ނޯވޭގެ ކޮންޒަވޭޓިވް ޕާޓީންދޭ ޑިމޮކްރަސީ އަދި ހިއުމަން ރައިޓްސް އެވޯޑް އެމްޑީޕީއަށް ލިބިއްޖެ

8 މެއި 2010

4589158494_fcea795d72

ނޯވޭގެ ކޮންޒްވޭޓިވް ޕާޓީ، ހޮޔެރާ އިން ދޭ ޑިމޮކްރަސީ އަދި ހިއުމަން ރައިޓްސް އެވޯޑު ކަމަށްވާ ސުޖޫރު ލިންޑާބްރައެކެކޭގެ އެވޯޑް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބިއްޖެއެވެ.
މި އެވޯޑް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ދިނުމުގެ ހަފްލާ އޮތީ މިއަދު ރާއްޖޭ ގަޑިން 6 ޖެހި އިރު ނޯވޭގެ ވެރިރަށް އޮސްލޯ ގައެވެ. މި އެވޯޑާ އެމްޑީޕީގެ ފަރާތުން ހަވާލުވެ ވަޑައިގަތީ އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އެވެ.
ޑިމޮކްރަސީއާ އިންސާނީ ހައްގުތަކުގެ ދާއިރާ އިން ފާހަގަ ކުރެވޭ ސިޔާސީ ޕާޓީތަކަށްދޭ މި އެވޯޑު، ރާއްޖޭގައި ސިޔާސީ ޕާޓީތައް ހުއްދަކުރެވިގެން އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ އަށް މި ލިބުނީ މިކަށް ޚާއްސަކޮށްގެން ވިލާތުގެ އެކި ގައުމުތަކުން ހޮވާލެވުނު ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
އެމްޑީޕީގެ ފަރާތުން މި އެވޯޑާ ހަވާލުވުމަށް ދިޔަ ވަފްދުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، އިލްޔާސް ލަބީބް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިވަފްދު ގައި ހިމެނި ވަޑައިގަންނަވާ ދެ ބޭފުޅުން ވަނީ ނޯވޭގެ ކޮންޒްވޭޓިވް ޕާޓީ، ހޮޔެރާގެ އަހަރީ ކޮންފަރެންސްގައި ތަޤްރީރު ކުރެއްވުމުގެ އިތުރުން ނޯވޭގެ ޕާލަމެންޓް މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.