ރައީސުލްޖުމްހޫރިއްޔާ ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭއާ އިއްޔެ ބައްދަލުކުރައްވައިފި

hep-meets-bhutani-pm

28 އެޕްރީލް 2010

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. އިއްޔެ މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުން އޮތީ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އިސްވެރިން ތިއްބެވުމަށް ބޫޓާނުގައި ހަދާފައިވާ ސާކް ވިލެޖްގައި ރާއްޖޭގެ ރައީސް ހުންނެވުމަށް ޚާއްޞަ ކުރެވިފައިވާ “މޯލްޑިވްސް ހައުސް” ގައެވެ.
މި ބައްދަލުކުރެއްވުމުގައި ކުރީގެ ސާކު ސަމިޓްތަކާ ހިލާފަށް މިއަހަރުގެ ސަމިޓަކީ ނަތީޖާ ނެރެވޭ ސަމިޓަކަށް ހެއްދެވުމުގެ މުހިންމު ކަމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 16 ވަނަ ސާކް ސަމިޓްގެ މައިގަނޑު ތީމެއްގެ ގޮތުގައި ތިމާވެށި ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވަމުން، ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ ސަލާމަތަށްޓަކައި، ތަރައްޤީ ވެފައިވާ ޤައުމުތަކާއި، ތަރައްޤީ ވަމުން އަންނަ ޤައުމުތަކުންވެސް ޖައްވަށް ދޫކުރާ ކާރބަންގެ މިންވަރު މަދުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޫޓާނުގައި މިހާރު ކުރިއަށްދާ ހައިޑްރޯ ޕަވަރ ބޭނުން ކޮށްގެން ކަރަންޓް އުފައްދުމުގެ މަޝްރޫޢަށް ތަޢުރީފު ކުރައްވިއެވެ. އަދި މިކަމަކީ މުޅި ސާކަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމެއްކަމަށާއި، މި މަޝްރޫޢު އިތުރަށް ކުރިއެރުވުމަށް، އިތުރު އިންވެސްޓްމަންޓްތައް ހޯއްދެވުމުގައި މަސައްކަތް ކޮށްދެއްވުމަށް ރާއްޖެއިން ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ބޫޓާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ދުނިޔޭގެ ތަރައްޤީވެފައިވާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ތާއީދު ކުރައްވާ ކަމަށާއި، އެކަމުގައި ބޫޓާނުން އެއްބާރުލުންދީ ރާއްޖެއާއެކު މަސައްކަތް ކުރާނެ އެކަމުގައި ވިދާޅުވިއެވެ. އަދި ބޫޓާނާއި ރާއްޖެއާ ދެމެދު ޤުދުރަތީ ގޮތުން ތަފާތު ތަކެއް ހުރިކަމުގައިވިޔަސް، ބޫޓާނަކީވެސް މޫސުމަށް އަންނަ ބަދަލުތަކަށް ވަރަށް ނާޒުކު ޤައުމެއްކަމަށާއި، މިހާރުވެސް މިކަމުގެ ނުރައްކާތައް ތަޖުރިބާ ކުރަމުންދާ ޤައުމެއްކަން ބޫޓާނުގެ ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މިދިއަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވެވި ކަނޑުއަޑީގެ ކެބިނެޓް މީޓިންގެ ފުރިހަމަކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ޙައްލެއް ނުގެނެވިއްޖެނަމަ، މިކަމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާނެ ނުރައްކަލުގެ ހަޤީޤީ މަންޒަރެއް މި ޙަރަކާތުން ދުނިޔެއަށް ހާމަކޮށްދިން ކަމުގައިގައި ވިދާޅުވިއެވެ.
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ރައީސުލްޖުމްހޫރިއްޔާ އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ރާއްޖޭގައި ޑިމޮކްރަސީ އަށަގަންނަވާ ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ބޮޑުވަޒީރު ތިންލޭ މަރުޙަބާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާއަކީ ސާކަށް ލިބިގެންދިޔަ ވަރަށް މުހިންމު ބޭފުޅެއްކަމަށާއި، އަދި އެމަނިކުފާނަކީ ސާކު އިތުރަށް ކުރިއަރުވާ ފުރިހަމަ ކުރެއްވުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ބާރެއްކަމުގައި ވިދާޅުވިއެވެ.
އަދި ބޫޓާނުގައި ސާކް ސަމިޓް ބޭއްވުމަކީ އެޤައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށާއި، އެ ޤައުމަށް މި އަހަރުގެ ސާކް ސަމިޓް ބޭއްވުމުގެ މަގުފަހިކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޫޓާނުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުންނަށް ވިދާޅުވި ހޫނު މަރުޙަބާއާއި ދެއްވަމުން ގެންދަވާ މެހްމާންދާރީއަށްޓަކައި ބޫޓާނު ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ވެސް ސާކުގެ ބައެއް ގައުމުތަކުގެ އެންމެ އިސްވެރިންނާ ރައީސް ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. މިހާތަނަށް އެމަނިކުފާނު ބައްދަލުކރެއްވި ބޭފުޅުންގެ ތެރޭގައި ނޭޕާލުގެ ބޮޑުވަޒީރު މަދަވް ކުމާރު ނެޕޯލާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕްކްސައާ ބައްދަލުކުރެއްވިއެވެ.
މިއަހަރުގެ ސާކް ސަމިޓްގެ ތީމެއްގެ ގޮތުގައި ސާކުން ހަމަޖައްސާފައިވަނީ “ޓްވާރޑްސް އަ ގްރީން އެންޑް ހެޕީ ސައުތު އޭޝިޔާ” ނުވަތަ ފެހި އަދި އުފާވެރި ދެކުނު އޭޝިއާ އަކަށް، މި ތީމެވެ.