17 މެއި 2010
ސިވިލްސާރވިސް ކޮމިޝަނުން މެދު އުތުރު ޕްރިންސްގެ އޮފީސްތައް ހިންގުމުގައި އެއްބާރުލުން ނުދޭކަން ހިތާމަޔާއެކު ފާހަގަ ކުރައްވާ ކަމުގައި އެ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ކޮންގްރެސްގެ ލީޑަރު މުހައްމަދު (މޮނާޒާ) ނައީމް ވިދާޅުވެއްޖެއެވެ.
މެދުއުތުރު ޕްރޮވިންސްގައި ހިމެނޭ ކ.އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންނަށް އަމާޒުކޮށްގެން ކ.މާފުށީގައި މި މެއި މަހުގެ 11 ން 12 އަށް ބޭއްވި މަސައްކަތު ބައްދަލުވުމާ ބެހޭ މަޢުލޫމާތު ހޯދުމަށް އެމްޑީޕީ މީޑިއާ ޔުނިޓުން ނައީމް އަށް ގުޅާލުމުން ނަޢީމް ވިދާޅުވީ ސިވިލް ސާރވިސް ކޮމިޝަނުން ރަށްރަށުގެ ރަށު އޮފީސްތަކުގެ ވަޒީފާގެ އިދާރީ އޮނިގަނޑު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، މި އޮނިގަނޑު އެކުލަވާލުން ލަސްވުމުގެ ސަބަބުން އޮފީސްތައް އެކަށީގެންވާ ގޮތުގައި ހިންގުމަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށެވެ.
މާފުށީގައި މިބޭއްވި 2 ދުވަހުގެ މަސައްކަތު ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާ ބެހޭ މައުލޫމާތު މާލެ އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންނަށް ދެވިފައިވާނޭ ކަމަށާއި، މި ބިލު ތަސްދީޤްކޮށް އާ ކައުންސިލްތައް އިންތިޚާބު ކުރުމުން އެކައުންސިލްތަކަށް ޖާގަދިނުމަށް މިހާރުއްސުރެ ރަށްރަށުގައި ކުރަން ހުރި ކަންތައްތައް ދެނެގަތުމާއި، އިދާރީ ދާއިރާތައް މިހާރަށްވުރެ ހަރުދަނާ ކުރެވެން ހުރީކޮންގޮތްތަކަކަށްތޯ ބެލިފައިވާނޭ ކަމުގައި ނައީމް ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ހޯމް މިނިސްޓަރުގެ ނައިބު މުހައްމަދު މާހިރު ވެސް ބައިވެރިންނަށް މަޢުލޫމާތު ދެއްވިއެވެ. މާހިރުބެ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ކުރުމުން ލިބޭނޭ ފައިދާތަކާއި، މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބިލުގައި އިދާރީ ދާއިރާތައް ހިންގަން ކަނޑައަޅާފައިވާ ގޮތާއި، ކައުންސިލްތަކުގެ ދައުރާއި ބެހޭ ގޮތުން ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުވާލެއްވިއެވެ.
މީގެ އިތުރުން މިހާތަނަށް ތަފާތު ސަބަބުތަކާ ހެދި މެދުއުތުރު ޕްރޮވިންސްގެ ރަށު އޮފީސްތަކަށް ދޫނުކޮށްހުރި ބައެއް ބާރުތައް އެރަށްރަށުގެ ކައުންސިލަރުންނަށް ދޫކުރެވުނެވެ. އެގޮތުން ބިންބިމާއި ގޯތި ގެދޮރުގެ ރަޖިސްޓްރީގެ ކަންތައް ނިންމުމުގެ ބާރު ރަށު އޮފީސްތަކަށް ދީފައިވެއެވެ.
މެދުއުތުރު ޕްރޮވިންސްގައި ހިމެނޭ އަނެއް 3 އަތޮޅު ކަމަށްވާ އއ، އދ އަދި ވ އަތޮޅަށް އަމާޒުކޮށްގެން ވެސް ކައިރި މުސްތަޤްބަލެއްގައި މިފަދަ މަސައްކަތު ބައްދަލުވުންތައް ބާއްވާނޭ ކަމުގައި ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
މިޚަބަރާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: މެދު އުތުރު ޕްރޮވިންސް އޮފީސް 6642520، ސްޓޭޓް މިނިސްޓަރ މުހައްމަދު ނަޢީމް 7772487