އެމްޑީޕީއަށް މެޖޯރިޓީ ލިބޭ ކޮމިޓީތަކުގެ ނައިބު މުޤައްރިރުކަން ވެސް އިދިކޮޅު ފަރާތްތަކަށް ދޭން މިތިބީ ތައްޔާރަށް: އިބޫ

އިބްރާހީމް ރާމިޒް

img_3879

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މެޖޯރިޓީ ލިބޭ ކޮމިޓީތަކުގެ ނައިބު މުޤައްރިރުކަން ވެސް އިދިކޮޅު ފަރާތްތަކަށް ދޭން ތައްޔާރަށް އޮތް ކަމަށް އެ މްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފިއެވެ.
މިއަދު ހަވީރު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނޫސް ކޮންފަރެންސް އެއް ގައި އެ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހަންމަދު ޞާލިޙް ( އިބޫ ) ވިދާޅުވީ މަޖިލީހުގެ އަޤްލަބިއްޔަތު މިހާރު އޮތްގޮތުން ކުރިން ޑީއާރުޕީ/ޕީއޭ އަށް އޮތް 45 ޕަސެންޓްގެ އަޤްލަބިއްޔަތު މިހާރު އެމްޑީޕީގެ ކޮޅަށް ފުރޮޅިފައިވާތީ، ކޮމިޓީތަކަށް ވެސް އެ ބަދަލު އަންނަންޖެހޭ ކަމަށާއި، އެހެން ނަމަވެސް ޑީއާރުޕީ އާއި އެމްޑީޕީއަށް މި މައްސަލައާ ބެހޭ ގޮތުން ކުރި މަޝްވަރާތަކުގައި އަދި ގޮތެއް ނިންމިފައިނުވާ ކަމަށެވެ.
ކޮމިޓީތައް ބެހުމުގެ މައްސަލަ ކޮޅެއްގައި ނުޖެހިއްޖެ ނަމަ މާދަމާގެ ޖަލްސާކުރިޔަށް ގެންދިޔަ ނުދޭނޭ ކަމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި މޫސަ ވަނީ ވިދާޅުވެފައެވެ.
އިބޫ އިތުރަށް ވިދާޅުވީ މިހާރު މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެން ވާންޖެހޭނީ އެމްޑީޕީއަށް 45 ޕަސެންޓް އަދި ޑީއާރުޕީއަށް 39 ޕަސެންޓް ލިބޭ ގޮތަށް ކަމަށާއި، އެ ގޮތަށް ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމުން، 11 މެންބަރުން ތިއްބަވާ ކޮމިޓީތަކުން އެމްޑީޕީއަށް 5 ގޮނޑި އަދި ޑީއާރުޕީ/ޕީއޭ އަށް 4 ގޮނޑި ލިބެން ޖެހޭ ކަމަށާއި، މައްސަލަ ބޮދުވެގެން މިއުޅެނީ މިނިވަން މެންބަރުންނަށް ބަހާ 2 ގޮނޑިއަށް އައްޔަންކުރާނޭ މިނިވަން މެންބަރުން ކަނޑައެޅުމާ ބެހޭ ގޮތުން ކަމަށެވެ. އިބޫ ވިދާޅުވީ 12 ކޮމިޓީގެ ތެރެއިން ޑިއާރުޕީއަށް 6 ކޮމިޓީ، އެމްޑީޕީއަށް 6 ކޮމިޓީ ބަހާލަން ވެސް، އަދި އެމްޑީޕީއަށް މެޖޯރިޓީ ލިބޭ 6 ކޮމިޓީގެ ނައިބު މުޤައްރިރުކަން ވެސް ޑީއާރުޕީއަށް ދޭން އެމްޑީޕީން ތައްޔާރަށް އޮތް ކަމަށާއި، އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ބޭނުން ވެގެން އުޅެނީ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ ފަދަ ކޮމިޓީތައް އެފަރާތްތަކުގެ ބާރުގެ ދަށަށް ގެނައުމަށް ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަސްއޫލިއްޔަތު މިހާރު އަދާކުރައްވަމުން ގެންދަވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކޮމިޓީތައް “ދަމައިގަންނަން” އުޅެނީ “ޒައީމް” ގެ ބިލަށް ހުށަހަޅާފައިވާ އިސްލާޙްތައް ފޭލުކޮށްލައި ސަރުކާރުގެ އިޤްތިޞާދީ ޕެކޭޖް ހަލާކުކޮށްލުމަށް ކަމަށެވެ. މޫސަގެ ވާހަކަފުޅަށް ތާޢީދުކުރައްވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ވަކި ފަރާތްތަކަކުން މަސައްކަތްކުރަމުންދަނީ ވަކި އާއިލާއެއްގެ މައްޗަށް ސަރުކާރު ދީލާލުމަށް ކަމަށާއި، ސަރުކާރަށް އާމްދަނީ ވަންނަ މަގުތައް ބަންދުކުރުމަށް އިދިކޮޅު ފަރާތްތަކުން، ޚާއްޞަކޮށް އިދިކޮޅު ފަރާތްތަކަށް ވާގިވެރިވާ މުއްސަނދިން ކުރަމުންދާ މަސައްކަތަކީ އެފަރާތްތަކުން ހިންގާ “ޖަރީމާ” އެއް ކަމުގައެވެ.