އުތުރާއި ދެކުނަށް އެމްޑީޕީގެ ޚާއްސަ ދެ މަންދޫބުން ކަނޑައަޅުއްވާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެއްޖެ

ހއ.ދިއްދޫން އިބްރާހީމް ރާމިޒް

ހއ. ދާއިރާތަކުގެ އެމްޑީޕީގެ އިސް މެންބަރުންނަށް ދިއްދޫ ވޯކްޝޮޕްގައި ،
މޫސަ މައުލޫމާތު ދެއްވަނީ . ފޮޓޯ: އާދަމް ނަސީރު (އެޑަމް)
ހއ. ދާއިރާތަކުގެ އެމްޑީޕީގެ އިސް މެންބަރުންނަށް ދިއްދޫ ވޯކްޝޮޕްގައި ،
މޫސަ މައުލޫމާތު ދެއްވަނީ . ފޮޓޯ: އާދަމް ނަސީރު (އެޑަމް)

ރާއްޖޭގެ އުތުރާއި ދެކުނުން އެމްޑީޕީގެ ޚާއްސަ ދެ މަންދޫބަކު ކަނޑައަޅުއްވާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިއަދު ދިއްދޫގައި ކުރިޔަށްދާ އެމްޑީޕީގެ މަސައްކަތު ބައްދަލުވުމުގައި މޫސަ ވިދާޅުވީ، އެމްޑީޕީގެ އާންމު މެންބަރުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ޕާޓީގެ މައި އޮފީހާއި، އާންމު މެންބަރުންނާއި ދެމެދު އޮންނަންޖެހޭ ގުޅުން ނެތުމުގެ މައްސަލަ ކަމަށާއި، އެހެން ކަމުން ރަށްރަށުގައި ގާއިމްކުރެވިފައިވާ ގޮފިތަކާއި، ދާއިރާތައް ހަރަކާތްތެރިކުރުވައި އެމްޑީޕީގެ ލީޑަރޝިޕާއި، އާންމު މެންބަރުންނާ ދެމެދު އިތުރަށް ގުޅުން ވަރުގަދަކޮށް ، ހަރުދަނާ ކުރުމަށް ކަމަށް އެކަށޭނަ ޤާބިލް ދެ މަންދޫބަކު އުތުރާއި ދެކުނަށް ޚާއްސަކޮށްގެން ކަނޑައަޅުއްވާނޭ ކަމަށެވެ.
މިހާރު އެމްޑީޕީން ދިއްދޫގައި ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި އެމްޑީޕީގެ ގޮފިތައް ގާއިމް ކުރެވިފައިވާ އެއަތޮޅުގެ ހުރިހާ ރަށަކުން މަންދޫބުން ބައިވެރިވެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވަނީ އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކެވެ.

މި ވޯކުޝޮޕްގެ މެންދުރުކުރީގެ ދަންފަޅި ނިމުނުއިރު، ދާއިރާތަކުގައި އެމްޑީޕީގެ މެންބަރޝިޕް އޮތް ޙާލަތާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި ޕާޓީގެ އިދާރާތަކުގެ ގޮތުގައި ހއ.އަތޮޅުގެ ދާއިރާތަކުގައި ހުރި އޮފީސްތަކާއި ހަރުގެ ތަކާއި، އެ އިދާރާތަކުގެ މަސައްކަތްތަކަށް ހުރި ގޮންޖެހުންތަކާއި ބެހެގޮތުން މަޝްވަރާކުރެވުނެވެ.

މި މަސައްކަތު ބައްދަލުވުމުގެ މެންދުރުފަހުގެ ދަންފަޅި މިހާރު ހިނގަމުންދާއިރު، މި ދަންފަޅިގައި މިހާރު ވެސް ބަހުސް ކުރަމުންދަނީ ދާއިރާތަކުގެ އޮފީސް، ހަރުގެ ފަދަ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ. އަދި މި ދަންފަޅީގައި ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ ދާއިރާތަކަށް ބަހާނޭ އުސުލުތަކާއި ބެހޭ ގޮތުން ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރާއިބެހޭ ގޮތުން ވާހަކަދައްކަވާނެއެވެ. އަދި ކޮންމެ އިދާރީ ދާއިރާތަކަށް ފައިސާ ހަވާލުކުރުމަށް އެކައުންޓެއް ހުޅުވާނޭ ގޮތަކާއިމެދު މަޝްވަރާކޮށް، އެ ފައިސާ ބަލަހައްޓާނޭ ފަރާތެއް ކަނޑައަޅައި، ދާއިރާތަކަށް ފައިސާ ހަވާލުކުރުމުގެ ކަންތައް ވަކި ގޮތަކަށް ނިންމުން ވެސް އޮންނާނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ އިތުރުން އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު، އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް (މާލިމީ) އިބްރާހީމް އަޙުމަދު އާއި، އެމްޑީޕީ މަތި އުތުރު ޕްރޮވިންސްގެ ރައީސް އާދަމް ނަސީރު އަދި އެ ޕްރޮވިންސްގެ އެމްޑީޕީގެ ނައިބު ރައީސް ޙުސައިން ސިރާޖް ވެސް ބައިވެރިވެލައްވައެވެ.