މުޙަންމަދު ޢަބްދުﷲ ޝަފީޤް ލިޔުއްވި ފޮތް “ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު” ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިދެއްވައިފި

president-nasheed

“ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު” މިނަމުގައި، މުޙަންމަދު ޢަބްދުﷲ ޝަފީޤް ލިޔުއްވި ފޮތް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ ނެރުއްވައިދެއްވައިފިއެވެ. މިފޮތަކީ، 2003ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގާދިޔަ މުހިންމު ހާދިސާތަކުގެ މައްޗަށް ބިނާކުރައްވައި، މުޙަންމަދު ޢަބްދުﷲ ޝަފީޤް އެކުލަވާލައްވާފައިވާ ފޮތެކެވެ.
ރޭ ޤައުމީ ކުތުބުޚާނާގައި ބޭއްވެވި ޙަފްލާގައި، މިފޮތް ނެރުއްވައިދެއްވުމަށްފަހު، ފޮތުގެ މަޢުޟޫއަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޙަޔާތުގެ ފިތުރީ އަމާޒަކީ، ޑިމޮކްރަސީކަމާއި، ޑިމޮކްރަސީ ނޫންތަނަކަށް އިންސާނިއްޔަތަކަށް ނުދެވޭނެކަން ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޑިމޮކްރަސީއަކީ ކޮބައިކަމާމެދު ވަރަށް ގިނަ ބަޙުޘްކުރެވިދާނެ ކަމަށާއި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް ފެށިގެން އައިއިރު، ޑެމޮކްރަސީއަކީ، ގަނޑެއްގައި އެއްޗެއް ލިޔެލުމުގެ ފުރުޞަތު އޮތުން ކަމަށް އޭރު ބެލެވިފައި އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޑިމޮކްރަސީގެ މަގަށް ރާއްޖެ ގެންދިޔުމަށް ފަށައިގަނެވުނު ހުރިހާ މަސައްކަތެއްވެސް ފަށައިގަނެވިފައިވާނީ ލިޔުމުގެ ޒަރީޢާއިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. “ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު” މިފޮތް ލިޔެވިފައިމިވަނީ، ޚިޔާލުފާޅު ކުރުމަށްޓަކައި، ލިޔުންތެރިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރީތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑިމޮކްރަސީއަށް ރާއްޖެ ބަދަލުވީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށްޓަކައި ކަމަށާއި، އެ މަގަށް ރާއްޖެ ދާންފެށީވެސް ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށްޓަކައި ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަށް މި ބަދަލުގެނެވެނީ، ސަރުކާރުން ޙިކްމަތްތެރިކަމާއެކު ކެތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވަރަށް ގިނަ ފަހަރު ރާއްޖެ ބަދަލުވެފައި އެބަހުރިކަމަށާއި، ރާއްޖޭގެ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކީ ބަދަލެއް ކަމަށާއި، ނަމަވެސް، ރާއްޖޭގައި ވެރިކަން ބަދަލުވާ ކޮންމެފަހަރަކު، ކުރީގައި ވެރިކަން ކުރެއްވި ބޭފުޅާ އަރުވާނުލައްވައި، އެބޭފުޅާގެ މިލްކިއްޔާތާއި މުދާ ނުހިފައި، އެބޭފުޅާގެ މުޅި އާއިލާ ރާއްޖެއިން ނެތިދާވަރަށް ހަރަކާތްތައް ނުހިންގަވާ ދޫކޮށްލެވި ވެރިއެއް ފެނިވަޑައިގެންފައި ނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކަށްވީ، މި “ތައްގަނޑުން ނެއްޓުން” ކަމަށާއި، ކުރީގެ ވެރިމީހާއަށް އަދަބު ނުދީ، އޭނާއާއި އޭނާގެ މުޅި ޒިންދަގީ ބަރުބާދުނުކޮށް، ރާއްޖޭގެ ވެރިކަން ހިންގެވޭނެ ގޮތަކީ ކޮބައިތޯ ބެއްލެވުން ކަމުގައި ވިދާޅުވިއެވެ.
ލިއުމުގެ ފަންނުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޙަޤީޤީ ފަންނަކީ އަދިވެސް ލިޔުންތެރިކަން ކަމަށާއި، އެއީ ފޮތެއް ލިއުމަށް ކުރާ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު” މިނަމުގައި މުޙަންމަދު ޢަބްދުﷲ ޝަފީޤް ލިއުއްވާފައިވާ 300 ސަފްހާގެ މި ފޮތުގައި، ޒަމާނީ ޑިމޮކްރަސީ ރާއްޖޭގައި ފެށިގެން އައި ގޮތާއި، މުހިންމު ގިނަ ކަންކަން ހިނގިގޮތާއި ތާރީޚްތަކާއި، އެކަމާ ގުޅޭ ގިނަ އަދަދެއްގެ ފޮޓޯތައް ހިމަނުއްވާފައިވެއެވެ.