މަޖިލިސް ދޫކުރައްވައި ވަޑައިނުގެން އިންނެވީ އިޚްލާޞްތެރިކަމެއް ނެތް ބަޔަކު ޖަހާ ސަކަރާތް ބައްލަވާލައްވަން ކަމުގައި ހޯރަފުށީ ދާއިރާގެ މެންބަރު ވިދާޅުވެއްޖެ

4 މެއި 2010

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، ޑީއާރުޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލިސްދޫކޮށް ދިޔަ ދުވަހު އޭނާ މަޖިލީހުގައި މަޑުކުރެއްވީ އެމްޑީޕީ އާ އެއް ވެސް މައްސަލަ އެއް އޮވެގެން ނޫން ކަމަށާއި، އިޚްލާސްތެރިކަމެއް ނެތް ބަޔަކު ޖަހާ ސަކަރާތް ބައްލަވާލައްވަން ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ބިލަށް އެމްޑީޕީން ހުށަހެޅި ހުރިހާ އިސްލާޙްތައް ފޭލްކުރަމުން ދިއުމުގެ ސަބަބުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މަޖިލިސްދޫކޮށް ދިޔަ ދުވަހު، މަޖިލީހުގައި މަޑުކުރެއްވި އެމްޑީޕީގެ ހަމައެކަނި މެންބަރު، ރޭ އެޕާޓީގެ ހަރުގޭގައި އޮތް އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޑީއާރުޕީއަށް ދުވަހަކުވެސް އޭނާ ނުގަނެވޭނޭ ކަމަށާއި، އެހިތްވަރު ޑީއާރުޕީ އަދި ޕީއޭ ގައިވެސް ނުހުންނާނޭ ކަމުގައެވެ. މީގެ އިތުރުން “އެމްޑީޕީގެ ލޮބުވެތި މެންބަރުންނާ އެކު އަޅުގަނޑު ނުކުތީ އިސްލާހަށް މަސައްކަތްކުރަން ކަމަށާއި،” ޑީއާރުޕީއަކަށް އަޅުގަނޑެއް ނުގަނެވޭނެ އަދި ނުވެސް ވިކޭނޭ” ކަމުގައި ހޯރަފުށީ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި އެމްޑީޕީގެ ތ. ދާއިރާގެ ރައީސް ހަސަން އަފީފްގެ ވާހަކަފުޅުގައި ނޫސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދެއްކެވިއެވެ. އަދި މިސަރުކާރު އައިފަހުން ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް މަގުފަހިވެފައިވާ މިންވަރަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
ރޭގެ ޖަލްސާގައި “މަރުހަބާ އެމްޑީޕީ”ގެ ނަމުގައި ލަވަ ސީޑީއެއް ރިލީސްކުރުން އޮތެވެ. މިލަވަ ސީޑީ ރިލީސްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފް އެވެ. އެމްޑީޕީއަށް މި ލަވަ ސީޑީ ހަދިޔާކޮށްދެއްވީ މި އަލްބަމަށް ގިނަ ލަވަތަކެއް ހައްދަވައި އަދި މި އަލްބަމަށް ގިނަ ލަވަތަކެއް ކިޔުއްވައިދެއްވާފައިވާ އެމްޑީޕީގެ ޒުވާން މެންބަރެއް ކަމަށްވާ ރ. ކަނދޮޅުދޫ ކޮތަރިވިލާ އަހުމަދު އިސްމާޢީލް އެވެ.