ޑީއާރުޕީގެ ލީޑަރަކީ ރައްޔިތުންނަށް ހެޔޮ އެދޭ މީހެއް ނަމަ އޭނާ ބޭންކުން ނަގާފައިވާ ބޮޑެތި ލޯނުތައް ނުދައްކާ ނުހުންނާނެ – މާހިރުބެ

12 މެއި 2010

haruge-19-04-2010-34-460-x-345

ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން އަލީ އަކީ ރައްޔިތުންނަށް ހެވެއް އެދޭ މީހެއް ނަމަ މިހާ ގިނަ ދުވަސް ވަންދެން އޭނާ ބޭންކުން ނަގާފައިވާ ބޮޑެތި ލޯނުތައް ނުދައްކާ ނުހުންނާނޭ ކަމުގައި ހޯމް މިނިސްޓްރީގެ ނާއިބު މުހައްމަދު މާހިރު (މާހިރުބެ) ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މާހިރުބެ ވިދާޅުވީ ބޭންކުގައި އާންމު ރައްޔިތަކަށް ދޫކުރާނެ ފައިސާނެތުމުގެ ސަބަބުން ލޯނު ނުލިބިގެން ރައްޔިތުން ހާސްވެގެން ކޮޅުކޮޅަށްދުވަމުންދާއިރު ރައްޔިތުންނަށްޓަކައި ތިމާ އަދާކުރަންޖެހޭ ދަރަނިތައް އަދާކުރުމަށް އުޒުރުދައްކާމީހަކު އެ ރައްޔިތުންނަށް ހެޔޮއެދިގެން އެއްވެސް ކަމެއް ކުރާނެކަމަށް ޤަބޫލުނުކުރެވޭނެކަމަށާއި ޑީއާރުޕީ އަކީ އެއްވެސް އިރެއްގައި ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރާނޭ ބައެއް ނޫން ކަމަށާއި، ރައްޔިތުންނަށް ހެޔޮ އެދޭ ކަމަށް ޑީއާރުޕީން ދައްކަނީ ރައްޔިތުންނަށް އިތުރަށް އޮޅުވާލަން ކަމުގައެވެ.
މާހިރުބެ ވިދާޅުވީ ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީގެ އަތުގައި އަގުބޮޑު ރިސޯޓުތަކާއި އެހެންވެސް ހަރުމުދާ ހުރި އިރު، އޭނާ ބޭންކުން ނަގާފައިވާ ފައިސާ އަނބުރާ ނުދައްކާ ހުންނަނީ އެފައިސާ ދެއްކޭނެގޮތެއް ނެތިގެން ކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ. އަދި ޑީއާރުޕީއަކީ ރައްޔިތުންނަށް ހެޔޮއެދޭބަޔަކުނަމަ އެޕާޓީގެ ލީޑަރު ކަމުގައި ހުންނެވި ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީނު ޢަލީ ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް މިހާރުން މިހާރަށް ބޭންކަށް އަނބުރާ ދައްކަވައިދެއްވުމަށް ވެސް މާހިރުބެ ގޮވާލެއްވިއެވެ.

މައުމޫންގެ ސަރުކާރުން ރާއްޖޭގައި ވެރިކަންކުރި ދިގު 30 އަހަރަކީ، ވެރިކަމުގެ ހުރިހާ އާރާއި ބާރެއް ލިބި އޮވެ ވެރިކަން ކުރި 30 އަހަރު ކަމަށާއި، އެހެންނަމަވެސް އެ އާރާއި ބާރުވެރިކަން ލިބި އޮވެ ވެސް، ރައްޔިތުންނަށް ހެޔޮ އެދިގެން އޭރުގެ ސަރުކާރުން މަސައްކަތްކޮށްފައި ނުވާތީ ކުރިޔަށް އޮތް ތަނުގައި ޑީއާރުޕީން ހެޔޮވެރިކަމެއް ކޮށްފާނޭ ކަމަށް ގަބޫލުކުރަން ދަތި ކަމުގައި މާހިރުބެ ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރޝިޕް އިތުރު ކުރުމާއި ރަށްރަށުގައި އުފެދިފައިވާ އެޕާޓީގެ ގޮފިތަކާއި ޕާޓީގެ މައި އޮފީހާ ދެމެދު ގުޅުން ހަރުދަނާ ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި ޅ. ދައިރާގެ ކޯޑިނޭޓަރު ކަން ވެސް ކުރައްވާ، މާހިރުބެގެ ވާހަކައިގައި އެމްޑީޕީގެ ކޮންގްރެސް އައުމުގެ ކުރިން، އެޕާޓީ އަށް 60،000 މެންބަރުން ހަމަކުރަން ޕާޓީގެ ހުރިހާ މެންބަރުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 މެންބަރުން ކަމަށްވާ މަޑަވެލީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވެސް ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން އިސްލާމިކް އެފެއާޒް މިނިސްޓްރީގެ މުރުޝިދު އާންމު އަލްޙާފިޒް އަޙުމަދު ޒަކީ ވެސް މިޖަލްސާގައި ވާހަކަ ދެއްކެވިއެވެ.