ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

2 މެއި 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޗައިނާގެ ޝެންގހާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. ޝެންގހާއީގެ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދުގެ އިސްބޭފުޅަކަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ޗައިނާ ވަފުދުގެ އިސްބޭފުޅަކީ ޗައިނާގެ ރައީސް ހޫ ޖިންޓާއޯއެވެ.
ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަފުޅުތައް ފެށްޓެވުމުގެ ގޮތުން ޗައިނާގެ ރައީސް ހޫ ޖިންޓާއޯ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ، ވަރަށް ތާރީޚީ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުން، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތާއި، ޝެންގހާއީ ވޯލްޑް އެކްސްޕޯ 2010އަށް އެމަނިކުފާނު ދެއްވާ މުހިންމުކަން ހާމަވެގެންދާ ކަމުގައި ރައީސް ހޫ ޖިންޓާއޯ ވިދާޅުވިއެވެ.
ރައީސް ހޫ ޖިންޓާއޯގެ ވާހަކަފުޅުގައި، ރާއްޖެއިން ޗައިނާއަށް ދެމުންގެންދާ އެއްބާރުލުމާއި ތާއީދަށްޓަކައި ޝުކުރު އަދާކުރައްވަމުން، ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން، ދެޤައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި، އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި، ދެޤައުމުގެ ދެމެދުގައި ކުރެވޭ މުޢާމަލާތްތައް އިތުރުކޮށް، އިޤްތިޞާދީ އަދި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކޮށް، ދެ ޤައުމާ ގުޅުންހުރި ކަންތައްތަކުގައި ދެޤައުމުގެ ދެމެދުގައި މިހާރަށްވުރެ ބޮޑަށް މަޝްވަރާކުރުން އިތުރުކުރައްވައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ކުރެވޭ ތަފާތު މުޢާމަލާތްތައް އިތުރުކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ޗައިނާގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުންނާއި، އެހެންގޮތްގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ރައީސް ހޫ ޖިންޓާއޯ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޗައިނާއިން ރާއްޖެއަށް 50 މިލިއަން ޗައިނީޒް ޔުއާން ދެއްވާނެކަން ޗައިނާގެ ރައީސް ހާމަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ޗައިނާގެ ރައީސް ވާހަކަފުޅު ދައްކަވަމުން، މި މައްސަލައަކީ ރާއްޖެއެކޭ އެއްވަރަށް ޗައިނާއިންވެސް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މި ދާއިރާއިންވެސް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުއްވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެ ދެއްވާފައިވާކަން ފާހަގަކުރައްވައި، މިކަމަށްޓަކައި ޗައިނާ ރައްޔިތުންނަށާއި ޗައިނާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް ސާފު ބޯފެނާއި ބޯހިޔާވަހިކަން ފޯރުވައިދިނުން އެއީ، ސަރުކާރުން މިވަގުތު އެންމެ އެހީތެރިކަން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ ދެކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖެއަކީ އިޢާދަކުރެވޭ ހަކަތައިގެ ޝޯކޭސްއަކަށް ހެއްދެވިދާނެ ކަމަށާއި، މިފަދަ އިޢާދަކުރެވޭ ހަކަތައިގެ ޓެކްނޮލޮޖީގެ އުފެއްދުންތައް އުފައްދާ ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ ރާއްޖެއިން ތަރުޙީބުދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ބޫޓާނުގެ ނިމިގެންދިޔަ 16 ވަނަ ސާކް ސަމިޓާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ހޫ އަށް އެރުއްވިއެވެ. ޗައިނާއިން ވަނީ އޮބްޒާވަރެއްގެ ގޮތުން 16ވަނަ ސާކް ސަމިޓްގައި ބައިވެރިވެފައެވެ.