ވޭތުވެދިޔަ އަހަރު ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އިތުރުވެފައިވާ ކަމަށް ފްރީޑަމްހައުސް އިން ބުނެފި

2 މެއި 2010

ހުސްވި 2009 ވަނަ އަހަރު ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އިތުރުވެފައިވާކަމަށް، ނޫސްވެރިކަމުގެ މިނިވަންކަން ދިރާސާކުރާ ފްރީޑަމް ހައުސްގެ ރިޕޯޓްގައި ބުނެފިއެވެ.
ޖުމްލަގޮތެއްގައި 2009 ވަނަ އަހަރު ނޫސްވެރިކަމުގެ މިނިވަންކަން ދަށްވެފައިވާ ނަމަވެސް އޭޝިއާ ސަރަޙައްދުގައި މިނިވަންކަން އިތުރުވެފައިވާކަމަށް ބުނެފައިވާ މި ރިޕޯޓުގައި ވަކިން ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަޙައްދަށް ވަރަށް އެދެވޭ ކުރިއެރުންތައް ލިބިފައިވާކަމަށް ރިޕޯޓް ބުނެއެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ، އިންޑިއާ، ބޫޓާން އަދި ބަންގްލަދޭޝްގައި ނޫސްވެރިކަމުގެ މިނިވަންކަން ރަގަޅުވެފައިވާކަމަށާއި އެހެން ނަމަވެސް ސްރީ ލަންކާ، އަފްޣާނިސްތާން އަދި ނޭޕާލްގައި ނޫސްވެރިކަމުގެ މިނިވަންކަން ދަށަށްގޮސްފައިވާކަމަށް މި ރިޕޯޓް ބުނެއެވެ.
ފްރީޑަމް ހައުސްގެ މި ރިޕޯޓުގައި ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އިތުރުވެފައިވާކަމަށް ބުނެފައިމިވަނީ، ދިވެހިރާއްޖޭގައި އެމްޑީޕީ އިއްތިހާދުގެ ސަރުކާރު އައިފަހުން މީޑިއާގެ މިނިވަންކަން ދަށްވަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ފޯރަމްތަކުގައި ބުނަމުންދަނިކޮށެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އެމްއެންބީސީގެ 3 ޗެނަލްކަމަށްވާ ޓެލެވިޜަން މޯލްޑިވްސް އާއި ވޮއިސް އޮފް މޯލްޑިވްސް އަދި ޔޫތު ޓީވީ ފިޔަވައި އެހެން ހުރިހާ މީޑިއާއެއް ހެން ކޮންޓްރޯލް ކުރަމުންދަނީ ސީދާ އިދިކޮޅުފަރާތްތަކަށް ތާއީދުކުރާ ފަރާތްތަކުންނެވެ. އަދި ޕްރައިވެޓް މީޑިއާ ތަކުން ވަރަށް މިނިވަންކަމާއެކު ޚަބަރުތައް ފަތުރަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.