އެމްޑީޕީގެ ގޮފިތަކާއި ދާއިރާތަކުގެ ހިންގުން ވަރަށް ބޮޑަށް ހަރުދަނާ ކުރަންޖެހިފައިވާ ކަމަށް އެޕާޓީގެ ޗެއަރޕާސަން ވިދާޅުވެއްޖެ

ރައީސް ނަޝީދު ޕާޓީގެ އިދާރީ ހިންގުމާ ދުރަށް ވަޑައިގެންނެވި ފަހުން އިދާރީ ގޮތުން ކުރިޔަށްވުރެ ޕާޓީ ބަލިކަށިވި ކަމަށް ޗެއަރޕާސަން ވިދާޅުވި

މި މަސައްކަތު ބައްދަލުވުމަކީ ލިބިގެންދިޔަ ރަނުގެ ފުރުސަތެއް – ބައިވެރިން

ހއ.ދިއްދޫން އިބްރާހީމް ރާމިޒް

އެމްޑީޕީގެ ދާއިރާތަކާއި ގޮފިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ހުރިކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި، ދާއިރާތަކާއި ގޮފިތައް ވަރަށް ބޮޑަށް ހަރުދަނާކުރަން ޖެހިފައިވާ ކަން އެނގިވަޑައިގެންފިކަމަށާއި، ރައީސް ނަޝީދު ޕާޓީގެ އިދާރީ ހިންގުމާ ދުރަށް ވަޑައިގެންނެވި ފަހުން އިދާރީ ގޮތުން ޕާޓީ ބަލިކަށިވެފައިވާ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިއަދު ދިއްދޫގައި ހއ.އަތޮޅުގެ ދާއިރާތަކާއި، ގޮފިތަކަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުން ނިންމަވާލައްވަމުން މޫސަ ވިދާޅުވީ، ކަމެއް ޙާސިލްކުރުމަށް އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް ރައީސްކަން ލިބިވަޑައިގެން ކުޑަކޮށް ނަމަވެސް ޕާޓީއާއި ފެއަށް ވަޑައިގަތުމުން ޕާޓީގެ އިދާރީ ހިންގުމަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ ޕާޓީގެ ލީޑަރޝިޕް ގައި ތިއްބެވި ބޭފުޅުންނަށް، އިންތިޚާބަކަށްފަހު އިންތިޚާބެއް ބޯމަތިވުމުގެ ސަބަބުން، އެ އިންތިޚާބުތަކުން އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރައްވަންޖެހިވަޑައިގަތުމުން ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށާއި، އެހެން ނަމަވެސް މިއަދު ވެސް ޕާޓީން ހިންގާ މުހިންމު ކޮންމެ ހަރަކާތެއްގެ ފަހަތުގައި ޕާޓީއަށް ހިއްވަރު ދިނުމަށް އެމްޑީޕީގެ އިސް ލީޑަރު ރައީސް ނަޝީދު އާއި ކުރީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ދާދިފަހުން ޗެއަރޕާސަންކަން ދޫކުރެއްވި އެމްޑީޕީގެ “މަންމަ” މާރިޔާ އަޙުމަދު ދީދީ ތިއްބަވާ ކަމަށެވެ.
” އަޅުގަނޑު ދަންނަވާނީ އެމްޑީޕީގެ ޙަރަކާތްތައް، އެމްޑީޕީގެ އިދާރީ ހިންގުން، އެމްޑީޕީގެ މަސައްކަތްތައް ވަރަށް ބޮޑުތަން ހީނަރުވެގެން ހިނގައްޖެއޭ، މި ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރައީސް ކަމަށް ވަޑައިގެންނެވި ފަހުން. އެހެން ނަމަވެސް މިއަދު ވެސް އެމަނިކުފާނާއި، ކުރީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، މާރިޔާ ދީދީގެ ޚިދުމަތް މި ޕާޓީއަށް، މި ޕާޓީގެ ކޮންމެ މުހިންމު ހަރަކާތަކަށް ލިބޭ”، ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ދާއިރާތަކާއި ގޮފިތައް ހިންގުމުގައި މާލީ އިޖުތިމާޢީ އަދި އެހެނިހެން ވެސް ހުރަސްތަކެއް ހުރިކަން މިއަދުގެ މަސައްކަތު ބައްދަލުވުމުން އިތުރަށް އެނގިވަޑައިގެންފި ކަމަށާއި، އެފަދަ ކަންތައް ރަގަޅުކުރެއްވޭނީ ޕާޓީގެ މައި އޮފީހުގެ އިތުރުން އާންމު މެންބަރުން ވެސް ކޮންމެވެސް ވަރެއްގެ ގުރުބާނީއެއް ވެގެން ކަމަށެވެ. އަދި ޕާޓީ ހިންގުމަށް ހުރި ދަތިތައް އޮޅުން ފިލުވުމަށް އެމަނިކުފާނު މިފެއްޓެވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި، ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ޕާޓީއަށް ދިމާވެފައިމިވާ އިދާރީ ދަތިކަން ހައްލުކުރެއްވުމަށް މިހާރުން މިހާރަށް މަސައްކަތް ފައްޓަވާނޭ ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުންވަނީ މިއީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން ކުރިން ނޭނގޭ އެތައް ކަމެއް، އެތައް މައުލޫމާތެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އެގޮތުން ބައްދަލުވުމުގައި ބައިވެރިވެލެއްވި “މުރައިދޫ ޒުވާނުންގެ ގޮފީ” ގެ ރައީސް އަބްދުﷲ އަފީފް ވިދާޅުވީ މިއީ މިގޮތަށް ޕާޓީގެ ގޮފިތަކާއި ދާއިރާތަކަށް އަމާޒުކޮށްގެން ބޭއްވި މި ފަދަ ފުރަތަމަ ބައްދަލުވުން ކަމަށާއި، މި ފަދަ މަސައްކަތު ބައްދަލުވުންތައް ކުރިޔަށް އޮތްތަނުގައި އިތުރަށް ބާއްވާނޭ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ޗެއަރޕާސަން ކަމާ ހަވާލުވެވަޑައިގެން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޫސަ މި ފެއްޓެވީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން ޕާޓީގެ ގޮފިތައް ހަރުދަނާ ކުރުމަށް ފަހި ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި އަދުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހއ. ކެލާ، ހުވަނދު ކެލާ ގޮފީގެ ރައީސް އަދި ކެލާ ކައުންސިލް އިދާރާގެ ރައީސް އަބްދުﷲ ޒުބައިރު ވިދާޅުވީ މި މަސައްކަތު ބައްދަލުވުމަށް ވަޑައިގެންނެވީ ޕާޓީ ލޯބީގައި ޕާޓީ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތައް އިތުރަށް އޮޅުން ފިލުވުމުގެ ބޭނުމުގައި ކަމަށާއި، އެ މަޤްޞަދު ވަރަށް ރަގަޅަށް ޙާޞިލް ވެގެން ހިނގައްޖެ ކަމަށެވެ.
” އަޅުގަނޑަށް މި ބައްދަލުވުމުން އެނގިގެން ހިނގައްޖެ ކީއްވެގެންކަން ޕާޓީ ހިންގުމުގަ، އިދާރީ އަދި މާލީ ދަތިތައް ކުރިމަތިވެގެން މިއުޅެނީ، ޕާޓީ ތެރޭގައި ހުރި މައްސަލަތައް ވެސް، އަދި އެ މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތްތައް ވެސް އަދި އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނޭ ކަންތައްތައް ވެސް އަޅުގަނޑަށް މިއަދު ވަރަށް ރަގަޅަށް އެނގިގެން ހިނގައްޖެ. އަޅުގަނޑު އުއްމީދު ކުރަން މިފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބާއްވާނެ ކަމަށް” ޒުބައިރު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މި އަތޮޅުގައި ޙަރަކާތްތެރިވާ އެމްޑީޕީގެ ގިނަ ގޮފިތަކުން ބައިވެރިވެފައިވާ އިރު މިފަދަ އިތުރު މަސައްކަތު ބައްދަލުވުމެއް ހދ. އަތޮޅަށް އަމާޒުކޮށްގެން މި ސަރަޙައްދުގެ މަރުކަޒީ ރަށް ކަމަށްވާ ކުޅުދުއްފުށީގައި ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.