ސަރުކާރުން ހިންގަވާ ހުރިހާ ކުންފުންޏެއްވެސް ރައްޔިތުންގެ ޙިއްޞާވާ ކުންފުނިތަކުގެ ގޮތުގައި ޙިއްޞާގެ މާރުކޭޓަށް ނެރުއްވުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

president-nasheed1

ސަރުކާރުން ހިންގަވާ ހުރިހާ ކުންފުންޏެއްވެސް ރައްޔިތުންގެ ޙިއްޞާވާ ކުންފުނިތަކުގެ ގޮތުގައި ޙިއްޞާގެ މާރުކޭޓަށް ނެރުއްވުމަކީ، ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޕަބްލިކް އެންޓަރޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑު އިފްތިތާޙް ކުރެއްވުމަށާއި، އެ ބޯޑުގެ ދައުރު، ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް އަންގަވައި ދެއްވުމަށް މިއަދު އާރަށުގައި ބޭއްވެވި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ، މި ކުންފުނިތަކުގެ ޙިއްޞާތައް ނުވަތަ މިލްކުވެރިކަން ސަރުކާރުގެ ކިބައިގައި ބެހެއްޓެވުމެއް ނޫނެވެ. ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންނަށް މިކުންފުނިތަކުގައި ޙިއްޞާވެވޭނެ ގޮތަށް، ކުންފުނިތަކުގެ ޙިއްޞާ ރައްޔިތުންނަށް ދޫކޮށްލެއްވުމެވެ. އެކަން އެހެން ކުރެއްވުމަށްޓަކައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، ކޯޕަރަޓައިޒް މިކުރައްވަނީ، ސަރުކާރުގެ މަސައްކަތްތައް ކަމަށާއި، އެމަސައްކަތްތައް ވިޔަފާރީގެ އުޞޫލުން ހިންގައި އަދި އެ އުޞޫލު ހަމައަކަށް ގެނެވި، އެ އުޞޫލުގެ ތެރެއިން މަސައްކަތްތައް ހިނގާން ފެށުމުން، މިހުރިހާ ކުންފުންޏެއްވެސް ރައްޔިތުންގެ ޙިއްޞާވާ ކުންފުނިތަކުގެ ގޮތުގައި ޙިއްޞާގެ މާރުކޭޓަށް ނެރުއްވުމަކީ، ދެވަނަ ފިޔަވައްސެއްގެ ގޮތުގައި ކުރައްވާނެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަންކަން ހިންގެވުމަށްޓަކައި ވަރަށްގިނަ ވަސީލަތްތައް ބޭނުންވާކަން ހާމަކުރެއްވިއެވެ. އެގޮތުން، މިކަންކަން ހިންގުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑު އެބަ ލިބެންޖެހޭ ކަމަށާއި، ހަމައެހެންމެ، މި މަގުން ކާމިޔާބު ހޯދުމަށްޓަކައި، އެންމެ މުހިންމު ގޮތެއްގައި ހޯދާންޖެހޭ ވަސީލަތަކީ، އިންސާނީ ވަސީލަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަންކަމުގެ ޤާބިލުކަން ލިބި، ވިޔަފާރީގެ އުޞޫލުން ކަމެއް ހިނގާއިރުގައި، ވިޔަފާރީގެ ހަމަތަކާއި، ވިޔަފާރީގެ އެންމެހާ މުޢާމަލާތްތައް ހިނގާ ގޮތްތަކަށް ފަރިތަވާންޖެހޭނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުގެ މައިގަނޑު އެއް އަޞްލަކީ، ސަރުކާރުގެ ތެރޭގައި ހުރި ކަންކަމުގެ ތެރެއިން، ވިޔަފާރީގެ އުޞޫލުން ކުރެވެންހުރި ކަންކަން ފާހަގަކުރައްވައި، އެކަންކަން ހަމައެކަނި ވިޔަފާރީގެ އުޞޫލުން ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވިދާޅުވިއެވެ. އެހެންކަމުން، އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު، ފެށްޓެވި އެންމެ ބޮޑު އެއް މަސައްކަތަކީ، ސަރުކާރުގެ ތެރޭގައި ވިޔަފާރީގެ އުޞޫލުން ހިންގަމުން އައި ކަންކަމަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ކޯޕަރަޓައިޒް ކުރައްވައި، އެކަންކަން ވިޔަފާރީގެ އުޞޫލަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ބައްދަލުވުމުގެ ޝަރަފްވެރި މެހްމާން އަލްފާޟިލް މުޙަންމަދު ޢުމަރުމަނިކުގެ ތަޖުރިބާއާއި ޙިއްޞާ މި ބައްދަލުވުމަށް ލިބޭކަމީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މުޙަންމަދު ޢުމަރުމަނިކަކީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ބައިވެރިވެވަޑައިގެން، ސަރުކާރަށާއި، ދައުލަތަށާއި، ރައްޔިތުންނަށް ވަރަށް ފުރިހަމަ ގޮތެއްގައި ބެއްލެވުމާއެކު، ވިޔަފާރީގެ ނަފާއާއި ފައިދާ ހޯދުމުގެ މުހިންމުކަންވެސް އެނގިވަޑައިގަންނަވައިގެން ވިޔަފާރި ކުރައްވަމުން ގެންދަވާ އެއްބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕަބްލިކް އެންޓަރ ޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑުން މި ބާއްވަވާ މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، އެ ބޯޑުގެ ދައުރު ކުންފުނިތަކަށް އަންގަވައިދެއްވުމާއި، ސަރުކާރުގެ ކުންފުނިތައް އުފައްދައި ޙަރަކާތްތެރިކުރުވުމުގައި ސަރުކާރުގެ ތަޞައްވުރު ހާމަކޮށްދެއްވުން ހިމެނެއެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރެއްވުމަށް ބޭނުންވާ ބައެއް މަޢްލޫމާތު ޙިއްޞާ ކުރެއްވުމާއި، ސަރުކާރުގެ ކުންފުނިތަކަށް ދިމާވާ ދަތިތަކާއި މައްސަލަތައް ޙިއްޞާކުރައްވައި، ކުރިމަގުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކުރެއްވުންވެސް ހިމެނެއެވެ.