އޭދަފުށީ ރައްޔިތުންނަށް ރައީސް ޝުކުރު އަދާކުރައްވައިފި

އޭދަފުށީ ރައްޔިތުން، މުޅި އެ އަތޮޅުގެ އެހެން ހުރިހާ ރަށްތަކުގެ ރައްޔިތުންނަށާއި، އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމުގައި، ޒަމާނުއްސުރެ ގެންގުޅުއްވަމުން ގެންދަވާ ރިވެތި ނަމޫނާއާއި، އަޚްލާޤް ދަމަހައްޓަވާކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޭދަފުށީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ފާހަގަކުރައްވައި، އޭދަފުށީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވީ، އިންޓެގްރޭޓެޑް ހިއުމަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އޭދަފުށީގައި ޤާއިމް ކޮށްފައިވާ “ރެޒިޑެންޝަލް ލަރނިންގ ސެންޓަރ” ހުޅުއްވައިދެއްވުމަށް އޭދަފުށީގައި އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަޢުލީމް އުނގެނުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ތިންސަތޭކައެއްހާ ކުދިން، އޭދަފުށީގައި އެބަތިބިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، އެކުދިންނަށް ތަޢުލީމު ދެއްވުމަށް އޭދަފުށީ ރައްޔިތުންނާއި، އޭދަފުށީ މަދުރަސާތަކުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަކީ، އެކަންކަމަށްޓަކައި މުޅި އެއަތޮޅާއި، ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ޝުކުރުވެރިވާނޭ މަސައްކަތްތަކެއް ކަމުގައި ވިދާޅުވިއެވެ.

އޭދަފުށީގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުންގެންދަވާ ޕްރޮގްރާމްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، އެރަށުގައި ރަނގަޅު ނަރުދަމާގެ ނިޒާމެއް ޤާއިމްކުރެވިފައިވާކަމާއި، ބޯފެނުގެ މައްސަލަ ޙައްލުކޮށްދެއްވުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އޭދަފުށްޓަކީ، ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށަކަށްވާތީ، އޭދަފުށީގެ ބިން ބޮޑުކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވެ، އެކަމަށް ބޭނުންވާ ބަޖެޓު ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމުގެ ސިޔާސަތުގެ ދަށުން، އޭދަފުށީގެ އިތުރުން، 14 ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތް ކުރެވެމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް، މި ދައުރުގެ ތެރޭގައި ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޤައުމީ ތަރައްޤީގެ މަޝްރޫޢެއްގެ ގޮތުގައި ކުރިއަށް ގެންދަވާ، ދިވެހިރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅުވާލުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މީގެ އިތުރުން، ސަރުކާރުން ހުށަހަޅުއްވާފައިވާ ޓެކްސް ނެގުމުގެ ނިޒާމުގެ ސަބަބުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް، ދިވެހިރާއްޖޭގެ މާއްލިއްޔަތު، ދެމެހެއްޓެނިވި ހަމަމަގަށް އަންނަމުންދާކަމުގެ ޔަޤީންކަން ލިބި، އެފަރާތްތަކުން ދޭ އެހީ އާއި ލޯން ލިބުން ފަސޭހަވެގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރެޒިޑެންޝަލް ލަރނިންގ ސެންޓަރާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިފަދަ ސެންޓަރެއްގެ ބޭނުންތެރިކަން ފާހަގަކުރައްވައި، މި ސެންޓަރުގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަޢުލީމު ހޯދުމަށް އޭދަފުށްޓަށްދާ ކުދިންނަށް، ބެލެނިވެރިންގެ ބެލެހެއްޓުމާއެކުގައި، ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.