މުރައިދޫގައި މަދިރި ކޮންޓްރޯލް ކުރުމަށް ޖާބިރުގެ އަލިދޫ ރިޒޯޓުން މާދަމާ އެރަށަށް ފޮގްކުރަން ނިންމާފައިވާތީ އެމްޑީޕީގެ ޗެއަރޕާސަން އެކަމަށް މަރުހަބާ ވިދާޅުވެއްޖެ

ހއ. ދިއްދޫން އިބްރާހީމް ރާމިޒް

reeko

މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ޑެންގީހުމުން ހއ.މުރައިދޫގެ ރައްޔިތުން ސަލާމަތް ކުރުމަށް އެރަށް ކައިރީގައި އޮންނަ އަލިދޫ ރިޒޯޓުން މާދަމާ އެރަށަށް ފޮގް ކުރުމަށް ނިންމާފައިވާތީ އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މަރުހަބާ ވިދާޅުވެއްޖެއެވެ.
ހއ. އަދި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އުޅުއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަސްއޫލިއްޔަތު މިހާރު އުފުއްލަވަމުން ގެންދަވާ ރީކޯ މޫސަ ވިދާޅުވީ ” އެމްޑީޕީގެ އިސް މެންބަރު ޢަބްދުﷲ ޖާބިރު ހިންގަވާ އަލިދޫ ރިޒޯޓުން މިފަދަ މުހިއްމު ޕްރޮގްރާމެއް ރާވާތީ ވަރަށް އުފާކޮށް، އެކަމަށް މަރުހަބާ ކިޔަން. އަލިދޫ އާ ކައިރީގައި އޮންނަ މުރައިދޫ އަކީ އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތްގޮތުން ޑެންގީ ހުމުގަ ތުއްތު ކުއްޖަކު އިއްޔެ ނިޔާވެސް ވެފައިވާ ރަށެއް. އެހެން ކަމުން ޖާބިރުގެ މި އިސްނެންގެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ތާޢީދުކޮށް، އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަންކަން ކުރާ ފަރާތުގެ ހައިސިއްޔަތުން ޖާބިރު އަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ޝުކުރު ދަންނަވަން” ކަމަށެވެ.
އަލިދޫ ރިޒޯޓުން މުރައިދޫއަށް ފޮގްކުރުމަށް ނިންމާފައިވާތީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މުރައިދޫގެ “ޒުވާން” ކައުންސިލުން ވެސް ވަނި ޖާބިރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި، އަލިދޫ ރިޒޯޓަކީ މުރައިދޫ އަށް މިފަދަ އިޖުތިމާޢީ ކަންކަމުގައި ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ރިޒޯތެއްކަން ފާހަގަކޮށް، އެ ރިޒޯޓުގެ ވެރި ފަރާތް ކަމަށްވާ ޢަބްދުﷲ ޖާބިރަށް ޝުކުރު ދަންނަވާ ކަން ހާމަކޮށްފައެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުރައިދޫ އަށް ފޮގްކުރުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ދިހަޔަކުން ފެށިގެންނެވެ. އަދި ދެ ހަފްތާ ވަންދެން ހަފްތާއަކު 3 ދުވަހު އެރަށަށް އަލިދޫ ރިޒޯޓުގެ އެހީގައި ފޮގްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މުރައިދޫގައި އިއްޔެ ވަނީ ޑެންގީ ހުން ޖެހިގެން 4 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައެވެ.