“ޑެންގީ އާ ދެކޮޅަށް އެންމެން” ގެ ނަމުގައި އެމްޑީޕީން ފިސާރި ކެމްޕޭނެއް ފަށަނީ

އިބްރާހީމް ރާމިޒް

ރާއްޖޭގައި މިހާރު ފެތުރި އާންމު ވެފައިވާ ޑެންގީ ހުމާ މެދު އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް “ޑެންގީ އާ ދެކޮޅަށް އެންމެން” މި ނަމުގައި ފިސާރި ވަރުގަދަ ކެމްޕޭނެއް ފެށުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިސްނެގުމުގެ މަތިން ފަށާ މި ކެމްޕެއިނާ ބެހޭ މަުލޫމާތު މީޑިއާ އާ ހިއްސާ ކުރުމަށް މިއަދު އެ ޕާޓީގެ މައިސެކްރެޓޭރިއަޓްގައި ބޭއްވި ބައްދަލުވުމުގައި އެޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ ވިދާޅުވީ ނުރައްކާތެރި ޑެންގީހުމާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި، މަދިރި އާއި، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމަށް އެމްޑީޕީ އާއި ބައެއް މަދަނީ ޖަމިއްޔާތަކާއި، މާލޭ ސިޓީ ކައުންސިލްތަކާއި ބައެއް އެހެން ޕާޓީތައް ގުޅިގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގެ ތެރޭގައި ޑެންގީ ހުމާއި، ކަމާއިބެހޭ ގޮތުން ތައްޔާރުކުރެވިފައިވާ ލީފްލެޓްތައް ބެހުމާއި، މަދިރި ބިސްއަޅާ، އާލާވާ ގޮތަށް ހުރި ތަންތަން ހުރިތޯ ބަލައި، އެފަދަ ތަންތަން ނައްތާލުމަށް ހޮނިހިރު ދުވަހު ދޮރުން ދޮރަށް ހިނގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް މީޑިއާ މެދުވެރިކޮށް އާންމުން އިތުރަށް ހެލުންތެރިކުރުވުމަށް ކަމާއިބެހޭ، މައުލޫމާތު ދިނުމާއި މަދަނީ ޖަމިއްޔާތަކާއި، ޑޮކްޓަރުން ބައިވެރިކޮށްގެން އާންމުން ހޭލުންތެރިކުރުވުމަށް މާދަމާރޭ އެމްޑީޕީ ހަރުގޭގައި ވަރަށް ބޮޑު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ޑރ. ޑީޑީ މިއަދު ވިދާޅުވި އެވެ.
އެމްޑިޕީން މިހާރު ވަނީ މަދިރި ނައްތާލުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް 11 މެންބަރުންގެ މައްޗަށް އެކުލެވޭޚާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ.