އަންނަ ބަޔެއްގެ ސިޔާސަތާ އެއްގޮތަށް ގައުމު ހިންގުމަށް ފުރުސަތެއް ދެވިގެން މެނުވީ އެއްވެސް ވެރިކަމެއްގައި ޙާސިލްކުރާން ބޭނުން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެއެވެ. އަދި އަމުދުން އެތަކެއް ޒަމާނަށް ހިންގަމުންއައި ނިޒާމެއް މުޅީން އެފުށްމުފުށަށް ޖެހި ދުވަހަކުވެސް ރާއްޖެ ދެކިފާނެ ކަމުގައި ހީނުކުރާފަދަ އެތަކެއް ބަދަލުތަކެއް މިދަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުން ހިއްސާކުރަމުންނެވެ. އިންސާނެއްގެ ހަޔާތުގައި ދެތިންއަހަރަކީ ދިގުމުއްދަތެއް ކަމުގައި ބެލިނަމަވެސް ގައުމެއްގެ ހަޔާތުގައި އެމުއްދަތަކީ ނުހަނުކުޑަ ހިނދުކޮޅެކެވެ. އެހެންކަމުން އަމިއްލަ ފަރުދެއްގެ ދިރިއުޅުމަށް ދެތިން އަހަރުން ގެންނަ ބަދަލުތަކެއް ގައުމަކަށް ދިހައަހަރުންވެސް ނުގެނެވިދާނެއެވެ. އެހެނީ ވަކިފަރުދަކު ކަންކުރާނީ ހަމައެކަނި އޭނާއާއި އޭނާގެ އާއިލާއަށް ވިސްނައިގެންނެވެ. ނަމަވެސް ގައުމެއްގެ ވެރިކަމުގެ ފަރާތުން ކުރާކޮންމެ ކަމެއް އަމާޒުކުރާން ޖެހޭނީ ގައުމުގެ އެންމެހާ ފަރުދުންނަށެވެ. މުޅިގައުމަށެވެ. މިއަދުގެ ސަރުކާރު ވެރިކަމަށް އައީ އެތަކެއް ވައުދުތަކާއި އެކުގައެވެ. ގައުމުގެ މުޅި ހިންގުމުގެ ނިޒާމުގެ ނަގުލުން ފެށިގެން ބޮލަށް ބަދަލުވެގެންދާނެ މުޅީންއާ ގާނޫނުއަސާސީއަކާއި އެކުގައެވެ. ރައްޔިތުންނަށް ކުރީގައި ދުވަހަކުވެސް ދެވިފައިނުވާފަދަ މިނިވަންކަމާއި ޙައްޤުތަކެއް ކަށަވަރުކޮށްދެމުންނެވެ. ހިތުހުރި ގޮތަކަށް ކޮންމެ ކަމެއް ސަރުކާރަށް ކުރުމަކީ މިއަދަކު ކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް މީގެކުރީން ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަކީ ވެރިކަމުގައި ހުންނަ މީހެއްގެ މުށުތެރޭގައި ހުރިހާ ބާރުތަކެއް އޮވެގެން ހިތުހުރި ކޮންމެ ގޮތަކަށް ކަންކުރެވޭ ނިޒާމެކެވެ. ރައްޔިތުންނަށް މިނިވަންކަމާއެކު ބަސްބުނުމުގެ އެއްވެސް އިޚުތިޔާރެއްނެތް ނިޒާމެކެވެ.
މިއަދު މިވެށީގައި އާސަރުކާރެއް އުފެދި އެސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ސަރުކާރުން ކޮށްފައިވާ ވައުދުތައް ފުއްދައި ދިނުމަށް ސަރުކާރުން ހިންގާ ކޮންމެ ކަމަކަށް ހުރަސް އެޅުމުގައި އިދިކޮޅު ފަރާތްތަކުން އެކުރާ މަސައްކަތް ތަކަކީ ފާޅުގައި ސަރުކާރު ފިއްތައި ބަލިކަށިކޮށް ވެރިކަމުން ބޭރުކުރުމަށް ހިންގާ ކަމެއް ނަމަވެސް ބުނަނީ އެމީހުންގެ އެމަސައްކަތަކީ ސަރުކާރު ޒިންމާދާރު ކުރުވުން ކަމުގައެވެ. ރިޔާސީ ނިޒާމުގައި ގާނޫނުއަސާސީގައި ވެރިކަމުގެ ބާރަށް ލިބިދީފައިވާ ބާރުތައް އަތުލައި އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލުގެ ދަށުގައި ބާއްވައި ސަރުކާރު ހިންދަމާލިޔަ ނުދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވުން ކަމުގައި ވާނަމަ އެކަން މިދަނީ ފިސާރި ރަނގަޅަށް ދިވެހީންނަށް ތަޖުރިބާ ކުރެވެމުންނެވެ. ނުފޫޒަކީ ހަމައެކަނި ސަރުކާރުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާނެ އެއްޗެއް ކަމުގައި މިދަނީ އިސްތިހާރު ޖަހަމުންނެވެ. މުޅިގައުމުގެ މައްޗަށް ނުފޫޒު ހިންގާންވީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރު ހިންގާނެ ސިޔާސަތުވެސް ކަނޑައަޅާންވީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރު ހިންގުމަށް ބޭނުންވާ މަގާމުތަކުގައި ތިބޭންވީވެސް އިދިކޮޅު މީހުން ބޭނުންވާ އެމީހުންގެ “ޕަޕެޓުންނެވެ” . އެހެންވީއިރު ސުވާލަކީ ސަރުކާރު ހިންގާން ބަޔަކާ ރައްޔިތުން ހަވާލުކުރީ ކީއްކުރާން ހެއްޔެވެ؟ އިންތިޙާބުގައި ފޭލިވެ ދެވަނަ ލިބުނު ޕާޓީން އެދޭގޮތަށް ސަރުކާރު ހިންގާން ހެއްޔެވެ؟ ހަސަންކަލޯއެއްގެ އިގްތިސާދީ ސިޔާސަތު ހިންގާން ނޫނީ މަހުޖަނުންގެ މުށުތެރޭގައި ސަރުކާރު ތަޅުލެވޭން ހެއްޔެވެ؟ އެނގޭ ކަމަކީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅަނީ ސަރުކާރުން ކަމުގައި ވާއިރު އެސިޔާސަތު އެއޮންނަ ދައުރެއްގައި ހިންގުމަށް ރައްޔިތުންގެ އެހީތެރިކަން ނުލިބޭނަމަ ސަރުކާރުގެ ސިޔާސަތު ކުރިއަށް ނުގެންދެވޭނެ ކަމެވެ. އަދި މިއަދު މިއަޅާގޮތަށް ސަރުކާރަށް ހުރަސް އަޅަމުން ގެންދާނަމަ އޭގެ އެންމެހާ ގެއްލުން ލިބޭނީ މިގައުމަށާއި ގައުމުގެ ރައްޔިތުންނަށް ކަމެވެ. އަނބުރައި ވެރިކަމަށް އައުމުގެ އެދުންވެރިކަމުގައި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ބަޔަކީ އެމީހުންގެ މަންޒިލް މަގްސޫދަށް ވާސިލުވުމުގެ ބޭނުމުގައި ކިތަންމެ ވަރަކަށް މަސައްކަތް ކުރާ ބަޔަކަސް ކަނޑައެޅިގެން ގައުމާއި ރައްޔިތުން ހަލާކުގެ ތެރެއަށް ވަށްޓާލަން މަސައްކަތް ކުރުމަކީ މިގައުމަށް ވެވޭނެ އެންމެބޮޑު ޚިޔާނާތެވެ. އެހެނަސް ފާޅުގައި މިކަންކަން އެގެންދަނީ ކުރަމުންނެވެ. މިއަދު މިގައުމުގެ އެންމެހާ ރައްޔިތުން މިތަޙަންމަލު ކުރަނީ މިދެންނެވި ކަންކަމުގެ ހިތިރަހައެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން ބަދަލުކޮށް ކައުންސިލްތަކަށް މީހުން ހޮވައިފީމުއެވެ. އެމީހުންގެ މަސްއޫލިއްޔަތުތަައް ދެނެގެން އެކަމާ ކުރިމަތިލައި ކާމިޔާބުކުރި މީހުން ކޮބައި ހެއްޔެވެ؟ އާންމު ސިއްޙަތާ މިނޫންވެސް ރައްޔިތުންނާ ގުޅޭ އެންމެހާ ކަންކަން އެމީހުންނާއި އެވަނީ ހަވާލުކުރެވިފައެވެ. ނަމަވެސް މިއަދު އިދިކޮޅު ފަރާތްތަކުން އެބުނަނީ އެކަމަށް ކައުންސިލުތައް އޮތީ ތައްޔާރު ނުވެކަމުގައެވެ. މުޅިރާއްޖޭގައި ރޯގާ ފެތުރި ރަށްރަށުގެ ރައްޔިތުން ހަނާވާއިރު ކައުންސިލަރުން ކަންބޮޑުވަނީ އެމީހުންގެ ޕާޓީތަކުގެ އެތެރޭގެ މައްސަލަ ތަކުގައެވެ. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފޯރުކޮށްދިނުމަށް ބޭނުންވާ ކަރަންޓާއި މިފަދަ އެހެނިހެން އަސާސީ ޚިދުމަތްތަކާއި ރައްޔިތުންނާއި ދެމެދު ހުރަހަކަށްވާނެ ގަރާރުތައް ފާސްކޮށްފައި މާލެއައިސް ޒައީމާއި ލީޑަރުގެ ދެމެދު ސުލްހަ ކުރުމުގެ މަސައްކަތުގައި ހޭބޯނާރައި އެއުޅެނީ ފަހެ އެމީހުންގެ މުސާރަ ރައްޔިތުންނަށް ހަދިޔާ ކޮށްފައި ހެއްޔެވެ؟ މިގައުމު މިދަނީ ހަލާކުވަމުންނެވެ. ސަލާމަތް ކުރެވޭނީ ހަމައެކަނި ރައްޔިތުންނާއި ސަރުކާރާ އެއްބާރުލައިގެން ކުރެވޭ މަސައްކަަތަކުންކަން ޔަގީނެވެ. ނޫނީ ދުނިޔޭގެ ކޮންމެވެސް ބަޔަކާއި ވާހަކަ ދައްކައިގެން އެންޓި ޕޮލިޓިކްސް ވެކްސިނެއް އީޖާދުކޮށް މިގައުމުގެ އެންމެންގެ ގަޔަށް ޖަހައިގެން ކަމުގައި ވާނަމަ ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެކަންވެސް ކުރާން ވެއްޖެއެވެ.