އެމްޑީޕީގެ އަހަރީ ދުވަހުގެ ޚާއްޞަ ފުޓުބޯޅަ މެޗު މިއަދު ހަވީރު އޮންނާނެ

– މިމެޗުގެ ޝަރަފްވެރިކަން ކޮށްދެއްވާނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި އެ ކޮމިޝަނުގެ މެންބަރުން

– ފިސާރި ފޯރިގަދަވާނޭ ކަމަށް ބެލެވޭ މި މެޗު އެމްއެންބީސީ ވަން އިން ލައިވްކުރާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނާއި، ސަރުކާރުގެ ޓީމަކާ ދެމެދު ކުޅޭ އެކުވެރިކަމުގެ ފުޓުބޯޅަ މެޗު މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި އޮންނާނެއެވެ.
މިއަދު ހަވީރު 4.00 ގައި ގަލޮޅު ރަސްމީ ދަނޑުގައި ފަށާ މިމެޗް ބެލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ އިރު، މި މެޗުގައި ވާދަކުރާ ޕާލަމެންޓްރީ ގްރޫޕްގެ ކެޕްޓަންކަން ކުރައްވާނީ އެ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެވެ. އެގްޒެކެޓިވް ކޮމިޓީގެ ނަމުގައި ކުޅޭ ސަރުކާރުގެ ޓީމުގެ ކެޕްޓަންކަން ކުރައްވާނީ އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެވެ.
މި މެޗު ޝަރަފްވެރިކޮށްދެއްވާނީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަން ކަމަށާއި، ފިސާރި ވަރުގަދަ އަދި ފޯރިގަދަ ވާނޭ ކަމަށް ބެލެވޭ މި މެޗު އެމްއެންބީސީ ވަން އިން ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
މި މެޗުގައި ކުޅޭ ކުޅުންތެރިންގެ ޖާރޒީ ނީލަންކިޔާ ގޮތަށް ވަނީ ހަމަޖެހިފައެވެ.