6 މެއި 2010
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލް ތަޞްދީޤު ކުރެއްވުމަކީ ބުއްދިވެރި ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް މަޖިލީހުން މިދައުރުގައި ފާސްކޮށްފައިވާ އަނެއް ބިލް ކަމަށްވާ، ލޯކަލް ކައުންސިލް އިންތިޚާބާބެހޭ ބިލު މިހާރު ފާސްކޮށްފައި އޮތްގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ އެތައް ބައެއްގެ ހައްގުތައް، ގެއްލޭތީ އެބިލް ތަޞްދީޤު ނުކުރައްވާނެކަމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އދ.ގެ ޗެމްޕިއަންސް އޮފް ދަ އާރތުގެ ޝަރަފްވެރި އެވޯޑު ލިބުމުގެ އުފާ ފާޅުކުރުމަށް “ވީ އާ ދަ ޗެމްޕިއަންސް”ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެމްޑީޕީގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބިލް، ފާސްކުރައްވާފައިވަނީ ސަރުކާރުން ހުށަހެޅި ރޫޙުގައި ނޫންކަމަށާއި އެބިލު ފާސްކޮށްފައިވަނީ ހަމައެކަނި ރަށްކުރިއަރުވާ ކޮމިޓީތަކުގެ ނަން ބޯޑުތައް ރަށު ކައުންސިލްތަކަށް، އަދި އަތޮޅު ކުރި އަރުވާ ކޮމިޓީތަކުގެ ބޯޑު އަތޮޅު ކައުންސިލްތަކަށް ބަދަލުވާގޮތަށް ކަމަށެވެ. އެހެން ނަމަވެސް މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާގޮތަށް ތަޞްދީޤު ނުކުރައްވައިފިނަމަ ކުރިމަތިވެދާނެ ޤާނޫނީ މައްސަލަތަކަށްޓަކައި އެ ބިލް މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގޮތަށް ތަޞްދީޤުކުރެއްވުމަކީ ބުއްދިވެރި ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލް ތަސްދީޤް ކުރައްވަން ނިންމެވި ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއިބެހޭ ބިލް މިހާރު އޮތް ގޮތަށް ފާސްކުރައްވައިފިނަމަ އެކަން ވާނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފަށް ކުރެވޭ ކަމަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ އެތައް ބަޔަކު މާލެއާއި ރިސޯޓު ތަކުގައި ދިރިއުޅެމުންދާއިރު އެމީހުންނަށް ވޯޓުލުމުގެ ހައްޤު ނުލިބޭ ގޮތަކަށް ވޯޓުލެވޭ ގޮތަށް އޮތުމަކީ ރައްޔިތުން ޤަބޫލުކުރާނެކަމެއް ނޫންކަމުގައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މިހާތަނަށް ބައިވެރިވެފައިވާ ހުރިހާ އިންތިޚާބެއް ގައި ވެސް އެންމެ ގިނަ ވޯޓޫ ލިބިވަޑައިގެންފައިވަނީ ރަށުން ބޭރުގައި ދިރިއުޅެމުންދާ މީހުންގެ ފަރާތުން ކަމަށާއި، މަޖިލީހުން މިބިލް މިގޮތަށް ފާސްކޮށްފައި މިވަނީ މިދެންނެވި ޙަޤީޤަތް އެނގިތިބެ ހީލަތްތެރި ރޭވުމެއްގެ ދަށުން، ޒަމާނުއްސުރެ ހީލަތްތެރި ގޮތުގައި ކަންކަން ކުރަމުންއައި ބަޔަކު އަދިވެސް އެގޮތަށް ކަންކަން ކުރަންބޭނުންވާތީ ކަމަށެވެ. މިބިލުން ރައްޔިތުންގެ ހައްޤުތައް ނުގެއްލޭގޮތަށް، ހެޔޮ ނިޔަތުގައި ބިލް އިޞްލާޙުކޮށްފައި ފޮނުވުމުން ތަސްދީޤު ކުރައްވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ރޭގެ ފޯރިގަދަ ޖަލްސާގައި ވިދާޅުވިއެވެ.