މެންބަރުންގެ ޚިޔާލު: މަންޒަރު ދެކޭކަށް އެލޯތަކަށް ކުޅަދާނައެއް ނޫނެވެ.

ފުނަމާ

ރައްޔިތުންނާއި ވެރީންނާއި ދެމެދު ބާއްވަމުންއައި ފަރަގު ކުޑަކޮށް އެކުވެ އެކުގައި އުޅެވޭނެ ދުވަހެއް، ވެރީންގެ ރިޔާސީ މަސަންދުން ފައިބައި ރައްޔިތުންގެ ހާލުއަހުވާލު ބަލާލައި އެއްބަޔަކު އަނެއްބަޔެއްގެ އުފަލާއި ހިތާމައިގައި ބައިވެރިވެ އުޅެލެވޭނެ ދުވަހެއް އައުންއެދި މިރާއްޖޭގެ އެންމެ ރައްޔިތުން އިންތިޒާރުކުރާތާ ހާދަހާވާ ގިނަދުވަހެއް ވެއްޖެއެވެ. ރާއްޖޭގައި ވެރިކަން ކުރެއްވި ގިނަބޭފުޅުން ނިމިގެން ދިޔައީ ރައްޔިތުންނަށް އެބޭފުޅުންގެ މޫނުނުދައްކައި އަނގައިން ބަހެއް ވިދާޅުނުވެއެވެ. ކިބުރުވެރި ކަމާއި ތަކައްބުރުކަމުގެ އިންތިހާގައި ކޮއިލު ތެރޭގައި ރެނދަލި ކުރައްވާފައެވެ. ވެރީން މަގުތަކުގައި ހިންގަވާނަމަ ރައްޔިތުން ތިބޭންޖެހެނީ އެއްފަރާތަށްޖެހި އިސްޖަހައި ގެންނެވެ. ކުރުނީހުގައެވެ. މިސްކިތަކަށް ވެރިމީހާ އެރުމުން އޭނާގެ ފައިވާން ޖޯޑުކޮޅުގެ ރައްކާތެރި ކަމުގައި ހާރިސުން ތިބިދުވަސް އަޅުގަނޑުމެންވެސް ދުށީމެވެ. ވެރިމީހާގެ ފޮޓޯއަކަށް ނުގޮތަކަށް ބަލާލެވުނަސް ހުރަގޭގެ އަހުވަ ދެކެންޖެހުނު ކިތަންމެ ބަޔަކު މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. ދިވެހީން ވެރިކަމުގެ ނިޒާމަށް ބަދަލުގެންނަމުން ދިޔައީ އެދުވަސްތަކުން ވީއްލި ހަމަޖެހުމެއް ލިބުމުގެ އުންމީދުގައެވެ. ނަމަވެސް އެއެދުމުގައި އިންތިޒާރުކުރި އެތަކެއް ލޯތަށް މެރި ކަށްވަޅުގައި ކަށިފީވެދިޔައީ އެމަންޒަރު ފެނުމުގެ ނަސީބު ނުލިބިއެވެ. ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ގެނައުމަކީ ރާއްޖޭގެ ދީންވެސް ހުއްދަ ނުކުރާ ކަމެއް ކަމުގައި ގޮވަމުން މަގުމަތީގައި އުޅޭ އާދައިގެ ސޮރުންނަށް ވެރިކަން ދިނުމަކީ ގައުމު ނެތިދިއުން ކަމުގައި ގޮވަމުން ވެރިކަމުގައި ބަގުޑިިލައިގެން އުޅުނު ” ކަރާމާތްތެރި ވަލީވެރީން” އެމީހުންގެ ފާޓުފުޅާކަމުގައި ތިއްބައި މަގުމަތިވެ އެއްކަލަ ނިކަމެތީންނަށް ވެރިކަން ލިބުމަށް ﷲ މިންވަރު ކުރެއްވުމުން އަސްތާ އެވެރީންގެ ތަދުބީރުތަށް މުޅީން ވަޔަށް އަރައި ނިމި ،ކުލަފިލައި ހިނގައްޖެއެވެ. ތަގުދީރުގެ ގަޑީގެ އަޑާއި އެކުވެ ރާއްޖޭގެ ވެރިކަން މަލްޓިޕާޓީ ޑިމޮކްރަސީ އަކަށް ބަދަލުވެ ސީދީންގެ ވެރިކަން އުވި ދިޔައީއެވެ. މިއަދު ދިވެހީން ދެކެމުން މިދަނީ ކުރީން ހީނުކުރާ ކިތަންމެ ކަމެކެވެ. ވެރިމީހާއާއި ރައްޔިތު މީހާ އާއި ދެމެދު އޮންނަ ތަފާތު ކެނޑި އެންމެން އެއްހަމައެއްގައި އުޅޭ މަންޒަރެވެ. ” ނަޝީދީ އަޑުތަކުން ހިތްތަކަށް އުފާވެރިކަން ގެނުވާ ގުލްޒާރެއްގައި މާމެލާމެލީގެ މީރުވަސް ތަކުގެ ތެރޭގައި” އެންމެން އެކުވެ އެއްހިތް ވެގެން އުޅޭތަނެވެ. އުފާވެރިކަމުގެ އެންމެ ކުރީސަފުގައިވެސް ރައްޔިތުންނާއި އެކު ވެރީން އެކުވެ އުފާކުރާތަނެވެ. ރައްޔިތުންގެ ހިތާމަތަކުގައިވެސް ވެރީން ބައިވެރިވެ އުޅޭ މަންޒަރެވެ. އަޅާ ހެދުމަކުން ހިނގާ ހިނގުމަކުން ވެރީންނާއި ރައްޔިތުން ތަފާތެއް ނުވެއެވެ. ކުރީގައި ވެރީން އެމީހުންގެ ކޮއިލުކޮޅަށް ޚާއްސަވެފައިވާ ފާރުތަކުގެ އެތެރޭގައި ރައްޔިތުންނަށް ފިލައިތިބެގެން އެމީހުންގެ ޚާއްސަ އެކުވެރީންނާއި އެކު ކުޅިމަޖަލަށްް ހޭދަކުރި ވަގުތުތަކަކީ ތާރީޚުގައި މަދުންނޫނީ ފެންނާން ނެތް ކަންކަން ކަމުގައި ވިޔަސް މިއީ އެންމެން ދަންނަ ބޮޑުސިއްރެކެވެ. ދީނާ ޚިލާފު އެތަކެއް ޢަމަލުތަށް އެވެރީންގެ ކޮއިލުތަކުގެ ފާރުތަކުގެ ތެރޭގައި އޮންނަނީ ހުއްދަވެފައެވެ. ރައްޔިތުންނަށް ފެންނަނީ އަބަދުވެސް މާއަބުއިވެފައި ލަޝްކަރީންނައިގެން ވެޑުވިތިބޭ ވެރީންނެވެ. ނަމަވެސް މިއަދު އެކަން މިވަނީ ބަދަލުވެފައެވެ. މިއަދު ވެރިމީހާ އުފާކުރަނީ ރައްޔިތުންނާއި އެކުގައެވެ. އުޅުއްވަނީ އާދައިގެ ރައްޔިތުންނާ އެއްހަމައިގައެވެ. ތަފާތަކީ މިކަން ދެކޭގޮތެވެ.
ކުރީގެ ވެރިކަމުގެ ރަސްދާނުގައި ވެޑުވި ތިބެގެން ބޮޑާވެ އަބުއިވި ބޭފުޅުންނަކީ، މިއަދު ގެނަޔަ ނުދޭން އެންމެ ބޮޑަށް ފައިވިއްދި މީހުންނެވެ. ވަކި ޚާންދާނީ ، ގަބީލާ ވެރިކަމެއް އޮތުމަށް މެނުވީ އިންކާރު ކުރި މީހުންނެވެ. ނަމަވެސް މިއަދު އެލޯތަކަށް މިމަންޒަރު މިދަނީފެނި ހާމަވަމުންނެވެ. މިކަމުން ކުރާ އަސަރުގެ ބޮޑުކަމުން ދެންދައްކާނެ ވާހަކައެއް ނެތުމުން ހައްތަހާ ކިޔަނީ މިއީ ދީނީގޮތުން ވެރިއަކު ކުރާން ހެޔޮވާވަރުގެ ކަމެއް ނޫންކަމުގައެވެ. ރައްޔިތުންނާއި ގާތުން ހާލުއަހުވާލު ބަލާލައި ވެރީންގެ އުފަލުގައި ރައްޔިތުން ބައިވެރި ކުރުވުމާއި ރައްޔިތުންގެ އުފަލުގައި ވެރީން ބައިވެރިވެ އުޅުމަކީ ދީނުގައި ހަރާމް ކަމެއް ކަމުގައި އެބުނާބަޔަކު އެބުނަނީ ކޮންދީނެއްގެ ވާހަކަ ހެއްޔެވެ؟ އަހަރެމުންނަކީ މުސްލިމުން ކަމުގައި ވާއިރު އިސްލާމްދީނުގައި ހަރާމްކުރެއްވި ކަންކަން އަހަރެމެންވެސް ދަންނަމުއެވެ. އެކަމަކު ފަޅުކޮޓަރިއެއްގެ ދޮރުބޭރުގައި އަންހެނަކާއި ފިރިހެނެއްގެ ފައިވާން ހުރުމަކީ ހަރާމް ކަމެއް ކަމުގައި ދުވަހަކުވެސް މީހަކު ބުނާތީއެއް އަޑެއް ނާހަމެވެ. އެކުން ތުނބުޅި ދިގުނޫނަސް މިވަރު އަހަރެމެންވެސް ދަންނަމުއެވެ. ވަނީ އެންމެ ކަމެކެވެ. މިއަދު މިފެންނަ މަންޒަރުތަކުން ވެރީންގެ އައްޒާތީކަން ކެނޑި ދެން ތިމާމެން ވެރިކަމަށް ނާދެވި ތޮށްޓަށް އަރާ ގޮޅާގެ ފެންބޯން ޖެހޭނެކަން މިހާރު ކަށަވަރުވާތީވެ ހަމަ ހިތަށް ލިބޭ ގިލަނުން ހިންވެސް ނުދިރެނީއެވެ. ދީނުގެ ނަމުގައި ، ސުލޫކުގެ ނަމުގައި އަރާތިބެގެން އެކަނޑާ ފޮނި ބައިސާތަކާއި ދައްކާ ހުއްޖަތްތަށް އެދައްކާ ނަގަނީ ކާކަށް އޮޅުވާލަން ބާވައޭ ހީވެއެވެ. މިއީ ދިވެހި ރާއްޖެއެވެ. މިގައުމުގައި މިއަދު އަންހެނުންނާއި ފިރިހެނުން ދިރިއުޅެނީ މިނިވަންކަމާއެކު އަބުރުވެރި ދިރިއުޅުމެކެވެ. ހަމަހަމަ ކަމާއި އެކުގައެވެ. އިންސާނީ ކަރާމަތަށް އިޙްތިރާމު ކޮށްގެންނެވެ. މިކަމާ ހިތުގާ ގިނި އަނދާތީވެ މުޅި ގައުމު ފަސާދަ ކުރާން ތަންތަނަށް އަރައި ދީން އައްޑަމަ އަކަށް ހަދައި ކަރުން ހަންދާވަރަށް ހަޅޭއްލަވައިގެން ، މީހުން މަގުމައްޗަށްނެރެ މުޅިގައުމުގައި ހުޅުޖެހުމަކީ އެމީހުންގެ ޕުރޮޕެގެންޑާ ކަން މިގައުމުގެ ރައްޔިތުންނަކަށް ދެން އޮޅުވައެއް ނުލެވޭނެއެވެ. މިވާގޮތަކީ މިއަދު ވެރީންނާއި ރައްޔިތުން އެކުވެ މިލިގެން މިއުޅޭ މަންޒަރު ފެނި ވެރިކަމުގެ ޝާނާއި ޝައުކަތަށް ފެންބޮވާފައި ތިބި ބައެއްގެ ލޮލަށް މިމަންޒަރުތަށް ބަލާން ނުކުޅަދާނަވެ ހިތުގައި ހަސަދައިގެ ގިނިއަނދަނީއެވެ.