މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންނަށް ޚާއްޞަ ރީހެބިލިޓޭޝަން ސެންޓަރ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

raees-anhen-rehab

ވިލިމާލޭގައި ޤާއިމު ކުރެއްވި، މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންނަށް ޚާއްޞަ ރީހެބިލިޓޭޝަން ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި، މިއަދު ހެނދުނު ވިލިމާލޭ ޝެލްޓަރ ބިލްޑިންގގައި ބޭއްވެވި ރަސްމިއްޔާތުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރެއްވުމަކީ، ސަރުކާރުގެ މައިގަނޑު ފަސް ވަޢުދުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދުކަން ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެކަމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމަށް އައި ފަހުން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތައް ކުރައްވަމުން އެބަގެންދަވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން ވިލިމާލޭގައި ޑީޓޮކްސް ސެންޓަރަކާއި އައްޑުއަތޮޅުގައިވެސް ޑީޓޮކްސް ސެންޓަރެއް ޤާއިމުކުރެވި، އެތަންތަނުން ފިރިހެން ކުދިންނަށް ޚިދުމަތް ދެވެމުންދާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާތަނަށް އަންހެންކުދިންނަށް ފަރުވާ ލިބޭނެ ވަކި މަރުކަޒެއް ނެތުމާއެކު، އެކަމަށް މަސައްކަތް ކުރައްވައި، މިފަދަ މަރުކަޒެއް ޤާއިމުކުރެއްވި ކަމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއަށާއި، ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރީހެބިލިޓޭޝަން ސަރވިސަސްއަށް ނައިބު ރައީސް ޝުކުރުއަދާކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރެއްވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން އެކަމަށް ދެވޭ ތަމްރީންތައް ވަރުގަދަ ކުރެވޭ ކަމަށާއި، ބޭރުގެ އެހީގައި ޑީ.ޑީ.ޕީ.އާރު.އެސް.ގެ ތަމްރީނުތައް ވަރުގަދަކޮށް، ތަޙުޤީޤުކުރުމުގެ އިތުރު ހުނަރުތައް ދަސްކޮށް ދިނުމުގެ އިތުރުން، ރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވިއެވެ.

ވިލިމާލޭ އަންހެނުންގެ ޝެލްޓަރ ހުންނަ އިމާރާތުގައި، އަންހެނުންނަށް ޚާއްޞަ ރީހެބިލިޓޭޝަން ސެންޓަރެއް މި ހުޅުއްވީ، މިއީ މިވަގުތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، އެކި މަރުކަޒުތަކުން ފަރުވާ ލިބިގެން އަނބުރާ މުޖުތަމަޢަށް ނުކުންނަ ކުދިންނަށް ދިރިއުޅުމުގައި ކުރިއަށް ދިޔުމުގައި އެކި ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މިފަދަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯއްދަވައިދެއްވުމަށްޓަކައި، ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ 12 ވަރަކަށް އަމިއްލަ ޖަމްޢިއްޔާތަކަށް ސަރުކާރުން އެހީ ދެއްވާ ކަމަށާއި، އެޖަމްޢިއްޔާތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައްޗަށް ބައްލަވައި، ކުރިއަށް އޮތް ތަނުގައިވެސް އެހީ ދެއްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ. އަދި، މިފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން، އެކިއެކި ކުންފުނިތަކުގައި އެދިވަޑައިގެންފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

މިފަދަ ގިނަ ކުދިން ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި، ޚާއްޞަކޮށް ސަރުކާރުގެ ކުންފުނިތަކަށް ނައިބު ރައީސް ހިތްވަރު ދެއްވައި ގޮވާލެއްވިއެވެ. އަދި ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތުގެ މަތިން، ރަނގަޅުވެގެން މުޖުތަމަޢަށް ނުކުންނަ ކުދިންގެ މާޒީގެ ރެކޯޑަށް މާބޮޑަށް ނުބައްލަވައި، ކަނޑައެޅިފައިވާ ގޮތުގެ މަތިން، އެފަދަ ކުދިން ކުރިއަށް ދިޔުމަށް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުންވެސް ފުރުސަތު ހުޅުވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.