މި ސަރުކާރުން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

5 މެއި 2010

މި ސަރުކާރުން އެއްވެސް ނޫސްވެރިޔަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި، މިފަދަކަމެއް މުސްތަޤްބަލުގައި ކުރެއްވުމަށް ވެސް ގަސްދު ނުކުރައްވާ ކަމުގައި ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވި ދުވަސްވަރު ލިޔުއްވި ލިޔުއްވުމަކާ ގުޅިގެން ކުރީގެ ސަރުކާރުން ޖަލަށްލައި އެތަކެއް އަނިޔާއެއް އެބޭފުޅަކަށް ދީފައިވާ ބޭފުޅެއް ކަމުގައިވާ، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރާއި، ޔުނެސްކޯ ގުޅިގެން ހޮލިޑޭ އިން ހޮޓަލުގައި ބޭއްވި 2 ދުވަހުގެ މަޝްވަރާ ބައްދަލުވުމުގެ ބައިވެރިންނަށް އިއްޔެ ދެއްވި މެންދުރުގެ ފަރީއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފްލާގައި ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުން ބޭނުންވަނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ގެންދެވެންއޮތް އެންމެމަތީ ފެންވަރަކަށް ގެންދަވަން ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވެރިކަމެއް ބަދަލުވެގެން އަންނަ ފުރަތަމަ ހަތަރުވަރަކަށް މަހުގެތެރޭގައި، ގިނަފަހަރަށް ވާގޮތަކީ އާސަރުކާރުގެ ބާރު ފޯރުވުމަށްޓަކައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅެނީކަމަށް ވިދާޅުވެ، އެހެންނަމަވެސް މިސަރުކާރުން އެފަދަ ޢަމަލެއް ނުހިންގާ ފުރަތަމަ ހަތަރުވަރަކަށް މަސް ވޭތުކޮށްފައިވާ ކަމީ ވަރަށް އުފާފުޅުކުރައްވާ ކަމެއްކަމުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ލިޔުންތެރިންނަށް ކުރީގެ ސަރުކާރުން ކޮށްފައިވާ އަނިޔާތަކުގެ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވިނަމަވެސް އެ ހަޤީޤަތްތައް ވަނީ ރާއްޖޭގެ ނުސްވެރިކަމުގެ ތާރީޚްގައި ލިޔެވިފައިކަމަށެވެ. މިގޮތުން އަހުމަދު ވަޙީދު ޢަލީ (މަޑުލު ވަހީދު) ހަތް މަސްދުވަހު ބަންދުގައި ގެންގުޅުނުކަމަށާއި، އެބަންދުން ސަލާމަތްވިއިރު އެނާއަށް ނަފްސާނީ ގޮތުން ވެސް އެތައް މައްސަލައެއް ކުރިމަތިވެފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ދިރިހުރި ނަމަވެސް، އޭރު އޭނާގެ ހާލަތުހުރި ގޮތުން އެއީ ޙިއްސުތައް މަސައްކަތްނުކުރާ، ވާހަކަނުދައްކާ. ހިނައި ތާހިރުވާން ބޭނުން ނުވާ މީހެއްގެގޮތުގައި ހުރި މީހެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުންވެސް އަހްމަދު ވަޙީދު ޢަލީ ފަދަ އެތައް ލިޔުންތެރިންނެއް މިފަދަ ނިކަމެތި ހާލުގައި އުޅެން ޖެހުނު ކަމަށާއި ޚުދު ރައީސް ނަޝީދަކީ ވެސް ލިޔުއްވި ލިޔުއްވުމަކާއިގުޅިގެން ދިގުމުއްދަތަކަށް އެކިފަހަރު މަތިން ބަންދުގައި އުޅުއްވަންޖެހިވަޑައިގެންނެވި ބޭފުޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މިސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ އިޞްލާޙަށް މަސައްކަތްކުރި މަޝްހޫރު ދުވަހު ނޫސް، “މިނިވަން ޑެއިލީ” ހުއްޓާލުން ކަމަށާއި، މިކަން މިހެން ކުރެއްވުމުން، ސަރުކާރުގެ ޚިޔާލާއި ފިކުރު ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ޚަބަރުފަތުރާ ވަސީލަތެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެމަނިކުފާނު ވިދާޅުވީ، މިކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ޑިމޮކްރަސީއަށްޓަކައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް ކަމުގައެވެ. ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވި ދުވަސް ކަމަށްވާ 11 ނޮވެމްބަރު 2008 ން ފެށިގެން މިނިވަން ޑެއިލީ ނެރުން ހުއްޓާލިއެވެ.
މިރަސްމިއްޔާތުގައި “އަހަރުގެ ދިވެހި ނޫސްވެރިޔާ”ގެ އިނާމުވެސް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވިއެވެ. މިއިނާމުގެ ތަޢާރަފް ދެއްވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ވިދާޅުވީ، މިއިނާމު ތަޚްޞީޞް ކުރެވެނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށާއި، އަދި މިއިނާމަކީ، އަމިއްލަ ނޫސްވެރިންގެތެރެއިން ފަނޑިޔާރުން އިންޞާފު ކުރައްވައިގެން ހޮއްވަވާ ނޫސްވެރިއަކަށް 2011 ވަނަ އަހަރުން ފެށިގެން ދެއްވާ އިނާމެއް ކަމުގައެވެ.
އިއްޔެ ބޭއްވި މި ޙަފްލާގައި، ކޮންފަރެންސްގެ ބައިވެރިން ކުރެއްވި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވިއެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ސަރުކާރުގެ ސިޔާސަތާއިބެހޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ.