ބާރުގަދަ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާއިރު، މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ކުދިންނަށް އަޅާލަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު 
ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވަނީ .. ފޮޓޯ: މުޙައްމަދު ޢަލީ
މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު
ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވަނީ .. ފޮޓޯ: މުޙައްމަދު ޢަލީ

ރާއްޖެއަށް ބާރުގަދަ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާއިރު، މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ކުދިންނަށް މިގަޑީގައި އަޅާލަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި، މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރީހެބެލިޓޭޝަން ސަރވިސަސްގެ ފަރާތުން އިންތިޒާމް ކުރައްވައިގެން ދަރުބާރުގޭގައި މި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑްރަގް ބޭނުންކުރާ ހުރިހާ ކުދިންވެސް، މި ނަންބަރު، “1410” ހަނދާނުގައި ބެހެއްޓުމަށާއި، ހުރިހާ ކުދިންވެސް މި ނަންބަރާ ގުޅުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ވަންނަ ބާރުގަދަ ޑްރަގްސް ހިފަހައްޓައި އަދި އެ ޑްރަގް އެތެރެކުރުން ހުއްޓުވާލެވިދާނެ ކަމަށް ވިދާޅުވެ، މިދޭތެރެއިން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ބަޔަކު އަތުލައިގެންފައިވާތީ، އެކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މިހާރު ހިނގަމުންދަނީ އެކަމުގައި ހިނގާފައިވާ ފައިސާ ބަދަލުކުރި މުޢާމަލާތްތަކާބެހޭ ތަޙްޤީޤު ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިމަސައްކަތް ފުލުހުން ކުރަމުންދާއިރުގައި، މިމަސައްކަތް ގޮސް ހުއްޓެނީ، އެމަނިކުފާނުގެ މައިންބަފައިންނާ ހަމައަށް ކަމަށްވީނަމަވެސް، ކުޑަކޮށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެއީ، ރައްޔިތުންގެ މަޖިލިސް ކަމަށްވިޔަސް، ވަޒީރުންގެ މަޖިލިސް ކަމަށްވިޔަސް، އެންމެމަތީ އިސްލާމީ މަޖިލިސް ކަމަށްވިޔަސް އަދި ކޮންމެ މަޖިލީހެއް ކަމަށްވިޔަސްވެސް، މިކަން ހިނގަމުންދާއިރު، މިކަމުގައި ބައިވެރިވާ މީހުންނަކީ ކޮބައިތޯ ބެލުމުގައި، ނުފޮރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވިޔަފާރި، ޤާނޫނާ ޚިލާފު އެހެން ކިތަންމެ ވިޔަފާރިއަކާ ގުޅިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި އިންސާނުން އެއްޤައުމުން އަނެއް ޤައުމަށް ވިއްކުމަކީވެސް މީގެތެރޭގައި ހިމެނޭ ވިޔަފާރިއެއްގެ ގޮތުގައި މިހާރު ފާހަގަވެފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާއިރު، ކޮންމެހެން ސިޔާސީ ފިކުރެއްގައި ނުވަތަ އެހެންވެސް މާ ރީތި ނިވަލެއް ހޯދުމުގެ ނިޔަތުގައި މިކަމުގެ ޙަޤީޤީ ބަސްތައް ބޭނުންނުކޮށް ވާހަކަ ދައްކައި މުޢާމަލާތު ކުރަން އުޅެގެން ނުވާނެ ކަމަށާއި، މިކަމުގައި ހުރި ހިއްޗާއި، މިކަމުން މުޖްތަމަޢު ހަލާކުވެގެންދާ މިންވަރާއި، ރާއްޖޭގެ ތަރައްޤީއަށް އެޅޭ ހުރަސް ވަރަށް ބޮޑަށް ސާފުވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު އިފްތިތާޙުވެގެންދިޔައީ، އެ ނަންބަރަށް ރައީސުލްޖުމްހޫރިއްޔާ ގުޅުއްވާލައްވައި ވާހަކަފުޅު ދައްކަވާލެއްވުމުންނެވެ.