ނޫސް ބަޔާން: ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއިބެހޭ ގޮތުން އެމްޑީޕީން ނެރުނު ނޫސް ބަޔާން

ވަގުތުން ނެރުމަށް
MDP-2011-PR-0007ނަންބަރު:
ތާރީޚް: 28 ޖޫން 2011 (އަންގާރަ)

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއިބެހޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ވެރިކަމަށް އައީ މެނިފެސްޓޯއަކާއި، ވައުދުތަކެއް ހިފައިގެންކަމަށް ވެފައި މިއަދާ ހަމައަށް މިވެރިކަމުގައި ފާއިތުވި ދުވަސްތަކުގައި ރައްޔިތުންގެ މަޖލީހުގެ މެޖޯރިޓީއެއް ނެތިވެސް މަޖިލީހުން ކުރެވުނު މަސައްކަތުން ސަރުކާރާއި ދޭތެރޭ ރައްޔިތުންގެ އިތުބާރު ބޮޑުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެމް.ޑީ.ޕީ އާއި އިތުރަށް ގުޅި މަޖިލީހުގައި ހަލުވިކަމާއިއެކު ވައުދުތައް ފުއްދައިދިނުމަށް އެމް.ޑީ.ޕީއަށް ފުރުސަތު ތަނަވަސް ވާން މިއަދު މިވަނީ ފަށާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އިދިކޮޅު ފަރާތްތަކުން ހުއްޓުވާލާއި ރައްޔިތުންނާ ގާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މަޑުޖެހެމުން ދާކަމަށްޓަކައި މި ޕާޓީން އިންތިހާ ދަރަޖައަށް ހިތާމަކުރަމެވެ. އަދި މިކަމުގައި އިހުމާލުވާ ފަރާތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް، ޑޮލަރުގެ ތާށިކަން ޙައްލުކޮށް، މުދަލާއި ޚިދުމަތުގެ އަގު އަތްފޯރާފަށަށް ގެނައުމަށްޓަކައި މިހިނދުން މިހިނދަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ މުހިންމު ބިލުތަކެއް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެބިލުތަކަކީ ވިޔަފާރި ފައިދާއިން ޓެކުސް ނެގުމުގެ ބިލާއި، ފަރުދުންގެ އާމްދަނީން ޓެކުސް ނެގުމުގެ ބިލާއި، 79/31 އެކުސްޕޯރޓް އިމްޕޯރޓް ޤާނޫނަށް ..ވަނަ އިސްލާހްގެނައުމުގެ ބިލާއި، 2010/3 ޓެކުސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް އިސްލާހްގެނައުމުގެ ބިލު ފަދަ މުހިއްމު ބިލުތަކެވެ. އަދި މި ދެންނެވި މިބިލުތަކަކީ ރައްޔިތުންގެ އާންމުހާލަތު ރަނގަޅުވެ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ހެޔޮވެރިކަމާއި އޯގާތެރި ސަރުކާރެއް ހިންގުމަށް މަގުފަހިވާނޭ މުހިންމު އަދި އަސާސީ ބިލްތަކެއް ކަމަށް މި ޕާޓީންދެކެވެ.
ނަމަވެސް މިއަދާ ހަމައަށް އެއްވެސް ވަރަކަށް މިބިލްތަކުގެ މަސައްކަތް ނުކުރެވިފައިވަނީ އިދިކޮޅުފަރާތްތަކުގެ މަކަރުވެރި ރޭވުމުގެ ދަށުން ރައްޔިތުންނަށް ދަތިކޮށް ރައްޔިތުންނާއި ސަރުކާރާއި ޖެއްސުމަށް ހިންގަމުންދާ ސިލްސިލާ މަސައްކަތުގެ ތެރެއިންނެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށްވާނީ ޑޮލަރުގެ އަގު ދަށްނުވެ، މުދަލާއި ޚިދުމަތުގެ އަގު މައްޗަށްގޮސް ރައްޔިތުންގެ އާއްމު ޙާލަތު ދަށްވުމެވެ. މިއީ މިޕާޓީއަށް ޤަބޫލުކުރެވޭނެ އަދި ބަލައިގަނެވޭނެ އަމަލެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއްބާރުކަމަށް ވީހިނދު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައްވެސް ވާންވާނީ ރައްޔިތުންނަށް ފައިދާއާއިލާބަ ހޯދައިދޭން މަގުފަހިކޮށްދޭންޖެހޭނެ ބާރެއް ކަމުގައި މިޕާޓީންދެކެމެވެ.
ނަމަވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަދާހަމައަށްވެސް މަސަކަތްކޮށްފައިވަނީ ދައުލަތުގެ އާމްދަނީ ކުޑަވާނެ ހުރިހާކަމަކަށް މަގުފަހިކޮށް، ދައުލަތުގެ އަމްދަނީގެ ދޮރުތައް ބަންދުކޮށް،ހަރަދުތައް ބޮޑުކުރުމުގެ ގޮތުން މިނިވަން މުއައްސަސާތަކާއި އަދި އެހެނިހެން ދާއިރާތަކުގެ ޚަރަދުތަކާއި މުސާރަތައް ބޮޑުކޮށް ދައުލަތުން މުސާރަތަކާއި އިނާޔަތްތައް ދޭންޖެހޭ މަޤާމުތައް އިންތިހާއަށް އިތުރުކޮށް، ލިބޭ އެއްޗަކަށްވުރެ ޚަރަދުތައް ބޮޑުކޮށް ބަޖެޓް ޑެފިސިޓް އިތުރުވާނެ އުސޫލުތަކުން ކަން މަޖިލީހުގެ ޔައުމިއްޔާތަކުން ހާމަވާނެއެވެ.
ވަކިން ޚާއްޞަކޮށް މަޖިލީހުގެ ބައެއް ކޮމެޓީތައް ބޭނުންކޮށްގެން ހިންގާފައިވާ މިފަދަ ގިނަކަންތައްތަކަކީ އެއްވެސް އުސޫލެއް ހަމައެއްނެތި އޭރު ކޮމެޓީތަކުގެ މެޖޯރިޓީ އިދިކޮޅުފަރާތްތަކުގައި އޮތުމުން ހިންގާފައިވާ ޒިންމާދާރު ކަންކުޑަ ހުދުމުޚުތާރު އަމަލުތަކެއް ކަމާއި އެފަދަ ކަންތައްތަކަށް މިޕާޓީން އިތުރަށް ފުރުޞަތު ދޭން ބޭނުންނުވާ ވާހަކަވެސް ދަންނަވަމެވެ.
މިއަދު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޤްލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނެތެވެ. ނަމަވެސް މަޖިލީހުގެ އެންމެ ގިނަ މެމްބަރުން ތަމްސީލުކުރާ ޕާޓީއެއްގެ ޙައިސިއްޔަތުން މިޕާޓީއަށް މަޖިލީހުގެ ކޮމެޓީތަކުގެ އަޤުލަބިއްޔަތު ލިބުމަކީ، މަޑުޖެހިފައިވާ ކޮމެޓީގެ މަސައްކަތް މެކުހަށް ޖަހާނެކަމެއްކަން އިދިކޮޅު ފަރާތްތަކަށްވެސް ޤަބޫލުކުރެވޭތީ، އޮޅުވާލުމެއްގެ ތެރެއިން ކޮމެޓީގެ މަސައްކަތްތައް ހުއްޓާލައިގެން ތިއްބަވާ ތިއްބެވުން މިޕާޓީން ކުށްވެރިކުރަމެވެ. އަދި މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިޕާޓީއަށް އަޤްލަބިއްޔަތު ލިބެންޖެހޭނެ ގިނަގުނަ ކޮމެޓީތަކުގެ މަސައްކަތް މިހިނދުން މިހިނދަށް މިޕާޓީއާ ހަވާލުކުރުމަށް މަޖިލީހުގެ ރިޔާސަތަށް ގޮވާލަމެވެ.
މަޖިލީހުގެ ރައީސްކަމާއި، ނައިބު ރައީސްކަން އިދިކޮޅު ފަރާތްތަކުގެ އަތްމަތީގައި އޮވެ ދައުލަތް ހިންގުމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ހިއްސާއޮތް ހަމައެކަނި ރައްޔިތުންގެ މަޖިލީހަކީ އެތަނުން ރައްޔިތުންނަށް އަދަބުދޭ ތަނެއްގެ ގޮތުގައި އޮވެ، އިދިކޮޅުފަރާތްތަކުން ބޭނުންހާގޮތެއް ހެދުމަށް މަޖިލިސް ދޫކޮށްލައިގެން އެމް.ޑީ.ޕީން ބަލަން ނުތިބޭނެކަމުގައިވެސް ތަކުރާރުކޮށް ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް