މެންބަރުންގެ ޚިޔާލު: މިކަން އެނގޭނަމަ ކޮންފަދަ ހެއްޔެވެ؟

ފުނަމާ

ހިންދު ކަނޑުގެ ތެރޭގައި މިއަދު އަޅުގަނޑުމެން މިވެހިވެއުޅޭ ސަރަހައްދުގައި މީގެ އެތަކެއް ހާސް އަހަރުކުރީން އެތުރިފައިވަނީ ބިރުވެރިކަމެއް މިސަރަހައްދަށް ގެނުވި އަލިފާން ފަރުބަދަ ތަކެކޭ މިއަދު މީހަކު ބުނުމުން އެކަން ދޮގުކުރެވޭކަށް ނެތެވެ. ﷲގެ ކަށަ، ކުޅަދުންވަންތަކަމުން ވަގުތުއައިސް ޖެހުމުން އެނާމާން ފަރުބަދަތައް މިވަނީ ” ހިންދުއެމާ ކަނޑުތެރޭ ، އަލިރަންމުތްހެންދިރޭ” އަޅުގަނޑު މެންގެ މިރަށްތަކަށް ބަދަލު ކުރައްވާފައެވެ. އިންސާނީ ހަޟާރަތު ކުރިއެރުމަށް ބޭނުންވި އައްސޭރި ފަށާއި ކަނޑުގެ ރިޒުގާއި ގަސްގަހާގެހި ފެޅިހެދޭ ހެދުން ސަބަބެއް ކަމުގައިވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންއައިސް މިރާއްޖޭގައި މިވަނީ އާބާދުވެފައެވެ. އެދުވަހުއްސުރެ މިރާއްޖޭގެ އަހުލުވެރީން އުޅެމުން ގެންގޮސްފައިވަނީ އެކުވެރިވެ އެއްބައެއްގެ ގޮތުގައެވެ. ދީނީ ބައިބައިވުމެއް ނެތިކަމުގައި ބެލެވެއެވެ. އެއިރަކު ދީނެއްގެ ގޮތުގައި ބަލައިގެން އުސޫލަކަށް ތަބާވެ އެންމެން އައީ އެއްގޮތަކަށް އުޅެމުންނެވެ. މިރާއްޖޭގައި ހުރިވަސީލަތެއްގެ ބޭނުން ކޮށްގެން އެހިނދަކަށް އުޅޭން ޖެހުނު ދިރިއުޅުމެއްގައި ފުދިގެންނެވެ. ކަންމިހެން އޮއްވައި މީގެ އަށްސަތޭކަ އަހަރު ކުރީން ﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެން ދިވެހީންނަށް މިވަނީ އިސްލާމްދީނުގެ ހިދާޔަތުވެސް މިންވަރު ކުރައްވާފައެވެ. ތާރީޚުގެ ލޯތަށް ދުށްކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ނޭނގޭ ކިތަންމެ ކަމެއް ހުރިިނަމަވެސް، އިނގޭންއޮތް ހަގީގަތަކީ ދިވެހީންނަކީ އެއްބައިވަންތަ އެއްބައެއް ވަންތަ ބައެއްކަމެވެ.
މުއްސަނދީން ފުރާޅުގައި ފަންގިލައިގެން މެދުފަންތީގެ މީހުން ކޮޅުފަން ޖަހައިގެން ، ފަގީރުން ތޮށަލީގެ ދަށުގައި ބޯހިޔާވަހިކަން ހޯދިއިރު ރަށުގެ ގެއެއްގައި މީހަކު ވިހާނަމަ ރައްޔިތުން ތިބެނީ އެގޭދޮށުގައެވެ. ކެއްކިތެލީގައި ހުރި ބަތްކޮޅު ހުސްވުމުން ދޭފަތުން ޖަހާލާ އަޑަށް ބަތްގޮށިތަށް ހިފައިގެން އަވަށްޓެރީން ދުވެއައެވެ. ކައިބޮއެ އުޅުމުގައި މައިގަނޑު ތަކެއްޗަކީ މިބިމުގައި ފަޅައިހެދޭ ތަކެއްޗާއި ފަރުންނާއި ކަނޑުން ލިބޭ މަސްކަމުގައި ވިއެވެ. ޒަމާނަށް އައި ކޮންމެ ބަދަލަކާ ކުރިމަތިލީ މުޅިގައުމު އެކުވެގެންނެވެ.ހޭނުނީ އެހާމެ އަވަހަށެވެ. އުވަދަވައި ގެދޮރު ރޭނީ އެންމެން އެއްގޮތަކަށް އެކުގައެވެ. އީޓާއި ، ދަނގަނޑު ޓިނާއި ،ސިމެންތި ޓިނަށްވެސް އަހުލުވެރިވީ އެކުއެކީގައެވެ. މަސައްކަތުގެ އުޖޫރައަކީ އެކުވެރި ކަމެވެ. އޮޑިފަހަރު ބަނދެ ބާލަމުން ގެންދިޔައީ އެންމެން އެކުގައި ކުރި މަސައްކަތުންނެވެ. ނަމަވެސް ޒަމާން ތަރައްގީވެ، އަތްމަތި ތިޔާގިވެ އާއިލީ ގުޅުންތަކާއި އެކުވެރިކަމަކީ ފައިސާއާއި ތަނަވަސްކަމަށް ބަދަލުވެ އަވަށްޓެރިޔާގެ ނަންވެސް އޮޅުންނުފިލާ ހިސާބަށް އަޅުގަނޑުމެންގެ އަމިއްލަ ވަޒަނުގައި އަޅުގަނޑުމެން ބީރަށްޓެހި ވެގެންދިޔައީ ކޮންއިރަކުކަން ޚޮދު އަޅުގަނޑުމެންވެސް ނުދެނެހުއްޓެވެ. ނަމަވެސް މިއަދު މިހަގީގަތް ގަބޫލުކުރާން މިވަނީ މަޖުބޫރުވެފައެވެ. އިއްޔެ ގެނދަބުޅި އަރާ އަތްބައްތިއާއި ، ތުންގަނޑުގައި އިރުއިރުކޮޅުން ހުޅުހިފާ ފުޅިބައްތިތައް މިއަދުގެ ޅަކުދީންނަށް އެއީ ކޮންއެއްޗެއްކަން ބުނެދޭނެ ގޮތެއް ނޭނގޭއިރު އަޅުގަނޑުމެން މިތިބީ އުނގެނި، އިލްމު ވެރީންނަށްވެ ރީތިބޮޑެތި އިމާރާތްތަކާއި ، ރޭރުވެފައިވާ ބޭރުންގެންނަ މުދާތަކުން ފުރިފައިވާ ފިހާރަތަކުގެ މެދުގައެވެ.
އަންޒަމާނުއްސުރެ އަޅުގަނޑުމެން އުޅެމުންމިދަނީ އަމިއްލަ ވެރިކަމެއްގެ ދަށުގައެވެ. އެއިރެއްގައި އޮންނަ ވެރިކަމެއްގެ ވައްޓަފާޅީގައި ރައްޔިތުން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއް ތަހަންމަލު ކޮށްލައިގެންނެވެ. އެންމެންވެސް އެއިރެއްގައި އޮންނަ ވެރިކަމެއް ލޮލާބޮލުން ގަބޫލު ކުރާން ޖެހިގެންނެވެ. ނަމަވެސް މިއަދު ޒަމާނަށް އައި ބަދަލާއެކު އަޅުގަނޑުމެން މިވަނީ ދުވަހަކުވެސް އަޅުގަނޑުމެންގެ ވެރިކަމުގެ ނިޒާމަށް ނުގެންނަވަރުގެ ބަދަލުތަކެއް ގެނެސްފައެވެ. އަލަށް ތަޢާރަފުވި އެތައް އާކަންތައްތަކަކަށް ހޭނެން މިވަނީ ޖެހިފައެވެ. ނަމަވެސް މިބޮޑު ބަދަލާއި އަޅުގަނޑުމެން މިއަދު ކުރިމަތިލީއިރު މިގައުމު މިއޮތީ ކޮންހާލެއްގައި ހެއްޔެވެ؟ ދޭދޭ ގުޅުންތަށް މިވަނީ ގެއްލި ނިމިގޮސްފައެވެ. ކޮންމެ މީހަކުވެސް ވިސްނަނީ އެމީހެއްގެ އަމިއްލަ ބޮލާއި ފަޔަށެވެ. އަނެކުންނާއި މެދު ފިކުރެއްނެތެވެ. ގައުމު ކޮންމެ ހާލެއްގައި އޮތަސް އަމިއްލަ މަސްލަޙަތުތަށް ކުރިއަރުވައި އަރާރުންވުމުގެ ވެއްޓެއްގައި ގެނބި އެބުނާ އަލިފާންފަރުބަދަތަށް ގޮވި ލޮޅުންގަނޑަށްވުރެ ބޮޑު ލޮޅުން ގަނޑެއްގައެވެ. މުޅި ފަރުދުންގެ އެއްބައިވަންތަކަން ގައުމަށް ބޭނުންވި މިބަދަލާއި ، އެންމެންގެ ހޭދައާއި އެހީތެރި ކަމަށް ގައުމު ބޭނުންވީ ހިނދު އަޅުގަނޑުމެން މިތިބީ ކާބަފައިން އަޅުގަނޑުމެންނާއި ހަވާލުކުރި އެއްބައި ވަންތަކަމުގެ ތަރިކަ އޮޔާ،ވަޔާ ހަވާލު ކޮށްގެންނެވެ. މުޅިގައުމު އެކިކުލަޔަށް ބެހިގެން އަނެކާގެ ގައިގައި ހުރި ކުލަޔަކީ ތިމާގެ ކުލަނޫންނަމަ ފަކުރުން ގާތްވާން ނުކެރިފައެވެ. އިއްޔެއަކީ ކުރީދުވަހުގެ ބަނޑުން ވިހޭދަރިއެވެ. މިއަދަކީ އިއްޔެ އުފަންކުރި، މާދަމާގެ ބެލެނިވެރިޔާއެވެ. މާދަމާ މިގައުމުގައި އޮންނާނީ އަޅުގަނޑުމެން ދޫކުރި ތަރިކައެކެވެ. އެދުވަހުގެ ޖީލުގެ އަރުގައި ލާނީ އަޅުގަނޑުމެން އިންދައި ފޯދިއަޅާ މޭވާއެއްގެ ރަހައެވެ. ފޮނިނަމަ އަޅުގަނޑުމެންނަށް ތާރީފު ކުރާފަދައިން ހިތިނަމަ އަޅުގަނޑުމެންނަށް އެމީހުންމާފެއް ނުކުރާނެއެވެ. އަޅުގަނޑުމެންގެ މިއަދު އަޅުގަނޑު މެންނާ ހަމަޔަށް ގެނެސްދިން އަޅުގަނޑުމެންގެ ކާބަފައިން އެތަކެއް އުންމީދުތަކާއި އެކު ދާއިމީ އަރާމު ނިދީގައި ވާއިރު އެމީހުން އަޅުގަނޑުމެންނާއި ހަވާލުކުރި ޒިންމާ އާއި އަމާނާތަށް މިއަދު އަޅުގަނޑުމެން ހޭލާތިބެ ޚިޔާނާތްތެރި ވަމުން މިގެންދަނީ ގަސްދުގައި އެނގިތިބެގެންނެވެ. މިއަކީ މާދަމާގެ ޖީލު އަލުގަނޑުމެންނަށް މާފުކުރާނެ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް އެނގޭނަމަ ކޮންފަދަ ހެއްޔެވެ؟