އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ސަތޭކަ ތިރީހަށް ވުރެ ގިނަ ފޯމު އެޕާޓީގެ އޮފީހާ ހަވާލުކޮށްފި

2 މެއި 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު މިއަދު 135 މެންބަރޝިޕް ފޯމު އެމްޑީޕީ އޮފީހާ ހަވާލުކުރައްވައިފިއެވެ. އެމްޑީޕީ ސެކްރެޓޭރިއަޓްގެ ކޮންފަރެންސް ރޫމް ގައި އެޕާޓީގެ ފަރާތުން މިފޯމުތަކާ ހަވާލުވެލެއްވީ އެމްޑީޕީގެ އަމީން އާންމު ހަސަން ޝާހުއެވެ.
މޫސަ މިއަދު ހަވާލުކުރެއްވި ފޯމު ތަކަކީ އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ މެންބަރުން އިތުރު ކުރުމުގެ ސިލްސިލާގެ ދަށުން މިހާތަނަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރެއްގެ އިސް ނެންގެވުމުގެ މަތިން ޕާޓީ އޮފީހާ މިހާތަނަށް ހަވާލު ކުރެއްވި އެންމެ ގިނަ އަދަދެއްގެ ފޯމެވެ.
މި 135 ފޯމުގެ އިތުރުން ވެސް ގިނަ އަދެއްގެ ފޯމު ފުރުމުގެ މަސައްކަތް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްގެ ސީދާ ބެލުމުގެ ދަށުން ކުރިޔަށްދާ ކަމަށް އެމްޑީޕީ އޮފީހުން މަޢުލޫމާތު ދެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަދިވެސް އެނެމް މެންބަރުން ގިނަ ޕާޓީ އަކީ އެމްޑީޕީއެވެ. މި ނިމުނު އޭޕްރީލް މަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ ސައްޙަ މެންބަރުންގެ އަދަދަކީ 34530 އެވެ. ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށްވާ ޑީއާރުޕީގެ ސައްހަ މެންބަރުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ އަދަދަކީ 32599 އެވެ.