އޭނާ އިދިކޮޅު ޓީވީ ޗެނަލްތަކުގެ ކިބައިން ސަލާމަތްވީ ހަމަކިރިޔާއެވެ !!

ފުނަމާ

މިމަހުގެ 23 ވަނަދުވަހުގެރޭ ފުލުހުން ހިންގެވި އޮޕަރޭޝަން ގައި މަސްތުވާ ތަކެތީގެ ބާވަތް ތަކަކާއިއެކު ބަޔަކު ހައްޔަރު ކުރެވިގެން ދިއުމުން މަސްތުވާ ތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރައްވަމުން ގެންދަވާ ކާމިޔާބު މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެން ހިނގައްޖެ ކަމުގައި ދަންނަވާން ޖެހެއެވެ. މިމައްސަލައާއި ގުޅިގެން މިމަހުގެ 25 ވަނަ ދުވަހު ފުލުހުން ދެއްވި ތަފްސީލު ތަކުން އެނގިގެން ދިޔައީ މިކަމަކީ ބޭރުގެ ބައެއް ފަރާތްތަކާއިވެސް ގުޅިގެން ރާއްޖޭގައި މަސްތުވާ ތަކެތީގެ ވިޔަފާރި ފުޅާދާއިރާ އެއްގައި ހިންގަމުންގެންދާ މީހަކާމެދު ފުލުހުންނަށް ތުހުމަތު ކުރެވިގެން ދޮޅުއަހަރެއްހާދުވަހު ފާރަލަމުން ގެންގޮސް ނިންމާލި އޮޕަރޭޝަންއެއް ކަމެވެ. ” އޮޕަރޭޝަން ޗެލެންޖުގެ ” ނަމުގައި ފުލުހުން ހިންގެވި މިއޮޕަރޭޝަންގައި އެންމެފަހުން ތުހުމަތު ކުރެވުނު މީހާއާއި އޭނާގެ ބައިވެރީންނާއި ގިނައަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގެންފައި އެވަނީ ރެޑްހޭންޑު ކޮށެވެ. މައްސަލައިގެ ތަހުގީގު ފުރިހަމަވެ ނިމޭއިރު އަދި މިކަމުގައި އިތުރު އެނގުންތަކެއް އެނގިގެން ދާނެކަމުގައި ބެލެވެއެވެ.
ވެރިކަންކުރާ ޕާޓީއާއި އެކު ވެފައިވާ އެއްބަސްވުމެއް އެދުވަހު އުވާލި ސިޔާސީ ފާޓީއެއްގެ ލީޑަރުގެ ގެއަކުން ކުއްޔަށް ދޫކޮށްފައިވާ ދެފުލޯރ އެއްގައި މަސްތުވާ ތަކެތި ބަންދު ކުރާން ތިބި ބަޔަކު އަތުލައިގަތުމާ އަދި މިކަމުގައި ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމަށް އިމާރާތުގެ ވެރިފަރާތުގެ ދެދަރީން އުޅުމާ ، އެވަގުތު މާލޭގައި މަޝްހޫރު ޒެޑުފެކުޝަނުން ބާއްވަމުން ގެންދިޔަ ޖަލްސާއެއްގެ ، ގިނައަދަދެއްގެ ބައިވެރީން ޖަލްސާ ދޫކޮށްލައި ކަންހިނގައިގެން އުޅޭ ގޭގެދޮށަށް އެއްވެ ސަރުކާރާއި ފުލުހުންނާއި އިދިކޮޅަށް މުޒާހަރާކޮށް އަޑުއުފުލުމާ އަދި، މީގެ އިތުރުން ޒެޑޭގެ ވަކީލު އެންމެ ކުރީ ސަފުގައި ހަމަނުޖެހުން ހިންގާން އެއްވި ބައިވެރީންނާއި އެކު ފޮޓޯނެގިގެން ހަވީރުނޫހުގައި ފެންނާން ހުރުން މިއީ ހަމަ ހުސް އިއްތިފާގު ތަކެއް ކަމުގައި ދަންނަވާން ޖެހެއެވެ. ސަބަބަކީ ފުލުހުން މިހާތަނަށް ހިންގެވި ތަހުގީގުން ސިޔާސީ މީހަކުވެސް މަޝްހޫރު ވިޔަފާރި ވެރިއަކުވެސް މިމަސްތުވާ ތަކެތީގެ މައްސަލާގައި ބައިވެރިވެފައި ނުވާކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ މީގެ ކުރީން ސިޔާސީ ޕާޓީއެއްގެ އިސްފަރާތެއް ރާއްޖެއިން ބޭރުގައި އުޅުއްވަނިކޮށް އޭނާގެ ކާރުގައި ، ކާރުގެ ޑުރައިވަރު ޑިކީއަށް ބަނގުރާ ފުޅިތަކެއް އަރުވައިގެން މުޅިމާލެ ކުޑަޔަށްލައި ދުއްވަނިކޮށް ފުލުހުން އަތުލައި ގަތުމުން މިއަދުވެސް އިދިކޮޅު ފަރާތްތަކުން އެކާރުގެ ވެރި ފަރާތަށް މިކަމުގައި ހޫނުފެން ޖަހަމުން އެގެންދަނީ އެއީ ވެރިކަން ކުރާޕާޓީގެ މީހެއްގެ ކާރުކަމުގައި ވާތީވެއެވެ. މިފަހަރު މިފަދަ އެއްވެސް އަޑެއް ނޭރީ ނަސީބަކުން އެދުވަހު ކުރިންދެންނެވި ގޭގެ ވެރިފަރާތް ސިޔާސީ ގޮތުން ވެރިކަންކުރާ ޕާޓީއާއި އޮތް ގުޅުން ކަނޑާލާފައި އޮތުމުން ކަމުގައިވެސް ވެދާނެއެވެ. ނޫންނަމަ ހަމަގައިމުވެސް ރާއްޖޭގެ ބައެއް ޓީވީ ޗެނެލު ތަކާއި ރޭޑިޔޯ ތަކުން މިކަމާ ވެރިކަމުގައި ތިބިބަޔަކާ ކޮންމެވެސް ގޮތަކުން ގުޅުވައިގެން ދިގުރިޕޯޓުތަކެއް މެދުނުކެނޑި ގެނެސްދެމުން ގެންދިޔައީހެވެ. ” މިތަކެއްޗަކީ ވެރިކަންކުރާ ޕާޓީގެ މީހުން ބޭނުންކުރާން އެތެރެކުރި ތަކެއްޗެވެ. ” އެއްބަސްވެ ލައްވާނަމަ ޔެސް ނޫންނަމަ ނޯ ޖައްސަވާފައި 4888 އަށް އެސްއެމްއެސް ކުރުމަށް ފުރުސަތުވެސް ދިނީހެވެ. އަދި ބައިމީހުން ލައްވައި 99 އިންސައްތަ ވޯޓުވެސް ހޯދީހެވެ.
ފުލުހުން މިހިންގެވި އޮޕަރޭޝަންއާއި ގުޅިގެން މިހާރުވެސް އެވިދާޅުވާ ފުންނާބުއުސް ގިނަ އުސްތާޒާއިންނާއި އުސްތާޒުން ޑީލުހަދައިގެން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހުން މައުސޫމު ބައެއްގެ ގޮތުގައި ލޭބަލް ކުރުމުގެ މަސައްކަތް ފަށައިފި ކަމުގައިވެސް އަޑުއިވެއެވެ. ޑުބާއީ އާއި ހަމަޔަށް ފެތުރިފައިވާ ކަމުގައި މިބެލެވޭ ނެޓުވޯކުގެ ތެރޭގައި މިލިއަން މިލިއަނުން ފައިސާ ދައުރުވާއިރު ވަކީލުންނަށްވެސް ބޮޑުއަގެއް ލިބިގެން ދާނެ ކަމުގައި ގަބޫލުކުރާނެތާއެވެ. މީގެކުރީން ފުލުހުން އަތުލައިގަންނަ މިފަދަ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވުނު މީހުން ވަނީ ޝަރީއަތުގައި ކުށުން ބަރީއަވެގެން މުޖުތަމައުގައި އަލުން އިއްޒަތްތެރީންގެ މަގާމު ހޯދާފައެވެ. ކުށެއްނެތް ސޯލިހު އަޅުންނަށް ވެފައެވެ. އެމީހުންނަށް ލިބުނު ގޮތެއް ނޭނގޭ ގޮތަށް ލިބިފައިހުރި ގިނަ މިލިއަން ރުފިޔާތައްވެސް އަނބުރާ ދީފައެވެ. މަސްތުވާ ތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ކަމުގައި ބެލެވޭ ބޮޑު ހައެއްކަމީހުން އެނގިވަޑައި ގަންނަވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވާތީވެ މިހާރުވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކަމާ ދެއްކުނުހާ ވާހަކައެއް ދައްކަމުންނެވެ. އެކަމަކު އެނގޭކަމަކީ ފުލުހުންގެ އެންމެ އިސް ވެރިއަކީ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ވާއިރު ފުލުހުން އެއްކުރާ އިންޓެލިޖެންސް މައުލޫމާތުވެސް ކޮންމެވެސް ވަރަކަށް އެމަނިކުފާނަށްވެސް އެނގި ވަޑައި ގަންނަވާނެކަމެވެ. ނަމަވެސް ހަމަގޮސް މީހަކު ހިފައި ހައްޔަރު ކުރުމަކީ ނުކުރެވޭނެ ކަމެއް ކަން މިފަހަރު ފުލުހުން މިހިންގި ދޮޅުއަހަރު ދުވަހުގެ އޮޕަރޭޝަނުންވެސް އެނގި ހާމަ ވެގެން ހިނގައްޖެއެވެ. ފުލުހުން އެއްކޮށްފައިވާ ހެކިތަކާއި މައުލޫމާތުތަށް ކިތަންމެ ގިނަވެފައި ވަރުގަދަޔަސް ވަކީލުންނަށް ބޮޑެތި އަދަދުތަކެއް ދީގެން ހިންގޭ ޝަރީއަތް ތަކުގައި ދެންވާނެ ގޮތެއް އަދި ނޭނގޭނެތާއެވެ. ފަހަރެއްގައި މަސްތުވާ ތަކެއްޗަކީ ވާރޭވެހުނުހެން ވެހުނު އެއްޗިހި ކަމުގައިވެ ހައްޔަރު ކުރިމީހުންނަށް ފުލުހުންގެ މައްޗަށް އަބުރުގެ ދައުވާ ކުރުމުގެ ފުރުސަތުވެސް ލިބިގެން ހިނގައި ދާނެތާއެވެ. ނޫންނަމަ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުންގެ އަތާ އަނގަޔާ ދިމާނުވާތީވެ ސަބްސިޑީ ދޭންޖެހޭނެ ކަމުގައި ބުނެ ރައީސްމީހާގެ މުސާރަ އެއްކޮށް އުނިކުރުމަށް މަޖުލީހަށް ބިލެއް ފޮނުވައި މުޒާހަރާވެސް ކޮށްފާނެތާއެވެ. ވާނެގޮތެއް އޮތީ ބަލާން ތިބުމެވެ.