ލާމަރުކަޒީ ބިލު ކޮންމެ ގޮތަކަށް ފާސް ވިޔަސް ޕްރޮވިންސް ނުހިންގޭނޭ އެއްވެސް ގޮތެއް ނެތް – އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް

28 އެޕްރީލް 2010

a-tifisal-17-02-10-143

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ލާމަރުކަޒީ ބިލު، ކޮންމެ ގޮތަކަށް ފާސްވެގެން ދިޔަ ނަމަވެސް، ރާއްޖޭގެ އިދާރީ ދާއިރާތައް 7 ޕްރޮވިންސަކަށް ބަހާލައިގެން ނުހިންގާނޭ އެއްވެސް ގޮތެއް ނެތްކަމުގައި އެމްޑީޕީގެ ޕާލަމްނެޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ އާންމު ޖަލްސާ އެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ބިލުގެ ކަންތައް ކޮންމެ ގޮތަކަށް ނިމިގެން ދިޔަ ނަމަވެސް އެކަމުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި، މިރާއްޖެ ހިންގާނީ އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށް 7 ޕްރޮވިންސަކަށް ބަހާލައިގެން ކަމުގައެވެ.
މީގެ އިތުރުން ޑީއާރުޕީގެ އަޣްލަބިއްޔަތު އޮތް ކޮމިޓީއަކުން “ކޮށާ މަށާފައިވާ” ލާމަރުކަޒީ ބިލަށް ހަމަ އެ ޑީއާރުޕީން 70 އަށްވުރެ ގިނަ އިސްލާޙް ހުށަހެޅުމުން ދޭހަވަނީ ޑީއާރުޕީއަށް ވެސް އެމީހުންނަށް ގޯސްތަކެއް ހެދިއްޖެ ކަން ގަބޫލުކުރެވޭ ކަން ކަމުގައި ވެސް މޫސަ ވިދާޅުވިއެވެ.
ރައީސް ނަޝީދު، ސަރުކާރު ހިންގަވަނީ ” މާރިޔާ އާއި ރީކޯ މޫސަ ބުނާގޮތަށް ” ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ އަށް ވެސް މޫސަ ރޭގެ ޖަލްސާގައި ރައްދު ދެއްވިއެވެ. މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެދައްކަވަނީ ރަގަޅު ވާހަކަ އެއް ކަމަށާއި، އެހެން ނަމަވެސް ވިސްނަވަން ޖެހޭ ކަމަކީ މި ސަރުކާރަކީ، އެމްޑީޕީގެ ސަރުކާރަކަށްވެފައި، އެމްޑީޕީގެ 33،000 މެންބަރުން ތަމްސީލުކުރައްވާ އެޕާޓީގެ ޗެއާޕާސަން އަލް އުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، ރައްޔިތުންގެ މަޖިލީހުގެ 30 ދާއިރާ އެއް ތަމްސީލުކޮށްދޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ވިދާޅުވާ ބަސްފުޅު ރައީސްގެ އަރިހުގައި ވިކެން ޖެހޭނޭކަން އިދިކޮޅު ފަރާތްތަކަށް ގަބޫލުކުރެވެން ޖެހޭނޭ ކަމުގައެވެ.
ޑީއާރުޕީ އާއި ޕީއޭގެ ކޯލިޝަން ތެރޭގައި ވެސް ހަމަނުޖެހުން އުޅޭކަމަށާއި، އެކަން މަޖިލީހުގެ ތެރެއިން އެނގޭ ކަމަށާއި، ނަމަވެސް މިފަދަ ހަމަނުޖެހުމަކާ މެދު ފާޅުގައި މިއިން އެއްވެސް ޕާޓީ އަކުން އާންމު ފޯރަމެއްގައި އެއްޗެއް ބުނެފައި ނުވާ ކަމަށް ވިދާޅުވަމުން، ސިޔާސީ ގޮތުން ހިންހަމަނުޖެހޭ ކަމެއް ދިމާވާއިރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފަދައިން ކޯލިޝަންގައި ހިމެނޭ އެހެން ފަރާތްތަކަށް ފާޑުކިއުމަކީ ވަރަށް ދަށް ފެންވަރުގެ އަމަލެއް ކަމުގައި މޫސަ ވިދާޅުވިއެވެ. އެހެން ނަމަވެސް ގައުމީ އިއްތިހާދުން އެގޮތަށް އަމަލުކުރަން ފެށުމުން އެމްޑީޕީން ވެސް ދެން އަމަލުކުރާނީ ހަމަ އެބީދައިން ކަމުގައި މޫސަ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފައިނޭންސް އެންޑް ޓްރެޜަރީ އަސްލަމް މުހައްމަދު ޝާކިރު، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަހުމަދު ނަސީމް އަދި މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެ ވެސް ވާހަކަފުޅު ދެއްކެވިއެވެ.