ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަގުތުން އިސްތިއުފާ ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގޮވާލައިފި

28 އެޕްރީލް 2010

gaumee-ithuhaadmoosa-at-haruge

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވަގުތުން ސަރުކާރުން އިސްތިއުފާ ދިނުމަށާއި ސަރުކާރުގެ ކެބިނެޓް ބަދަލުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގޮވާލައިފިއެވެ. އެގްރޫޕުން މިކަމަށް ގޮވާލީ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ އާންމު ޖަލްސާ އެއް ގައި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކެވެ.
ރޭގެ ޖަލްސާގައި މޫސަ ދެއްކެވި ވާހަކަފުޅުގައި ވީޓީވީގަ އާއި އަދި ގައުމީ އިއްތިހާދުން ޑީއާރުޕީގެ ސަޕޯޓަރުންނާއި އެކު ޤިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ޑރ.ވަހީދު ސަރުކާރާ ދެކޮޅަށް ދައްކަވާފައިވާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި ޑރ.ވަހީދު ވާހަކަފުޅު ދެއްކެވިއިރު އެ ޖަލްސާގައި އެޕާޓީއަށް ނިސްބަތްވާ، ސަރުކާރުގެ މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ވެސް އެވާހަކަފުޅުތަކަށް ތަރުހީބު ދެއްވަން ތިއްބެވި ކަމަށާއި، އެބޭފުޅުން ވެސް ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިންހަމަޖެހިވަޑައި ނުގަންނަވާނަމަ އިސްތިއުފާ ދެއްވުމަށް މޫސަ ގޮވާލެއްވިއެވެ.
“އަޅުގަނޑު ވަރަށް ފާޅުގަ މިބުނަނީ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާދޭށޭ. ގައުމީ އިއްތިހާދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން އަތްތިލަ ބަޑި ޖެއްސެވި ވަޒީރުން ވެސް އިސްތިއުފާ ދޭށޭ.” މޫސަ ވިދާޅުވިއެވެ. ” ސަރުކާރުގެ އެއް ދާއިރާގަ ނަޝީދިއްޔާ ޚިޔާލު. އަނެއް ދާއިރާ އެއްގަ ވަހީދިއްޔާ ޚިޔާލު ހުރެގެން ގައުމެއް ނުހިންގޭނެ.”
މޫސަގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި ރިޔާސީ ދައުރުގައި ބާކީ އޮތް 3 އަހަރުގެ ތެރޭގައި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ބާރަށް ކުރަންޖެހިފައިވާ ކަމަށާއި، މިކަން ކުރެވެން އޮތީ ސަރުކާރުގެ ސިޔާސަތުތައް ގަބޫލު ނުކޮށް، އެސިޔާސަތުތައް ތަންފީޒް ކުރުމަށް ހުރަސްއަޅާ މީހުން ސަރުކާރުން ބޭރުކޮށްގެން ކަމުގައެވެ.