ޑެންގީ ކޮންޓްރޯލް ޕްރޮގްރާމަށް އެހީތެރިވެދިނުމަށް އެމްޑީޕީން ނުކުތުން

ލިޔުއްވީ: ހާމދު ޢަބްދުލްޤަފޫރު – ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕި ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު

ހަފްތާ ނިމިގެންދިޔައިރު 48 ގަޑިއިރުތެރޭ ތުއްތު 4 ކުދިން ޑެންގީހުންޖެހިގެން ދުނިޔެދޫކޮށް ދިޔަކަން މީޑިއާތަކުން ރިޕޯޓްކުރަމުންގެންދިޔައިރު، ޑެންގީ ކޮންޓްރޯލްކުރުމުގެ
ގައުމީފެންވަރުގެ އިމެޖެންސީ ޕްރޮގްރާމެއް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ލާމަރުކަޒީ ޓާސްކްފޯސްއެއްމެދުވެރިކޮށް ރާއްޖޭގެ ޕްރޮވިންސްތަކުގައި މަސައްކަތްފަށާފައިވެއެވެ.
މި އަހަރުގެ ޑެންގީ އިމާޖެންސީގައި، ސަރުކާރަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޑެންގީ ފަތުރާ މަދިރި އުފެދެމުންދާ ތަންތަނާއި، މިންވަރުގެ މައުލޫމާތު ވަގުތުންވަގުތަށް ނުލިބުމުން، އެތަންތަނުން މަދިރިނައްތާލުމަށް ފިޔަވަޅު އެޅުން ލަސްވުމެވެ. ކަން މިހެން އޮތްއިރު، މިކަމުން ސަލާމަތްވުމަށް ފަރުދީ އަދި ކޮމިޔުނިޓީ ފެންވަރުގައި ކަމާބެހޭގޮތުން ސަރުކާރުން ދޭންބޭނުންވާ މައުލޫމާތު ފޯރުނުކޮށްދެވުން އެއީ ސަރުކާރަށް ދިމާވެފައި އޮތް އަނެއް ދަތިކަން ފާހަގަކުރެވެއެވެ.
ޑެންގީ ހުމަކީ މިރާއްޖޭގައިވެސް އަހަރުން އަހަރަށް ވަކި މޫސުމެއްގައި ދޭތެރެދޭތެރެއިން ދިމާވާ އިމާޖެންސީއެއްކަމަށްވާއިރު، މިއަހަރު ޑެންގީގެ ނުރައްކާ، ވެއަތުވެދިޔަ އަހަރުތަކަށްވުރެ ބޮޑުކަމަށް ދަނީ ފެންނަމުންނެވެ. މިކަން މިހެން ދިމާވުމާގުޅިގެން ސަރުކާރުގެ މި ސީރިއަސް މަސައްކަތަށް މިޕާޓީގެ މެމްބަރުންވެސް އެހީތެރިވެދިނުމަށް އިސްނަގާ އެދެންފެށިއެވެ. ނަތީޖާއަކަށްވީ، ޕާޓީގެ ޕާލިމެންޓަރީގްރޫޕްގެ މެމްބަރުންނާއި، ކައުންސެލަރުން، އަދި ދާއިރާތަކުގެ ރައީސުންނާއި ޕާޓީގެ ގޮފިތަކުންވެސް ޑެންގޫކޮންޓްރޯލް ޕްރޮގްރާމަށް އެހީތެރިވެދިނުމަށް އިސްނަގާ އެދެން ފެށުމެވެ. އަދި ޕާޓީގެ ޕްރޮވިންސް ފެންވަރުގެ ނެޓްވާކް ހަރަކާތްތެރިވާން ފެށުމެވެ. މިއެދުމަށް އިޖާބަދިނުމުގެގޮތުން ޕާޓީގެފަރާތުން، ސަރުކާރުގެ ޑެންގޫ ކޮންޓްރޯލް ޕްރޮގްރާމަށް ވޮލަންޓިއަރ ކުރުމުގެ ފުރުސަތު ރޭ މާލޭ ހަރުގޭގައި ޕާޓީގެ ރައީސް ހުޅުވާލަދެއްވިއެވެ. މިބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރާއި، މާލޭ ސިޓީގެ “ޕްރޮވިންޝަލް” ރައީސް މުހަންމަދު ރަޝީދު (ބިގޭ) އިތުރު ތަފްސީލްއެރުވިއެވެ. މިބައްދަލުވުން ހިގަމުންދިޔައިރު ޕާޓީގެ ޗެއަރޕާސަން މޫސާމަނިކުވެސް އުޅުއްވަނީ އުތުރުގެ އަތޮޅުތަކުގައި މެމްބަރުންނާއި ބައްދަލުކުރައްވާ އަދި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާލެއްވުމުގެ ދަތުރުފުޅެއްގައެވެ.
މިވަގުތު ސަރުކާރުގެ ޑެންގީ ކޮންޓްރޯލް ޕްރޮގްރާމަށް ޕާޓީގެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާގޮތަކީ، ޕްރޮވިންޝަލް ރައީސުންނާއި، ދާއިރާ ރައީސުންގެފެންވަރުގާ، އެޕްރޮވިންސެއްގާ ޑެންގީ ކޮންޓްރޯލް ޕްރޮގްރާމް ހިންގާ ޓާސްކްފޯސްގެ ސީދާބެލުމުގެދަށުން ހިންގާ ޕްރޮގްރާމަށް ޕާޓީން ކުރިމަތިލާ ވޮލަންޓިއަރުން ހޯދާދިނުމެވެ. އަދި ވޮލަންޓިއަރުންގެ މަސައްކަތަކަށް ވާނީ މިޓާކްފޯސްއިން އަންގާ މައުލޫމާތު ދޮރުން ދޮރަށް ހިގާ އޮޅުންފިލުވުމަށްފަހު، އެމައްޗަށް އަމަލުކުރުމަށް ޓާސްކްފޯސްއަށް ރިޕޯޓްކުރުމެއެވެ. އަދި ރައްޔިތުންނާއި، ކޮމިޔުނިޓީއަށް ޑެންގީ ހުން ކޮންޓްރޯލްކުރުމަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.
ރާއްޖެއަށް މިއަހަރު ދިމާވެފައިމިވާ ޑެންގީހުމުގެ ނުރައްކަލުން އަރައިގަތުމަށްޓަކާ، ސަރުކާރުން ހިންގާ އިމާޖެންސީ ޕްރޮގްރާމަކީ، އައު “ލާމަރުކަޒީ ނިޒާމް”ގެ ދަށުން އިންތިހާބުކުރެވުނު ލޯކަލް ގަވަންމަންޓް، ނުވަތަ ލޯކަލް ކައުންސިލްތައް “ސީދާ” މެދުވެރިކޮށް، ހެލްތުވާކަރުންގެ ހަރަކާތްތެރިކަން، ރަށުފެންވަރުގައި ފުޅާ ކުރެވޭމިންވަރުން، ނިޒާމުން ބޭރުން ހޯދަންޖެހޭ ވޮލަންޓިއަރުންގެ އަދަދު މަދުކުރަމުން ގެންދާ އުސޫލަކަށް ހިގާނެ ޕްރޮގްރާމެއްކަމަށް ވާނެއެވެ. ވީމާ ޕާޓީން ވޮލަންޓިއަރކުރައްވާ މެމްބަރުން، އެކަން ހަމަޖެހެންދެން އެހީތެރިކަން ފޯރުކޮށްދެމުންގެންދިއުމަކީ ޕާޓީން އެދޭގޮތްކަމުގައިބެލެވެއެވެ.