16 މެއި 2010
ކަރަންޓުގެ އަގު ބޮޑުވުމާ ދެކޮޅަށް އައްޑޫގައި މިދިޔަ ހުކުރު ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގައި ދެ ނޫސްވެރިޔަކަށް ގޯނާކޮށްފައިވާތީ ނޫސްވެރިންގެ ޤައުމީ ޖަމިއްޔާ އިން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މެއި 14 ވަނަ ދުވަހު ޑީއާރުޕީގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބޭއްވި މުޒާހަރާ ކަވަރުކުރަންދިޔަ ޓީވީއެމްގެ ނޫސްވެރިޔާއަށް ހަމަލީދީ އޭނާއަށް ހުރަސް އަޅައި، އޭނާ އެސަރަޙައްދުން ދުރަށް ދިޔުމަށް މަޖްބޫރުކޮށް އަދި އެމުޒާހަރާ ކަވަރުކުރަމުންދިޔަ އައްޑު އަތޮޅުގައި ހުންނަ ހަވީރު ނޫހުގެ ޖާނަލިސްޓުގެ އަތުގައި އޮތް ކެމެރާ އަތުލުމަށް މަސައްކަތްކޮށް، އޭނާއަށް ބިރުދައްކައި އޭނާ ނަގާފައިވާ ފޮޓޯތައް ފޮހެލައި، އޭނާއަށް ހުރަސްއަޅާފައިވާތީ، އެޖަމްއިއްޔާއިން މިޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މިމުޒާހަރާ ކުރިއަށްގެންދެވުމުގައި އިސްކޮށްހުންނެވި ޑީ.އާރު.ޕީގެ ނާއިބުލީޑަރ އިބްރާހީމް ޝަރީފް މިޢަމަލުތައް ހުއްޓުވަން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަމީ އެޖަމްއިއްޔާ ކަންބޮޑުވެ ހިތާމަކުރާކަމެއްކަމަށެވެ.
ޑިމޮކްރަސީއަކީ ތަފާތު ޚިޔާލުތަކާއި ފިކުރުތަކަށް ޖާގަދިނުންކަމުގައި ވާއިރު މިފަހަކަށް އައިސް .ޑީއާރުޕީގެ ފަރާތުން ނޫސްވެރިންނަށް އަދި ވަކިން ޚާއްޞަކޮށް ޓެލެވިޜަން މޯލްޑިވްސްގެ ނޫސްވެރިނަށް ފުރައްސާރަކޮށް، ހުރަސް އަޅަމުންގެންދާކަން ފާހަގަކުރެވޭކަމަށާއި މިގޮތުން ވޭތުވެދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެރޭ ޑީ.އާރު.ޕީން ބޭއްވި ނޫސްކޮންފަރެންސެއް ކަވަރުކުރަންދިޔަ ޓީ.ވީ.އެމްގެ ނޫސްވެރިންނަށް ހުރަސްއަޅާފައިވާކަން ފާހަގަކުރެވޭކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ޑީއާރުޕީގެ ފަރާތުން ފެންނަމުންމިދާ ޢަމަލުތަކަކީ ނޫސްވެރިންގެ ޒިންމާއާއި ވާޖިބަށް ހުރަސްއެޅުން ކަމުގައި ފާހަގަކުރާކަމަށާއި ހަމައެފަދައިން އެހެންބައެއް ސިޔާސީ ޕާޓީތަކުގެ ފަރާތުންވެސް ނޫސްވެރިންނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ފެންނަމުންދާ ކަމަށް ބަޔާންކޮށްފައިވާ މި ނޫސް ބަޔާނުގައި ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ދިވެހިރައްޔިތުންނާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ނޫސްވެރިންނަށް ހިމާޔަތްދިނުމަށް އެޖަމްއިއްޔާއިން ގޮވަލާފައިވެއެވެ.