ރައްޔިތުންނަށް ލާބައާއި މަންފާހުރި ކޮންމެ ކަމެއްގައި ސަރުކާރާއެކު މަސައްކަތް ކުރައްވާ ވާދަވެރި އެންމެހާ ފަރާތްތަކަށް އަބަދުވެސް ސަރުކާރުން އެއްބާރުލުން ދެއްވަމުން ގެންދަވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

16 މެއި 2010

ރައްޔިތުންނަށް ލާބައާއި މަންފާހުރި ކޮންމެ ކަމެއްގައި ސަރުކާރާއެކު މަސައްކަތް ކުރައްވާ ވާދަވެރި އެންމެހާ ފަރާތްތަކަށް އަބަދުވެސް ސަރުކާރުން އެއްބާރުލުން ދެއްވަމުން ގެންދަވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިގޮތަށް ވިދާޅުވީ ކަރަންޓުގެ އަގު އަތްނުފޯރާފަށަށް ގޮސްފައިވާ ކަމަށް ބުނެ ޑީއާރުޕީން އިސްނަގައިގެން ބާއްވަމުން ގެންދިޔަ މުޒާހަރާތައް، ސަރުކާރަށް އިތުރު ފުރުޞަތު ދިނުމަށް ކަމަށް ބުނެ ހުއްޓާލުމާ ގުޅިގެން އެކަމަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ.
މި ބަޔާނުގައިވާ ގޮތުން ސްޓެލްކޯ އިން ފިއުލް ސަރޗާޖްގެ ގޮތުގައި ކަރަންޓަށް ވަކި އަދަދެއް އިތުރުކޮށްފައިވުމާއެކު ކަރަންޓުގެ އަގު ބޮޑުވަމުންދާތީ އެކަން ޙައްލުކޮށް އެކަމުން ރައްޔިތުންނަށް ލިބޭ ތަކުލީފް ލުއިކުރުމަށް މިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ޓާސްކްފޯހެއް އުފައްދަވައި، އެމަސައްކަތް ވަރަށް ބާރަށް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ރޭޑިއޯ ޚިޠާބުގައި، ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ވަރަށް ގިނަ ރައްޔިތުންނަށް އެކަމުގެ ދަތިތައް ފޯރަމުންދާތީ، އެ ދަތިތައް ޙައްލު ކުރުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި، ރައްޔިތުންނަށް އެހާބޮޑު ދައްޗެއް ކުރިމަތި ނުވާ ކަހަލަ ގޮތަކަށް މިކަން ހަމަޖެހިގެންދާނެ ކަމަށްވަނީ ވިދާޅުވެފައެވެ
” ކަރަންޓުގެ އަގަށް އައި ބަދަލާއެކު، ދިވެހި ރައްޔިތުންގެ ޕާޓީން އިސްނަގައިގެން ބާއްވަމުން ގެންދިޔަ މުޒާހަރާތައް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން، ހުއްޓަވާލެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މި ފުރުޞަތުގައި، ޑީ.އާރު.ޕީ.އަށް މަރުޙަބާ ވިދާޅުވެ، އެ ޕާޓީގެ ޒަޢީމަށާއި، އެ ޕާޓީގެ އެންމެހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައެވެ.” ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ. ” ރައްޔިތުންނަށް ލާބައާއި މަންފާހުރި ކޮންމެ ކަމެއްގައި ސަރުކާރާއެކު މަސައްކަތް ކުރައްވާ ވާދަވެރި އެންމެހާ ފަރާތްތަކަށް އަބަދުވެސް ސަރުކާރުން އެއްބާރުލުން ދެއްވަމުން ގެންދަވާނެއެވެ.”
ޑީއާރުޕީން ބުރާސްފަތި ދުވަހުގެރޭ ކުރި މުޒާހަރާގައި އެސަރަޙައްދަށް އެއްވިމީހުން، ކުޑަކުދިންގެ ބަގީޗާގެ ބައެއް ތަންތަނަށްވެސް ގެއްލުންދީ ކުޑަކުދިންގެ ބަގީޗާގެ ފެންސްމަތިން ބައެއްމީހުން ވަދެފައިވާ ކަމަށާއި، އަދި ގަލުން ޙަމަލާދީ ސްޓެލްކޯގެ ބިއްލޫރިގަނޑެއްވެސް އެސަރަޙައްދަށް އެއްވި ފަރާތްތަކުން ތަޅާލާފައިވާކަމަށް ފުލުހުން ހާމަކުރައްވައެވެ. މީގެއިތުރުން، އެސަރަޙައްދަށް އެއްވިމީހުން އެސަރަޙައްދުން ފޮނުވާލި ވަގުތު އެތަނުންދިޔަ ބައެއް ފަރާތްތަކުން، ހެންވޭރުގައި ހުންނަ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ޙަމަލާދީ، އެތާގެ ބިއްލޫރިގަނޑެއްވެސް ތަޅާލާފައިވާ ކަމަށާއި، އަދި ގަލާއި އެހެނިހެން ތަކެތި ފުލުހުންނާއި ދިމާއަށް އުކުމުގެ ސަބަބުން ބައެއް ފުލުހުންގެ ބޯފަޅައިގެންގޮސް، ގިނަ ޢަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ބުރާސްފަތި ދުވަހުގެރޭ ހިނގި މިހަމަނުޖެހުންތަކާ ގުޅިގެން އެސަރަޙައްދުން މީހުން ފޮނުވާލުމުގެތެރޭގައި، ބައެއްމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ނަމަވެސް ހެންވޭރު ޕޮލިސް ސްޓޭޝަންގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުކުރެވޭ 18 އަހަރުންދަށުގެ ކުއްޖަކު ފިޔަވާ އިތުރުފަރާތެއް މިކަމާގުޅިގެން އެރޭ ހައްޔަރުކުރެވިފައި ނުވާކަމަށް ފުލުހުން ހާމަކުރައްވައެވެ.