މަތި އުތުރު ސަރަހައްދުގައި އެމްޑީޕީގެ ކާމިޔާބު 2 މަސައްކަތު ބައްދަލުވުން ބޭއްވެވުމަށް ފަހު އެ ޕާޓީގެ ޗެއަރޕާސަން މާލެ ވަޑައިގެންފި

ހދ.ހަނިމާދޫން އިބްރާހީމް ރާމިޒް

މަތި އުތުރު ސަރަހައްދުގެ ހއ. ދިއްދޫ އާއި ހދ.ކުޅުދުއްފުށީގައި އެމްޑީޕީގެ ވަރަށް ކާމިޔާބު 2 ބައްދަލުވުން ބޭއްވުމަށް ފަހު އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މުސާ މަނިކު ރޭ އިރާކޮޅު މާލެ ވަޑައިގެންފިއެވެ.
އެމްޑީޕީން މަތި އުތުރު ސަރަހައްދުގައި މި ބޭއްވި މަސައްކަތު ބައްދަލުވުންތައް ބޭއްވުމުގެ މައިގަނޑު ބޭނުންތަކަކީ ދާއިރާތަކުގައި އެމްޑީޕީގެ ޙަރަކާތްތައް ހިންގުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެމްޑީޕީގެ ޙަރަކާތްތައް އެ ދާއިރާތަކުގައި އިތުރަށް ހަރުދަނާކުރަން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބެލުމާއި، ރަށްރަށުގައިޤާއިމްކުރެވިފައިވާޕާޓީގެ އޮފީސްތަކާއި، ހަރުގެތައް އަމަލީ ގޮތުން ޙަރަކާތްތެރިކުރުވުމާއި، ދާއިރާތަކުގައި ހިންގާ އެމްޑީޕީގެ ޙަރަކާތްތަކުގެ މައޫލޫމާތު ޕާޓީގެ އޮފީހަށާއި، އެމްޑީޕީގެ ރަސްމީ ވެބަސައިޓަށް ފޯރުކޮށްދޭނޭ އިންތިޒާމް ހަމަޖެއްސުމެވެ.
އެ ގޮތުން ދިއްދޫ އާއި ކުޅުދުއްފުށީގައި ބޭއްވި 2 ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް އެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.
އެ ގޮތުން އެމްޑީޕީން ޕާޓީ ވަރުފަދަކުރުމަށް މުޅިން އަލަށް ފަށައިގެން މިހިންގާ ޕްރޮގްރާމްތަކަކީ ވަރަށް ރަނގަޅުޕްރޮގްރާމެއް ކަމަށް ދެކެލައްވާ ކަމަށާއި، މި މަސައްކަތު ބައްދަލުވުންތަކަކީ ކުރިޔަށް ހުރި އިންތިޚާބުތައް އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކާ އެޅިގެންދާ ވަރަށް ވަރުގަދަ ފިޔަވަޅެއް ކަމުގައި ދެކެން” ކުޅޫދުއްފުށީ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެލެއްވި އެމްޑީޕީ ނޮޅިވަރަމް ގޮފީގެ ރައީސް މުހަންމަދު މުސްތަފާ ވިދާޅުވިއެވެ.
ދިއްދޫ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެލެއްވި އެ އަތޮޅު “މުރައިދޫ ޒުވާނުންގެ ގޮފީ” ގެ ރައީސް އަބްދުﷲ އަފީފް ވިދާޅުވީ މިއީ މިގޮތަށް ޕާޓީގެ ގޮފިތަކާއި ދާއިރާތަކަށް އަމާޒުކޮށްގެން ބޭއްވި މި ފަދަ ފުރަތަމަ ބައްދަލުވުން ކަމަށާއި، މި ފަދަ މަސައްކަތު ބައްދަލުވުންތައް ކުރިޔަށް އޮތްތަނުގައި އިތުރަށް ބާއްވާނޭ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ޗެއަރޕާސަން ކަމާ ހަވާލުވެވަޑައިގެން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޫސަ މި ފެއްޓެވީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން ޕާޓީގެ ގޮފިތައް ހަރުދަނާ ކުރުމަށް ފަހި ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މި ދަތުރުފުޅުގައި، އެމްޑީޕި މަތި އުތުރު ޕްރޮވިންސްގެ ރައީސް އާދަމް ނަސީރު (އެޑަމް) އާއި، ނައިބު ރައީސް ޙުސައިން ސިރާޖުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ރައީސް (މާލިމީ) އިބްރާހީމް އަޙުމަދު ވެސް ބައިވެރިވެލެއްވިއެވެ.