މެންބަރުންގެ ޚިޔާލު: މިގައުމުގައި ނަސްލީ އިމްތިޔާޒުގެ ސަގާފަތް ދިރުވަން ނޫޅޭށެވެ!!

ފުނަމާ

އަޅުގަނޑުގެ މިލިއުމަކީ އޭސީސީން “ޖީއެމްއާރުގެ” ޓިކެޓާ ގުޅޭގޮތުން ބަޔާނެއް ނެރުނުފަހުން ލިޔެވޭ އެންމެ ފުރަތަމަ ލިޔުން ކަމުގައި ވާތީވެ ، އަޅުގަނޑުމެންނާއި އެންމެ ވާދަވެރި ، ރާއްޖޭގެ އެންމެބޮޑު އިދިކޮޅު ފާޓީގެ ލީޑަރ އަހުމަދު ތަސްމީން ޢަލީއާއި ، ހަމަ އެޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖުލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިސްތަށިފުޅުގައި ސިޔާސީ ބޭނުމެއްގައި އެފަރާތްތަކާ އިދިކޮޅުވެގެން އުޅޭ ފަރާތްތަކުން އަޅުވައިގެން އުޅުނު ރިޝްވަތުގެ އިލްޒާމު ކަމާބެހޭ ފަރާތުން ތަޙުޤީގުކޮށް އެދެބޭފުޅުންގެ މައްޗަށް އެކަން ސާބިތު ނުކުރެވުމުން އެކަމާ އުފާކޮށް އެދެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް އަވަސްވެ ގަންނަމެވެ.
މިސަރުކާރު އައިސް އެންމެ ފުރަތަމަ ދެއަހަރު ދުވަސްވީއިރު ރާއްޖޭގެ އަތޮޅުތައް ހިންގަމުން ގެންގޮސްފައިވަނީ ގާނޫނުއަސާސީގެ 115 ވަމަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ ރަށުކައުންސިލަރުންނާއި ، އަތޮޅު ކައުންސިލަރުން ލައްވައިގެންނެވެ. ރަށްރަށުގެ އޮފީސްތަކާއި އަތޮޅު އޮފީސްތަކުގައި ( މަދު ތަނެއްގައި މެނުވީ) މުޅީންހެން ތިއްބެވީ ކުރީގެ ސަރުކާރުން މެރިޓެއްވެސް ބެލުމެއްނެތި ވަޒީފާދީފައިވާ އެސަރުކާރުގެ ވެރީންގެ ނުފޫޒުގެ ދަށުވެފައިވާ ޑީއާރުޕީއަށް ނިސްބަތްވާ މުއައްޒަފުންނެވެ. ދެއަހަރު ދުވަސްވަންދެން ސީދާ އެމްޑީޕީގެ ކައުންސިލަރުން އެއޮފީސްތަކުގައި ވެރިކަން ކުރިއިރު މީގެ ތެރެއިން ކިތައް މުއައްޒަފުން މަގާމުގެ ނުފޫޒުގެ ބޭނުން ކޮށްގެން އެމީހުން ތިބިމަގާމުން ދުރުކުރިހެއްޔެވެ؟ ބައެއްމީހުން އެދައްކާ ތާކުންތާކު ނުޖެހޭ ” ފެންނުޖެހޭ ” ވާހަކަހެން ތޯތޯ ނުކިޔައި ލިޔެކިޔުމުން ނިކަން ދައްކަ ބަލާށެވެ. ނަމަވެސް 2005 ވަނަ އަހަރު އޭރުގެ ސަރުކާރުގެ ވެރިމީހާ ޕާޓީ އުފައްދައި ސަރުކާރު ހިސޯރު ކުރިދުވަހުން ފެށިގެން މިވެރިކަމާ ހަމަޔަށް ސަރުކާރުގެ ވަޒީފާތަކުން އެއްވެސް ކުށެއްނެތި ވަކިކުރި މީހުންގެ އަދަދު ތަނަކުން ހޯދައިގެން ގުނާލަބަލާށެވެ. ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރެއްގެ ސިޔާސަތާ އެއްގޮތަށް ކަންކަން ނުކުރާ މުއައްޒަފުން ތިބިނަމަ އެމީހުންނާއިމެދު ފިޔަވަޅު އަޅާން ޖެހޭނެއެވެ. މިސަރުކާރު އައިފަހުން ތަންތަނުން ވަކިވެގެންް ދާއަޑު ގިނައިން އިވެނީ މިސަރުކާރަށް ނިސްބަތްވާ މީހުންނެވެ. ފަހަރެއްގައި އެއީ ސަރުކާރުގެ ސިޔާސަތައްވުރެ ޕާޓީގެ ވިސްނުން ކުރިއަރުވައި ނުފޫޒުހިންގާން އުޅުމުން ކަމުގައިވެސް ވެދާނެއެވެ. މިއަދު އިދިކޮޅު ފިކުރުތަކުގައި މީޑިޔާ ތަކަށް އަރައި އެންމެ ބާރަށް މިސަރުކާރަށް ފާޑުކިޔަމުން ގެންދާ މީހުންގެ ލިސްޓުގައި ގިނައީ މިފަދަ މީހުންކަން އެއަކީ އޮޅޭނެ ކަމެއް ނޫނެވެ. މިފަދަ ބައެއް މީހުންނަކީ އެމީހުންގެ ބާރާއި ނުފޫޒު ސަރުކާރުގެ މައްޗަށް ބޭނުންގޮތަކަށް ނުހިންގުމާއި ސަރުކާރުގެ ތެރޭގައި ތިބެގެން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މުއައްޒަފުން ދުރުކޮށް ތިމާމެންގެ މަސްލަހަތު އޮންނަ މީހުން ވަޒީފާތަކަށް ގެނައުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ނުވުމުން ބޮޑާހާކައި ނުކުތް މީހުން ކަމުގައިވެސް ވެދާނެއެވެ. މިހެން ދަންނަވާން ޖެހެނީ މިސަރުކާރުގެ ތެރޭގައި އެފަދަ ފަރާތްތަކުން ތިބިއިރު އެމީހުންގެ އެންމެ އެކުވެރީންނަކީ މިސަރުކާރާއި މިޕާޓީގެ މެންބަރުން ކަމުގައި ދޭހަވާގޮތަށް ދެއްކި ވާހަކަތަށް ހަމަ އެދޫތަކުން މިއަދު އަނެއްކޮޅަށް ފުރޮޅަމުން ގެންދާތީއެވެ. މިކަމުން އެނގޭ އެންމެ ބޮޑު އެއްކަމަކީ މާދަމާ މިފަދަ ޚިޔާލުތަކެއް ގެންގުޅޭ ބަޔަކަށް ވެރިކަމުގެ ތެރެއިން ބާރުތަކެއް ލިބިއްޖެނަމަ މިގައުމުގައި ހަގީގީމާނައިގައި ނަސްލީ ތަފާތުކުރުންތައް ފެށިގެން ދާނެކަމެވެ. މިއަދު އަޅުގަނޑުމެންގެ މިޕާޓީގެ ޖަލްސާތަކުންވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކަށް އެފަރާތްތަކުން ކުރައްވާ ނުވަތަ ވިދާޅުވާ ބަސްފުޅުތަކަށް ރައްދުދޭ އަޑު އަޅުގަނޑުމެންވެސް އަހަމުއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކިޔާ ރާގަށް ، މިޕާޓީގައި ހިމެނޭ އެންމެހާ މެންބަރުންނަށް ނިސްބަތްކޮށް ” ޖާހިލުންނޭ، ރީނދޫހުން ޖެހިފައިތިބި ފަނިފަކުސަ ތަކެކޭ ރާބޮއެގެން މަސްތުވެފައިތިބޭ ބައެކޭ ” ގޮވާ ބީދައިން އިދިކޮޅު ޕާޓީތަކުގެ އެންމެހާ މެންބަރުންނަށް ނިސްބަތްކޮށް އަޅުގަނޑުމެންގެ ލީޑަރޝިޕުގެ އެއްވެސް ބޭފުޅަކު ވާހަކަ ނުދައްކަވާ ކަމީ އަލުގަނޑުމެން އެފަރާތްތަކާމެދު ފަޚުރުވެރިވާ ކަމެކެވެ. އެހެނީ އަޅުގަނޑުމެންގެ މިޕާޓީއަކީ އިންސާނީ ހަމަހަމަ ކަމާއި ތަފާތު ފިކުރުތަކަށް އިޙުތިރާމުކޮށް އިންސާނީ ކަރާމަތް ހިފެހެއްޓުމުގެ ވިސްނުން ގެންގުޅޭ ބައެކެވެ. މިހަގީގަތް ކިތަންމެ ރަނގަޅަކަށްވެސް އަޅުގަނޑުމެންނާއި އިދިކޮޅު ފަރާތްތަކުގެ ވާހަކަތަށް އަޑުއަހައި ވިސްނާލުމުން ހާމަވެގެން ދާނެއެވެ. އަޅުގަނޑުމެން މިގޮތުގައި ތިބިހާ ދުވަހަކު އަޅުގަނޑުމެންގެ މިފިކުރު އިތުރުވެ މިގައުމު މަޑުމަޑުން ނަމަވެސް އިސްލާހު ވަމުން ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި ، ތިމާމެންގެ ފިކުރުގައި އަމިއްލަ ޕާޓީގެ ވިސްނުމަށްވެސް އިހުތިރާމު ނުކުރާ ދެފުށްދެގޮތް މީހުންގެ ވިސްނުމުގައި މިގައުމު ނަސްލީ ތަފާތު ކުރުންތަކަކަށް ފުރޮޅާލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވޭނެއެވެ. އަދި އޮޅުމެއްގައި ނަމަވެސް އެފަދަ ދުވަހެއް ގެނައުމުގެ ފުރުސަތު ދެން އަޅުގަނޑުމެން އެފަދަ މީހުންނަކަށް ނުދޭނެއެވެ.