ނޫސް ބަޔާން

އެމްޑީޕީގެ މެންބަރުން އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ކުށްވެރިކުރުން

27 އެޕްރީލް 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގައި ރަޖިސްޓްރީ ވެފައިވާ ގިނަ އަދަދެއްގެ މެންބަރުން، އެމެންބަރުންނަށް ނޭނގި ގަވައިދާ ޚިލާފަށް އެހެން ޕާޓީތަކަށް ވެއްދުން އާންމު ވަމުންދާތީ އެކަން މިޕާޓީން ކުށްވެރިކުރަމެވެ.
އެގޮތުން މިމަހު ކުރީކޮޅު މިޕާޓީގެ ވަރަށް ހަރަކާތްތެރި މެންބަރެއް ކަމުގައިވާ ވިންދު ގޮފީގެ ރައީސް، ސ.މަރަދޫފޭދޫ، އަލަނާސިގޭ މުހައްމަދު ލަޠީފަށް ނޭނގި އެބޭފުޅާ ގައުމީ އިއްތިހާދު ޕާޓީ އަށް ވައްދާފައިވާ ކަން އިލެކްޝަންސް އިން ލިބުނު ލިސްޓަކުން އަޅުގަނޑުމެންނަށް ކަށަވަރުވިއެވެ.
ވީމާ މިޕާޓީއާއި ޕާޓީގެ މެންބަރުންގެ ހައްގުތައް ހިމާޔަތް ކުރުމަށް، މިފަދަ ޒިންމާދާރުކަން ކުޑަ، އަމަލުތައް ކުރަމުންދާ ޕާޓީތައް ޒިންމާދާރު ކުރުވައި، ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް މިފަދަ ޕާޓީތަކުން ކުރަމުން މިދާ އަމަލުތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް މިޕާޓީން ގޮވާލަމެވެ.
އަދި މިފުރުޞަތުގައި، މިވަގުތު އަޅުގަނޑުމެންގެ ހުރިހާ މެންބަރުންވެސް ރަޖިސްޓްރީ ކުރެވިފައި ވަނީ އެމް.ޑީ.ޕީ ގައިތޯ ޔަގީން ކުރުން މުހިންކަމަށް ދެކެމެވެ. މިގޮތުން މެމްބަރޝިޕް ޗެކްކުރެއްވުމަށް PPR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވައި އައިޑީ ކާޑު ނަންބަރު ޖެއްސެވުމަށްފަހު 1414 އަށް SMS ކުރެއްވުމުން އެހެން ޕާޓީ އެއްގައި ވާނަމަ އަޅުގަނޑުމެންގެ ފޯން ނަންބަރު 3340044 އާ ގުޅުއްވައި ނުވަތަ membership@secretariat.org.mv އަށް އީމެއިލް ކުރައްވާ އެކަން އަންގަވައި ދެއްވުން އެދެމެވެ.
ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް