އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވެރިކަން ލިބިއްޖެ ނަމަ ޕާޓީ ނިޒާމް ދުއްވާލާނެ – އެމްޑީޕީގެ ޗެއަރޕާސަން

ހދ.ކުޅުދުއްފުށިން އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނޫން އެހެން ޕާޓީއަކަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެއިން ޕާޓީ ނިޒާމް މުޅިން ފޮހެލާނޭ ކަމަށް އެޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ހދ.ކުޅުދުއްފުށީގައި އެމްޑީޕީން މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވީ މި ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި، މި ނިޒާމް ގެނައި ޕާޓީ ކަމަށްވާ އެމްޑީޕީ ހަރުދަނާ، ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ދެމިއޮނަން ޖެހޭ ކަމަށެވެ. އަދި ޕާޓީ ނިޒާމުން ވެރިކަން ހިންގުމަކީ އެމްޑީޕީގެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ ވެސްވަރަށް އިސްކަންދެއްވާ ކަމެއް ކަމަށާއި އެމްޑީޕީގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެޅުއްވި ބިންގާ ރަގަޅު ގޮތުގައި ކުރިޔަށް ގެންދިއުމަށް އިތުރު ދައުރަކަށް އެމަނިކުފާނު ރައީސް ކަމަށް ހޮއްވެވުން ކަމަށް ޗެއަރޕާސަން ވިދާޅުވިއެވެ.
ޕާޓީ ނިޒާމް ހިންގުމަށް މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެހެން ކަމުން ޕާޓީ ނިޒާމް ދުއްވާނުލެވޭނޭ ގޮތަށް ޕާޓީގެ އަސާސްތައް ވަރުގަދަ ކުރަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މި މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ ވެސް ޕާޓީ ނިޒާމް ދެމެހެއްޓުމަށްޓަކައި އެމްޑީޕީގެ ހިންގުން ވަރުގަދަ ކުރުމަށް ކުރަން ހުރި މަސައްކަތްތައް ދެނެގަތުން ކަމަށް ޗެއަރޕާސަން ވިދާޅުވިއެވެ.
ދިއްދޫގައި ބޭއްވި ބައްދަލުވުމެކޭ އެއް ގޮތަށް ކުޅުދުއްފުށީގައި މި އަދު ހެނދުނު 10 ން ފެށިގެން މެންދުރު 1.00 ގެ ނިޔަލަށް ބޭއްވި ބައްދަލުވުމަކީ ވެސް ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަ ކުރައްވާފައެވެ.
” އެމްޑީޕީން ޕާޓީ ވަރުފަދަކުރުމަށް މުޅިން އަލަށް ފަށައިގެން މިހިންގާ ޕްރޮގްރާމްތަކަކީ ވަރަށް ރަނގަޅުޕްރޮގްރާމެއް ކަމަށް ދެކެން. މއީ ކުރިޔަށް ހުރި އިންތިޚާބުތައް އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކާ އެޅިގެންދާ ވަރަށް ވަރުގަދަ ފިޔަވަޅެއް ކަމުގައި ދެކެން” މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެލެއްވި އެމްޑީޕީ ނޮޅިވަރަމް ގޮފީގެ ރައީސް މުހަންމަދު މުސްތަފާ ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމަށްފަހު ހދ.ހަނިމާދޫ އާރާސްތު ގޮފީގެ ރައީސް މުޙައްމަދު ނައީމް ވިދާޅުވީ ” މި ބައްދަލުވުމަކީ ކުރިއަށް ހުރި އިންތިޚާބުތަކާއި، ޕާޓީގެ ތަފާތު ޙަރަކާތްތަކުގައި އެމްޑީޕީއަށް އިތުރު ކުރިއެރުން ލިބިގެން ދިއުމަށް މަގުފަހިވެގެންދާނޭ ” ފަދަ މުހިންމު މަސައްކަތު ބައްދަލުވުމެއް ކަމަށް ދެކިލައްވާ ކަމަށެވެ.