ރަސްދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރަސްމީކޮށް ފަށްޓަވައިދެއްވައިފި

8 މެއި 2010

މެދު އުތުރު ޕްރޮވިންސްގެ އއ. ރަސްދޫ ބަނދަރު ހެދުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު، ބުރާސްފަތި ދުވަހު ހަވީރު ރަސްދޫ ބަނދަރު ސަރަހައްދުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ހާބަރ ޕްރޮގްރާމްގެ ދަށުން ރަސްދޫގައި ބަނދަރެއް ހެދުމަށް 2007 ވަނަ އަހަރު އޭރުގެ ސަރުކާރުން ފެއްޓެވި ކަމަށާއި، އެހެންނަމަވެސް އޭރު އެކަން ކުރެއްވީ ރަސްދޫ ރައްޔިތުންނާ މަޝްވަރާކުރެއްވުމަކާނުލާ ކަމުގައި ވިދާޅުވިއެވެ.
ރައީސުލް ޖުމްހުރިއްޔާގެ ވާހަކަފުޅުގައި ރަސްދޫއަކީ ބިން ފުރި، ބިމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ރަށަކަށްވުމާއެކު، އެރަށުގެ ބަނދަރު ހެދުމަށް މިހާރު ނިންމާފައި ވަނީ އެއްލައްކަ ފަސްދޮޅަސްހާސް އަކަފޫޓްގެ ބިން ރަށަށް ބޮޑުވާގޮތަށް ކަމަށާއި، އަދި ބޭރު ތޮށްޓަކާއެކީގައި ބަނދަރުހަދާގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ރަސްދޫ ބަނދަރު ހެދުމުގެ އަގެއްގެ ގޮތުގައި އެއިރު ބަޖެޓް ކުރެއްވި އަގަކީ 16 މިލިއަން ރުފިޔާ ނަމަވެސް ސަރުކާރުން ރަސްދޫގައި އިއްޔެ މިފެށި މަޝްރޫޢުގެ އަގަކީ ޖުމްލަ 26 މިލިއަން ރުފިޔާ ކަމުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރަސްދޫ އިން މިހާރު ދޫކުރެވެން އޮތީ އެންމެ ގޯއްޗެއްކަން އެނގިވަޑައިގަންނަވާކަމަށާއި ބަނދަރު ހެދުމުގެ މަޝްރޫއުގެ ސަބަބުން ހިއްކޭ ބިމުން ރައްޔިތުންނަށް ގޯތި ދޫކުރައްވާނެކަމަށެވެ. އަދި ރަސްދޫ އަކީ ސަރުކާރުން ކުރިއަށްގެންދާ ގެދޮރު އަޅައިދިނުމުގެ މަޝްރޫއުގެދަށުން 25 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ ރަށެއްކަމަށާއި އެމަސައްކަތްތައްވެސް ކައިރި މުސްތަޤްބަލެއްގައި ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްދޫ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން މިދިޔައަހަރު ފަށަން މަސައްކަތްކުރި ކަމަށާއި، އެހެންނަމަވެސް މިދިޔައަހަރު ދުނިޔެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމާއި، އަދި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހުރިގޮތާއި، ކުރީގެ ސަރުކާރުން އޭރު ޚަރަދުބަރަދުގެ ކަންތައްތައް ހިންގާފައި ހުރިގޮތުގެ ސަބަބުން މަސައްކަތް ފެށްޓޭ ގޮތް ނުވީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަސްދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ރަސްމީކޮށް ފައްޓަވައި ދެއްވުމަށްފަހު އެރަށުގައި ފަށަން ގަސްދުކޮށްފައިވާ ބައެއް އެހެން މަޝްރޫޢުތަކަ ބެހޭ ގޮތުން އެރަށު ރައްޔިތުންނަށް މަޢުލޫމާތު ދިނުން އޮތެވެ. އެގޮތުން އެރަށު ބަނދަރު ސަރަހައްދުގައި އޮތް މި ޖަލްސާގައި ދަތުރު ފަތުރާއި، ބޯހިޔާވަހި ކަމާއި، ޒުވާނުންނާއި، ކަރަންޓު އަދި ކުނި ނައްތާލުމާއި ބެހެގޮތުން އެރަށުގައި ކައިރި މުސްތަޤްބަލެއްގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހެ މަޢުލޫމާތު އެދާއިރާތަކުގެ އިސް ބޭފުޅުން ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްދޫ އަށް މިކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފް އާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް އަލް އުސްތާޒް ހަސަން ލަތީފާއި، ހޯމް މިނިސްޓަރ މުހައްމަދު ޝިހާބުގެ އިތުރުން ސަރުކާރުގެ ވަރަށް ގިނަ ދާއިރާތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.