އެމްޑީޕީން މިއަދު ފެށި ޑެންގީ އާ ދެކޮޅަށް އެންމެން ޕްރޮގްރާމް ކުޅުދުއްފުށީގައި އެޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު އިފްތިތާޙް ކޮށްދެއްވައިފި

ހދ.ކުޅުދުއްފުށިން އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން މިއަދު ފެށި ޑެންގީއާ ދެކޮޅަށް އެންމެން މި ޕްރޮގްރާމް ހދ.ކުޅުދުއްފުށީގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
ކުޅުދުއްފުށީ ކައުންސިލް އިދާރާގައި މިއަދު މެންދުރުފަހު، މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމަށްފަހު ޗެއަރޕާސަން ދެއްކެވި ވާހަކަފުޅުގައި، ބައްޔަކާ ކުރިމަތިވުމުން އެބަލިން ފަސޭހަ ވުމަށް އޮތް އެންމެ ރަގަޅު ހައްލަކީ އެ ބަލީގެ އަސްލު ހޯދައި އެ އަސްލު ނައްތާލުމަށް މަސައްކަތް ކުރުން ކަމަށާއި، އެ ގޮތުން ޑެންގީ ހުން ފެތުރެން ދިމާވާ އަސްލަކީ ޑެންގީ ހުން ޖައްސާ މަދިރިކަމަށް ވާތީ، އެ މަދިރި އާލާ ނުވާނޭ ގޮތަކަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޑެންގީ ހުމުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ ރަގަޅު ހައްލަކީ ސާފުތާހިރުކަން ކަމަށާއި، ފޮގް ކުރުމަކީ ވެސް ވަގުތީ ހައްލަކަށްވާތީ މަދިރި ބިސް އަޅާ އާލާ ނުވާނޭ ގޮތަކަށް ގެދޮރާއި އެހެނިހެން ތަންތަން ވެސް ސާފުތާހިރުކުރުމުގެ މުހިންމުކަން އެމްޑީޕީގެ ޗެއަރޕާސަން ފާހަގަކުރެއްވިއެވެ.
އަދި މި ރާއްޖެއަށް ދިމާވާ މިފަދަ ކޮންމެ ނުރައްކާތެރި ހާދިސާ އަކުން ދިވެހިން ސަލާމަތްކޮށްދިނުމަށް އެންމެ ކުރީ ސަފުގައި ސާބިތުކަމާއެކު ތިއްބަވާ ދިވެހި ސިފައިންނާއި ފުލުހުންނަށް އެމްޑީޕީގެ ޗެއަރޕާސަން ޝުކުރުއަދާކުރެއްވިއެވެ.
ގިނަ އަދަދެއްގެ ސިފައިންނާއި، ފުލުހުންވެސް ހަރަކާތްތެރިވި މި ޕްރޮގްރާމް ފައްޓވައިދެއްވުމަށްފަހު މޫސަ ވަނީ ކުޅުދުއްފުށީ ރަބަރުމާގެއަށް ވަޑައިގެން އެގޭގައި މަދިރި އާލާވާގޮތަށް ތަންތަން ހުރިތޯ ބެއްލެވުމުގެ އިތުރުން އެ ގޭގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާފައެވެ.